ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ އިއްޔެ ވެސް އެރަށުން 11 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ޖުމްލަކޮށް އެރަށުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 149 ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
އެރަށުން މިހާތަނަށް ދެ މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
މީގެ އިތުރުން އެރަށުގައި ޖުމްލަކޮށް 186 ގޭގައި މީހުން ދިރިއުޅޭއިރުގައި އޭގެ ތެރެއިން 102 ގެ ވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި ރަށުގެ 75 % މީހުން ތިބީ ކަރަންޓީނުގައި ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
އެރަށުން ޖުމްލަކޮށް 673 ސާމްޕަލް ނަގާފައިވާއިރުގައި އޭގެތެރެއިން 493 މީހުން ވަނީ ނެގެޓިވްވެފައި ކަމަށާއި 43 ސާމްޕަލްވީ ޕެންޑިންގައި ކަމަށް ވެސް އީސާ ވިދާޅުވި އެވެ.
މީގެ އިތުރުން ހުރާގައި ޖުމްލަކޮށް 1800 އެއްހާ މީހުން ދިރިއުޅޭ އިރުގައި ރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެތަށް ދުވަހެއް ވެފައިވާއިރުގައި މާލީ ގޮތުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އީސާ ފާހަގަކުރެއްވި އެވެ.
އެގޮތުން އެރަށުގައި އާމްދަނީ ހޯދުމަށް ރަށްޔިތުން ކުރާ މަސައްކަތަކީ ގެސްޓު ހައުސް ހިންގުމާއި މަހަށް ދިޔުމެވެ. މަސްވެރިންނަށް މަހަށް ދެވުނަސް ރަށުގައި ރިސޯޓުތަކަށް މަސައްކަތައްދާ ކުދިން ތިބީ ވަރަށް ހާލުގައި ކަމަށް ވެސް އީސާ ފާހަގަކުރެއްވި އެވެ.
ހުރާގެ ރަށްޔިތުން ދަތިހާލުގައި ތިބި ނަމަވެސް ކައިރި ރަށްރަށުން ދޭ އެހީތެރި ކަމަށާއި ހެޕީ މާޓުން ވެދިން އެހީއަށް އީސާ ވަނީ ހުރާ ކައުންސިލްގެ ފަރާތުން ޝުކުރު ދައްނަވާފަ އެވެ.