ads
އެމްޑީޕީގެ ކެމްޕެއިނެއްގެ ތެރެއިން--- ފޮޓޯ ޕީއެސްއެމް
އެމްޑީޕީ އަށް ބޯންދިނީ ކޯރެއްގެ ކޯވަރެއް؟
މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން 61.32 އިންސައްތަ އާއެކު މުއިއްޒު އިންތިހާބު ކާމިޔާބު ކޮށްފައިވާކަމަށް ވަގުތީ ނަތީޖާ ދައްކާއިރު، އެމްޑިޕީގެ ކެންޑިޑޭޓު އަނަސް އަބްދުލް ސައްތާރަށް ލިބިފައިވަނީ 36.97 އިންސައްތަ ވޯޓެވެ. އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލި އަލްހާން ފަހުމީ ނުފެނިގެން ހޯދާ ބެލި އިރު، އޭނާއަށް ލިބިފައި ވަނީ 1.70 އިންސައްތަ ވޯޓެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީގެ 18 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ކުރިއަށް ގޮސްފައި ވާއިރު، އޭގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ހަތް ގޮނޑިއެވެ. ބާކީ 11 ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. 

މާލޭ ސިޓީއގައި ޕީޕީއެމްއިން ކުރިމަތި ލާފައި ވަނީ 13 ގޮޑިއަށެވެ. އޭގެ ތެރެއިން 11 ގޮނޑި އެމީހުން ކާމިޔާބު ކޮށްފައި ވާއިރު އެއް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާ އަކަށްވެސް އެމްޑީޕީއިން ވަނީ ކުރިމަތި ލާފައެވެ. އަދި އެއްދާއިރާގެ ގޮނޑި އެމީހުންނަށް ވަނީ އޮޓޯއިން ލިބިފައެވެ.

އައްޑޫސިޓީއަކީ އަބަދުވެސް އެމްޑީޕީއަށް ބޮޑު ތާއީދެއް ލިބޭ، ރަތްލާ ޖެހި އެމްޑިޕީގެ ސިޓީއެކެވެ. މީގެ އިތުރުން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ގދ. ތިނަދޫގެ ކައުންސިލްގެ ތިން ގޮނޑި ވެސް ވަނީ ޕީޕީއެމުން ކާމިޔާބު ކޮށްފައެވެ. 

ނަމަވެސް މިފަހަރު އައްޑު ސިޓީއިން ވެސް މިވަނީ އެމްޑީޕީއަށް ރަނގަޅު ކޯވަރެއް ބޯންދީފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑިޕީއިން ނެގި ކަމުގައި ވިޔަސް ކައުންސިލްގެ 12 ގޮނޑިގެ ތެރެއިން ހަ ގޮނޑި އިދިކޮޅުން ވަނީ ކާމިޔާބު ކޮށްފައެވެ. ބާކީ އިން ހަ ގޮނޑި އެމްޑީޕީއަށް ލިބުނު ނަމަވެސް މެޖޯރިޓީ ނުލިބޭތީ، މެޖޯރިޓީ ހޯދުމަށްޓަކައި މި ހިސާބުގެ ތެރެއަށް މޭޔަރުގެ ގޮނޑިވެސް ޖެހުނީ ވައްދާށެވެ.

އަތޮޅުތަކުން ވެސް ކުރީގައި އޮތީ ޕީޕީއެމް!

އަތޮޅު ކައުންސިލްތަކުގެ ރައީސުންނަށްވެސް މުޅި ރާއްޖެއަށް ބަލާލާނަމަ ވޯޓު ލިބިފައިވަނީ ދެބައި ހަމަކޮށެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީ އަދި ޕީޕީއެމް ދެ ޕާޓީއަށް ވެސް ލިބިފައިވަނީ 9 ގޮނޑިއެވެ. ނަމަވެސް ރަށު ކައުންސިލްތަކުގެ ރައީސުންގެ ރޭހުގެ ކުރީގައި ވެސް އުޅެނީ ޕީޕީއެމްއެވެ. އެގޮތުން ޕީޕީއެމްއަށް 121 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 110 ގޮނޑި ކަމަށް ވަގުތީ ނަތީޖާ ބުނެއެވެ. އެމްޑީޕީއާއި އަޅާ ބަލާއިރު ކައުންސިލަރުން ވެސް ގިނައިން ހޮވިފައިވަނީ ޕީޕީއެމުންކަމަށް ވަގުތީ ނަތީޖާ ދައްކައެވެ. 

މީގެ ކުރިން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް އައްޑުސިޓީ އަދި މާލެ ސިޓީ ފަދަ އާބާދި ބޮޑެތި ތަންތަނުން މިފަހަރު މިވަނީ އެމްޑިޕީއަށް "ދޯކާ" ދީފައެވެ. އަތޮޅުތަކުން ވެސް މިވަނީ ކޯވަރެއް ވެރިކަމުގައި އޮތް އެމްޑީޕީއަށް ބޯންދީފަ އެވެ. 

މިފަހަރު އައްޑުއާއި މާލޭގެ ރައްޔިތުން އެމްޑީޕީއަށް މި ބޯންދިނީ ޕެސްޓު ބުނާ ހެން ކޯރެއްގެ ކޯވަރެއް ނޫންތޯ؟ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ބޮޑު ކޯރު އެއްކޮށް އެމްޑިޕީއަށް ބޯންދިނުމަކީ ވެސް އެކަށީގެންވާ ކަމަކަށްވުމުން އެކަމާއި ވިސްނާލުން ބުއްދިވެރިއެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް