ކަރެކްޝަނުން މިނިވަން ކުރިކަމަށް ބުނެ އަޑުފެތުރިފައިވަނީ ހއ. ހޯރަފުށި އަންދަލީބުގެ، ހާޝިމް އަބޫބަކުރުއެވެ.
12 އަހަރާއި ފަސް މަހާއި 18 ދުވަހުގެ މުއްދަތަކަށް ހާޝިމް ޖަލަށްލާން ކްރިމިނަލްކޯޓުން ހުކުމްކުރީ 20 ނޮވެންބަރު 2022ގައެވެ. އެ ހުކުމުގެ މުއްދަތު ހަމަވާނީ 8 މެއި 2035 އަށެވެ.
ކަރެކްޝަނުން ބުނީ ހާޘިމް ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުންކަމަށެވެ. ހާޝިމްއަކީ 2022 އިން ފެށިގެން އުނަގަނޑުގެ މައްސަލައެއް ހުރެ ފަރުވާ ހޯދަމުން އަންނަކަމަށެވެ. އެގޮތުން އޭނާ ހަދަން ޖެހޭ ސާޖަރީ ރާއްޖެއިން ހެދެން ނެތް ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ 5 އޮގަސްޓު 2024ގައި ދީފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.
ފަރުވާއަށް ފަހު ހާޝިމް ވަނީ 16 ސެޕްޓެމްބަރު 2024ގައި އެނބުރި މާލެ އައިސްފައިވާކަށާއި އޭނާގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ރެކޮމެންޑޭޝަނާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ ހުކުމް ތަންފީޒު ކުރުމަށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވިފައިވާކަމަށް ކަރެކްޝަަނުން ބުނެއެވެ.
ވަގުތީ ގޮތުން ގޭބަންދުގައި ހުރި ނަމަވެސް، އުސޫލުތަކާ އެއްގޮތަށް އޭނާގެ އަމަލުތައް މޮނީޓަރުކޮށަް ބަލަހައްޓަމުން އަންނަކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.