ads
ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް--ފޮޓޯ:މަޖިލިސް
"ސަރުކާރުގެ އަމާޒަކީ ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާ ވާންޖެހޭ މިންވަރު ކުޑަކުރުން"
ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ސިއްހީ ހިދުމަތްތަކުގެ ތަފާތު ކުޑަކޮށް ސިއްހީ ފަރުވާއަށް މާލެއަމަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށްބޮޑަށް ދައްކުރުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ހެޔޮއެދުންތަކާއި ތަހްނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް މިނިސްޓަރު އަރިސްކުރައްވައެވެ. 

މިނިސްޓަރު ވިދާޅުވީ ދުނިޔެ މީން ޒަމާނަކުވެސް ނުދެކޭފަދަ ކައުނީ ވަބާއެއްގައި ވަނިކޮށް، މިއީ ދުނިޔޭގެ ސިއްހަތު ދުވަސް ވިދިވިދިގެން ފާހަގަކުރާ ދެވަނައަހަރު ކަމަށެވެ.

ގައުމެއްގެ ތަރައްގީއާއި ކުރިއެރުން ބިނާވެގެންވާ އެންމެ މައިގަނޑު އެއް އަސާސަކީ އެ ގައުމެއްގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަމަށާއި އެ ދުޅަހެޔޮކަން ނެތި ހިނގައްޖެނަމަ ދިމާވެދާނެ ގިލަންވެރިކަމާ ހިތްދަތިކަން ކޮރޯނާ ވައިރަސް ގެ ކައުނީ ވަބާއިން ރާއްޖެއަށް އަދި މުޅި ދުނިޔެއަށް ވެސް މިދަނީ ސާބިތުކޮށްދެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ކަމުން، ދުނިޔޭގެ ސިއްހަތު ދުވަސް މިއަދު ފާހަގަކުރާއިރު، ދުވަހުގެ ޝިއާރާއި އެއްގޮތަށް، ހަމަހަމަކަން ކަށަވަރު ކުރެވޭ، ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއްގެ ތެރެއިން ދުޅަހެޔޮކަން ކަށަވަރު ކުރުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމުގެ ފަލްސަފާ އަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްގީގެ އެންމެހާ މަސައްކަތްތައް ވުޖޫދުވެ ބައްޓަން ކުރުމަށް އެންމެބޮޑަށް ބަރޯސާވާ މަސްދަރު ކަމަށާއި ތަރައްގީގެ އެންމެހާ މަޝްރޫއުތައް އަދި ވަކިން ހާއްސަކޮށް ސިއްހީ ފަރުވާގެ ނިޒާމާއި ސިއްހީ ހިދުމަތްތައް، މި ގައުމަށް އެންމެ އެކަށީގެންވާ ގޮތަށް ލާމަރުކަޒު ކުރެވިގެން ރޭވިފައި މިވަނީ، އެމީހަކު ހުރި ކޮންމެ ތަނަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ހަމަހަމަ ކަމާއިއެކު ދިނުމުގެ މުހިއްމު މަގްސަދުގައި ސިއްހީ ފަރުވާގެ އަސާސީ ހައްގު ކަށަވަރުކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން މިހާތަނަށް އެ ވިސްނުމުގައި ސިއްހީ ހިދުމަތުގެ ނިޒާމުތަކަށް ގެނެސްފައިވާ ބަދަލުތަކަށް އަދި ވަކިން ހާއްސަކޮށް އަތޮޅުތެރެއަށް އަމާޒުކުރެވިގެން ރޭވިފައިވާ ސިއްހީ ފަރުވާގެ ބޮޑެތި މަޝްރޫއުތަކަކީ، މިހާތަނަށް ރާއްޖެ ސިއްހީ ދާއިރާއިން ދެކެފައިނުވާ ފަދަ އިންގިލާބީ ކުރިއެރުންތައް ގެނުވައިދޭނޭ ކަންކަން ކަމަށް ވެސް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

އަދި ގުދުރަތީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ހިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި އެއީ ހަރަދުބޮޑު އުނދަގޫ ކަންކަން ކަމުގައިވީނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ސިއްހީ ހިދުމަތްތަކުގެ ތަފާތުތަށް ވަރަށްބޮޑަށް ކުޑަކޮށް ސިއްހީ ފަރުވާއަށް މާލެއައުމަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށްބޮޑަށް ދައްކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެންމެ އުއްމީދީ ބަދަލުތަކެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެ ދަށުން، އެ ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ހާއްސަ ފަރުވާގެ ހިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާ އިންސާނީ ވަސީލަތްތައް އިތުރުކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އިމާޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމާޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވި އެކަމުގެ ފަންނީ ހިދުމަތްތެރިން ތަމުރީނު ކުރެވޭނެ ކަމަށާއި 12 ރަށެއްގެ ސިއްހީ މަރުކަޒުތައް އިތުރު ހިދުމަތްތަކާ ވަސީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ހެލްތު ސެންޓަރުތަކާ ހަސްފަތާލުތަކުގެ އާބާތުރަފިލުވާ އުމުރާނީ ތަރައްގީތައް ގެނެވިގެންދާނެ ކަމަށާއި ކެންސަރަށް ފަރުވާދެވޭ ފުރިހަމަ ގައުމީ މަރުކަޒެއް ފުރަތަމަ ފަހަރަށް ގާއިމު ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް