ads
ޕީޖީ ހުސެއިން ޝަމީމް އާއި އޭސީސީގެ ރައީސާ ޝިއުނާ--
ވެންޓިލޭޓަރު މައްސަލަ: އާ ތުހުމަތެއްކޮށް ތަހުގީގުކުރަން ޕީޖީއިން އަމުރުކޮށްފި
ކޮވިޑް-19 ގެ ފަރުވާ އަށް ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އެހެން ތުހުމަތެއް ކުރުމަށްފަހު، މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަމުރުކޮށްފިއެވެ.

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލަގައި ދައުވާ ނުކުރަން ޕީޖީން ނިންމި ނިންމުން ބިނާވެފައި އޮތީ އޭސީސީ އިން އޭރު ކުރި ތަހުގީގުގެ މައްޗަށެވެ. 

އޭސީސީ އިން ތަހުގީގުކުރީ ކޮރަޕްޝަންގެ ތުހުމަތުގައެވެ. އެހެންނަމަވެސް އެ ދައުވާކުރުމަށް ފުރިހަމަވާންޖެހޭ އުންސުރުތައް ފުރިހަމަނުވާކަމަށް ޕީޖީ ކުރިން ބުނެފައިވެއެވެ.

ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމީވެސް އެ މައްސަލައިގެ ތުހުމަތުތަކުގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުގައި އެކަނިކަމަށް "ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން އެ ނޫން މައްސަލަތަކުގައި ދައުވާކުރެވުމުގެ ފުރުސަތު އޮންނާނެއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުގެ ބަހެއް ހޯދުމަށް ގުޅުމުން، ޕީޖީ އޮފީހުގެ ފަރާތުން ވިދާޅުވެފައިވަނީ އެ އޮފީހުގެ އިރުޝާދާ އެއްގޮތަށް މި މައްސަލައިގެ ތަހުގީގު އޭސީސީ އިން ކުރިއަށް ގެންދަވާ ކަމަށާއި، ތަހުގީގު ހިނގަމުންދާތީ މިވަގުތު އިތުރު ކަމެއް ހާމަ ކުރެވެން ނެތް ކަމުގައެވެ. އެހެންނަމަވެސް، އެހެން ތުހުމަތެއް ކުރުމަށްފަހު އެ ތުހުމަތުގެ މައްޗަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އަންގަވާފައިވާނޭކަން އެ އޮފީހުން ކަށަވަރުކޮށްދެއެވެ.

ދިވެހި ސަރުކާރުން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. އެއްބަސްވުމުގެ ދަށުން އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެއެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ. މި ތުހުމަތު ސާބިތުކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ ޕީޖީ އޮފީހުން ނިންމެވި ނިންމެވުން މުރާޖައާ ކުރުމަށް އެ އޮފީހުން ފަހުން ނިންމިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް