
މޭޔަރުކަން ކާމިޔާބުވުމާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މަގާމަށް ހޮވުމަށް ކެމްޕެއިން ކުރެއްވި އިރު ދެއްކެވީ މާލެ ރައްޔިތުންނަށް ދިމާވެފައިހުރި އެންމެ ބޮޑު ދަތިތައް ހައްލު ކުރުމުގެ ވާހަކަ ކަމަށެވެ.
އެގޮތުން މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ގެދޮރުގެ މައްސަލަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އޭނާ މޭޔަރު ކަމަށް ހޮވުމަށް ދިން ވޯޓަކީ މާލޭ ރައްޔިތުންގެ ގެދޮރުގެ މަންޒިލަކަށް ހަދަން ބޭނުންވާތީ ރައްޔިތުން ދިން ވޯޓެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ މި ދަތިކަމަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރާ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ސަރުކާރާ ވާހަކަ ދައްކައިގެން ގުޅީފަޅަކީ މާލެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އިރާދަ ކުރެއްވިއްޔާ އެކަން ކާމިޔާބު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރަސްމީކޮށް މަސައްކަތް ހަވާލުވާ ދުވަހުން ފެށިގެން އެންމެ ފުރަތަމަވެސް ފަށާނެ މަސައްކަތަކަށް ވާނީ ގުޅީފަޅުން މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.