އެމްޑީޕީގެ ވައުދުތަކުން ޒައްރެއްގެ މިންވަރުވެސް ހާސިލް ނުވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Advertisement
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ވައުދުތައް ނުފުދޭތީ އެމްޑީޕީ މީހުން ވެސް ކަންބޮޑުވާކަމަށެވެ.
"އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތަކުގެ ޒައްރެއްގެ މިންވަރު ވެސް ނުފުދޭތީ އެކަމާ ނުތަނަވަސް ވަނީ. އެކަމާ ޝަކުވާކުރަނީ. އެކަމާހެދި މިއަދު ވޯޓުލާން ބައެއް ބޭފުޅުން ވަޑައިނުގަންނަވާގޮތައް. ބައެއް ބޭފުޅުން ތަރައްގީގެ ވިސްނުން ހުރެގެން އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ވޯޓުދެއްވަން ނިންމެވީ،" - ޝިޔާމް
އެކިއެކި ލިޔުންތަކުގައި ސަރުކާރުގެ ރެވެނިއު ސްޓޭމްޕު ޖެހުމުގެ ގާނޫނު އުވާލުމުގެ އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރު އުޅެނީ ކުދިކުދި ގާނޫނު އުވާލުމާ، ގާނޫނުތަކަށް ކުދި ކުދި އިސްލާހު ގެނައުމުގައި ބިޒީކޮށްކަމަށެވެ.
ނަމަވެސް ރައްޔިތުން އިސްލާހު ކުރަން ބޭނުންވީ ޖުޑީޝަރީ ވެސް އިސްލާހު ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ރައީސް ސޯލިހު ވިދާޅުވި ޖުޑީޝަރީ އިސްލާހު ކުރާނެގޮތް ތިމަން މަނިކުފާނަށް އެބަ އެނގިވަޑައިގަންނަވައޭ. ތިމަންނަމެންގެ ލެޖިސްލޭޓިވް އެޖެންޑާގެ އެންމެ ކުރީގަ އޮންނާނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތޭ. ބައެއް ބޭފުޅުން ވިދާޅުވާގޮތުން ލެޖިސްލޭޓިވް އެޖެންޑާގެ 85 ޕަސަންޓު މަސައްކަތްތައް ނިމިއްޖޭ، އެކަމުވެސް ކޮވާތޯ އިސްލާހު ކުރައްވާނެކަމަށް ވިދާޅުވި ޖޭއެސްސީ؟ އެ އިސްލާހު ނައިސްގެން މިއުޅެނީ ކީއްވެތޯ؟"
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ދެ ދުވަހަށް ވުމުން ސަރުކާރުގެ ކުންފުނިތަކުން ރަށްރަށް ގޮސް ކަޑަޖަހަމުން ގެންދާކަމަށެވެ.
"މާލޭގަ ހުރި ވުޒާރާތަކުން ފެންނަނީ ކިއު ހައްދާފަ ތަފާތު އެކިކަހަލަ އެގްރީމަންޓުތަކުގަ ސޮއިކުރުވާތަން އިއްޒަތްތެރި ރައީސް. ރައްޔިތުން ބޭނުންވަނީ ކަޑަ ޖަހާކަށް ނޫން. ރައްޔިތުން ބޭނުންވަނީ ގިނަ އެގްރީމަންޓުތަކުގަ ސޮއިކުރި ސަރުކާރަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވާކަށް ނޫން،"