ads
ވީޑިއޯ ރިޕޯޓް-
ދަތެއްގައި ރިހޭތާ އަހަރެއް، އާދޭސްކުރަނީ ފަރުވާ ލިބޭނެ ގޮތަކަށް!
ދިވެހިން ބޭސްފަރުވާއަށް ސަލާންޖަހާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ކޮންމެ ދުވަހަކު އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެތައް ބައެއް އެހީއަށް އެދެމުން އަންނަ މަންޒަރު ފެނިގެންދެއެވެ. މީގެ އިތުރުން މުހިއްމު އެތައް ފަރުވާއެއް މާލެއިން ލިބޭ ކަމީވެސް އަތޮޅުތެރޭ ދިރިއުޅޭ ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާ ކަމެކެވެ.

ރާއްޖޭގެ ބޭސްފަރުވާގެ ވާހަކަ ދައްކާނަމަ، އެންމެ "އެކްސެސިބަލް" ބޭސްފަރުވާއެއް ލިބެން އޮތީ މާލޭގައި ކަމީ އެންމެންވެސް ގަބޫލު ކުރާ ކަމެކެވެ. އަތޮޅުތެރޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އެދެވޭ ފަރުވާއެއް ފޯރުކޮށްދިނުމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެކެވެ. ނަމަވެސް މިކަމަށް އަދިވެސް އެދެވޭ ހައްލެއް ނުލިބޭ ކަމީ ހިތާމަވެރި ކަމެކެވެ.

ބޭސްފަރުވާއަށް އެދި ސަލާންޖަހާ އެތައް މީހުނެއް ރާއްޖޭގައި އުޅެމުން އަންނައިރު، އުތުރުގެ ރަށެއްގައި އުޅޭ ދިވެއްސެއް ވަނީ އޭނާގެ ތަޖުރިބާ ސީއެންއެމްއާއި ހިއްސާކޮށްފައެވެ.

އޭނާ ދިރިއުޅެމުން އަންނަނީ ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. އެއީ ބޮޑު ރީޖަނަލް ހޮސްޕިޓަލެއް ހުންނަ ރަށެއްގައެވެ. ނަމަވެސް އޭނާ މިހާރު ދަތެއްގައި ރިހޭތީ އުޅޭތާ އަހަރެއް ވާން ގާތްވެފައިވާއިރު، އެކަމަށް އެކޮޅުން ހޯދޭނެ ފަރުވާއެއް ނެތެވެ.

އެމީހާ ކިޔައިދިން ގޮތުން އޭނާ މީހެ ނުވަވަރަކަށް މަސް ކުރިން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކި އިރު، ބޭސް ދިނުމަށް ފަހު ޑޮކްޓަރު ވަނީ އޭނާ ޖެހޭނީ ރޫޓް ކެނަލްއެއް ހަދަން ކަމަށް ބުނެފައެވެ. އޭނާ ދެއްކީ އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލަށް ނަމަވެސް، އެ ހޮސްޕިޓަލުގައި އެ ފަރުވާއެއް ނުދެއެވެ. 

ޑޮކްޓަރުވެސް ވަނީ އޭނާ ޖެހޭނީ މާލެގޮސް، "ޕްރައިވެޓް" ހޮސްޕިޓަލަކުން އެ ހިދުމަތް ހޯދުމަށް ކަމަށް ބުނެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ. އަދި ދަތް އުފުރާލުމަކީ ކުރެވޭނެ ކަމެއް ކަމަށް ކިޔައިދިނެވެ. ނަމަވެސް އެވަގުތު އެވަރުގެ މާލީ ތަނަވަސްކަމެއް ނެތުމުން، އަދި މި ފަރުވާއަކީ އާސަންދަ ނުލިބޭ ފަރުވާއަކަށްވުމުން، އޭނާ ވަނީ މާލީ ގޮތުން ހަމައަކަށް އެޅެންދެން އެކަން މަޑު ޖައްސާލާފައެވެ.

އޭގެފަހުން ނުވަ މަސްދުވަހު އުޅުނީ ދަރުގެ ރިހުން ކެނޑުވުމަށް އަމިއްލައަށް ބޭސް ގަނެގެން އެ ކައިގެން، އަދި ލޮނާއި ކަރަންފޫފަދަ ގޭގައި ކުރާ ކުދި ފަރުވާތައް ކޮށްގެން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެންމެ ފަހުން މިދިޔަ މަހު ކުރީކޮޅު ޑޮކްޓަރަށްދެއްކީ ހަމަ އެއްވެސް ވަރަކަށް ކެތް ނުވެގެން ކަމަށް އޭނާ ކިޔައިދިނެވެ.

ޑޮކްޓަރަށް ދައްކައިގެން ހީވީ އޭނާގެ ބައްޔަށް އިތުރު ބުރައެއް ކުރިމަތިވިހެން ކަމަށް އޭނާ ކިޔައިދިނެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ ދެ ޑެންޓިސްޓުން އޭނާއަށް ފަރުވާ ދިން ކަމަށާއި، ދެމީހުންވެސް ކަންކުރީ ވަރަށް ރުންކުރުކޮށް ކަމަށް އޭނާ ކިޔައިދިނެވެ. 

އެގޮތުން އައްސިކޮށްގެންވެސް ތަދަށް ލުޔެއް ނުލިބުމުން، ދަތް ނުނެގޭގޮތް ވުމުންވެސް ޑޮކްޓަރު ރުޅިއައީ އޭނާދެކެކަމަށާއި، ޕޭޝަންޓުން ދައްކާ ވާހަކައަށް ޑޮކްޓަރު ސަމާލުކަން ނުދޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި އޭނާއާމެދު ކަންކުރިގޮތް ހޮސްޕިޓަލަށް އެންގުމުން އެހެން ޑޮކްޓަރަކަށް އެޕޮއިންޓުމަންޓު ހަދައިދިން ނަމަވެސް، އެ ދުވަހު ދެ ޑޮކްޓަރުން ތިބިކަމަށާއި، ދެމީހުންވެސް އޭނާއާއި މުހާތަބުކޮށް ކަންކުރި ގޮތުން އެ ދެ ޑޮކްޓަރުންގެ ފަރާތުން އޭނާއަށް އަނިޔާއެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވެ، އިތުރު ފަރުވާއެއް ބޭނުން ނޫން ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

އަދި ފަހުން އެ ހާދިސާ ހޮސްޕިޓަލާއި ހިއްސާ ކުރުމުން، ފަހުން ދެއްކި ޑޮކްޓަރަށް އިތުރު އެޕޮއިންޓުމަންޓެއް ހަދާ، ހޮސްޕިޓަލުން ވާހަކަ ދެއްކި މީހާ އޭނާއާއެކު ދިޔަ ކަމަށާއި، އެދުވަހު އެ ޑޮކްޓަރު ކަން ކުރީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ކިޔައި ދިނެވެ. ނަމަވެސް އޭނާގެ ދަތަށް ރަށުން ފަރުވާއެއް ނެތް ކަމީ އޭނާ ފާހަގަ ކުރާ ކަމެކެވެ.

މި މައްސަލައިގައި މިހާރު އޭނާ ވަނީ ހެލްތު މިނިސްޓްރީ، އެންސްޕާ އަދި ރައީސް އޮފީހުގައިވެސް އެހީތެރިކަމަށް އެދިފައި ކަމަށް އޭނާ ކިޔައި ދިނެވެ. ނަމަވެސް އެއްވެސް މައްސަލައަކަށް އަދިވެސް ހައްލެއް ނުލިބޭކަން އޭނާ ފާހަގަ ކުރިއެވެ. 

ދަތެއްގައި ރިއްސާތީ، އެދެވޭ ފަރުވާއެއް ނުލިބި އުޅޭތާ އަހަރެއްވެފައިވާއިރު، އޭނާއަށް މިހާރު ވަނީ ގޮތް ހުސްވެފައެވެ. މާތީ ތަނަވަސްކަމެއް ނެތުމުން އޭނާއަށް މާލެ އާދެވޭގޮތެއްނެތެވެ. ކުރިންމާލޭގައިުއްޔަށް އުޅުމަށްފަހު، މީގެ ދޮޅުއަހަރު ކުރިން ރަށަށް ބަދަލު ވުމަށްފަހުވެސް އުޅެމުން އަންނަނީކުއްޔަށްކަން އޭނާ ފާހަގަ ކުރިއެވެ. އަދި ދެ ކުދިން ހުރި ކަމަށާއި، ކިތަންމެ ބޭނުންނަމަވެސް މާލެއަށް ފަރުވާއަށް އާދެވޭނެ ގޮތެއް ނެތްކަން އޭނާ ހާމަކުރިއެވެ. 

މިއީ މިފަދަ އެންމެ ވާހަކައެކެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި އަތޮޅު ހޮސްޕިޓަކުތަކާއި ރީޖަނަލް ހޮސްޕިޓަލުތައް ހުރިނަމަވެސް، މިކަމުން ރައްޔިތުންނަށްވާ ފައިދާއެއް ނެތެވެ. ކިރިޔާ ކަމެއްވާއިރަށް މިޖެހެނީ މާލެއަށް ފަރުވާއަށް އަންނާށެވެ. އެއީވެސް އެތައް ހަރަދެކެވެ. އަދި މިއީ ކޮންމެ މީހަކަށް ކުރެވޭނެ ހަރަދެއް ނޫނެވެ.

ގައިމުވެސް އަހަރު ދުވަސް ވާއިރު ފަރުވާއެއް ނުލިބުމީ މައްސަލައެކެވެ. އެތައް ރައްޔިތުންނެެއް މިހާރުވެސް ބޭސްފަރުވާގެ އެކި ކަންކަމު އާންމުންގެ އެހީޢަށްއެދި، އާންމުންގެ ދީލަތި އެހީއިން "ފަންޑްރެއިޒް" ކުރަމުން އަންނަނީވެސް އެންމެނަށް ގައުމު ބޭސްފަރުވާގެ ކަންކަން "ޢެކްސެސިބަލް" ނުވުމުންނެވެ. ދަތެއްގައި ރިއްސާތީ، އެކަން ރަނގަޅު ކުރަންވެސް މިހާރު މިއޮތީ ފަންޑްރެއިޒްކުރާ ހާލަށް ޖެހިފައެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް