ads
ފޮޓޯ--ރައީސް އޮފީސް
ޗައިނާ ސަފީރު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓާ ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ހާރިޖީ ގުޅުމާއި ދެގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. 

އަދި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ޗައިނާ އިން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އަދި ހާއްސަ ގޮތެއްގައި ކޮވިޑްގެ ހާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކޮށްފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީގެ ދާއިރާއާއި، ސިއްހީ ދާއިރާ އަދި އެހެން ދާއިރާތަކުގެ ތަރައްގީއަށް ދެ ގައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެ ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ. އަދި، އެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެގައުމުގެ ގުޅުން ކުރިމަގުގައި އިތުރު ދާއިރާތަކުން ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް