އިސްލާމިކް މިނިސްޓްރީއިން ބުނެފައި ވަނީ މިއަހަރު ސައުދީގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަދުރު ބަހާނީ ހަމައެކަނި ފަގީރުންނާއި މިސްކީނުންނަށް ކަމަށެވެ.
އެގޮތުން ކޮންމެ މީހެއްގެ ބޮލަށް ކަދުރު ޕެކެޓެއް ބެހުމަށް ހަމަޖެހިފައިވާއިރު އަލަށް އެކުލަވާލި ފަގީރުންގެ ދަފްތަރުގައި ހިމެނެނީ 10،947 މީހުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
މިއަދާއި މާދަމާ ކަދުރު ބެހުން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށެވެ. އަދި މިމަހުގެ ނުވައެއް ވާ ހުކުރު ދުވަހު ކަދުރު ބެހުން ކުރިއަށްދާނީ މެންދުރު 14:00 އިން ހަވީރު 18:00 އަށެވެ.
އަދި މިމަހުގެ 10 ކުން 12 އަށް ހެނދުނު 10:00 އިން ހަވީރު 18:00 އަށް ކަދުރު ބެހުން ކުރިއަށް ދާއިރު ރޯދަ މަހުގައި ކަދުރު ދޫކުރުން ކުރިއަށް ދާނީ ހެނދުނު 9:30 އިން 12:00 އަށް ކަމަށް ވެސް އިސްލާމިކް މިނިސްޓަރީއިން ބުނެ އެވެ.
ކަދުރު ބޭނުންނާ މިސްކީނުންނާއި ފަގީރުންނަށް ކަދުރު ދޫކުރުން އޮންނާނީ އިސްލާމީ މަރުކަޒުގެ ލޮބީގަ އެވެ.
އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ފަގީރުންނަށް ކަދުރު ލިބޭނީ އެރަށެއްގެ ކައުންސިލްގެ ފަރާތުން ކަމަށާއި އިސްލާމިކް މިނިސްޓަރީއިން މިހާރު ދަނީ ކަދުރު ބަލާ އަންނަ ކައުންސިލްތަކަށް ކަދުރު ހަވާލުކުރަމުން ކަމަށް ވެސް އެ މިނިސްޓްރީއިން މައުލޫމާތު ދިނެވެ.
މިފަހަރު ސައުދީގެ ފަރާތުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 25 ޓަނުގެ ކަދުރެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު ކަދުރު ލިބުނު އަދަދު ވަނީ 26 ޓަނުުން ދަށަށް ގޮސްފަ އެވެ.