
ފުލުހުން ބުނެފައިވަނީ މަޑުއްވަރީގައި މާޗްމަހުގެ 24 ވަނަ ދުވަހުގެ ރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުން ކޯޓަށް ހާޒިރުކުރުމުން، އެއްމަސް ދުވަސް ވަންދެން އެއްވުން ތަކުގައި ބައިވެރި ނުވުމަށް ޝަރުތުކޮށް ރޭގައި އެމީހުން ވަނީ ދޫކޮށްލާފައި ކަމަށެވެ.
މަޑުއްވަރީގައި ކުރި މުޒާހަރާއާއި ގުޅިގެން ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައި ވާއިރުގައި އެކަކުވަނީ ބަންދުގެ ތިން ދުވަސް ފުރިހަމަ ކުރުމަށް ފަހުގައި ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލައިފައި ކަމަށް ފުލުހުން ބުނެއެވެ.
އަދި މަޑުއްވަރީގައި ހަމަނުޖެހުން ހިންގާ ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާ ދީފައިވާ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުނެފައި ވެއެވެ.
14 އަހަރުގެ އަންހެން ކުއްޖަކު، މާޗް މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި އޭނާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސް އަކަށް ބަޔަކު ވައްދައި، މަރާލާނެކަމުގެ ބިރު ދައްކައި، ރޭޕްކޮށްފައިވާކަމަށް އާއިލާއިން ބުންޏަސް ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަމުގައި މިހާތަނަށް މީހަކު ހައްޔަރުކުރެވިފައި ނުވަނީ ހެކި ނެތިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.