ads
ވާހަކަ
މަޖީދީ މަގުން މެންދަމު ފެނުނު ކުޑަ ކުއްޖާ
އަހަރެން ކޮންމެ ރެއަކު ވެސް ވަޒީފާ ނިންމާލުމަށް ފަހު ގެއަށް ދަނީ މަޖީދީމަގުންނެވެ. އަހަރެން މަސައްކަތް ކުރާ ރެސްޓޯރެންޓާ ގެއާއި މާ ދުރެއް ނުވާނެ އެވެ. އެންމެ އަވަހަށް ގެއަށް ދެވޭނީ މަޖީދީ މަގުން ކަމަށް ވާތީ އާންމުކޮށް ގެއަށް ދަނީ މަޖީދީމަގުންނެއެވެ.

ދުވާލު ތޮއްޖެހި ބައްޑުންވެފައިވާ އެމަގުން މެންދަމުގެ ހިމޭން ގަޑީގައި ލޮލު ކޮޅަށް ވެސް މީހަކު ނުފެ އެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް އެ ހަމަހިމޭން ހިތްގައިމު މާހައުލުގައި އަހަރެން ހިތްހަމަ ޖެހުމާއި އުފާ ހާސިލް ކުރަމުން ދިޔައީމެވެ.

ކަންފަތަށް ހެޑްސެޓް ޖަހާލުމަށް ފަހު އަހަރެންނަށް އެންމެ ކަމުދާ ލަވަތައް ޖަހަމުން ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަރެންގެ ކޮންމެ ރެއަކުވެސް ދަމެވެ.

އެރެއަކީވެސް އަހަރެން އަމިއްލަ ހިޔާލާ ފިކުރުގައި ގެއްލި ހުރެ ހިނގަމުން ދިޔަ ރެއެވެ. ތަފާތަކީ އާދަޔާ ހިލާފަށް މާހައުލުގައި ފިނިކަމެއް ހުރި ކަމަށެވެ. 

އަހަރެން ލައިގެން ހުރި ބޯ ސްވެޓާގެ ޖީބަށް އަތް ޖަހާލަމުން އަހަރެން ހިނގަމުން ދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުގެ މެދުގައި ހުރި ކުޑަކުއްޖެ އެވެ.

އެ ކުއްޖާގެ އިސްކޮޅަށް ބަލާލާފައި އެއީ އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރު ކުއްޖެއްހެން ހީވެ އެވެ. ނަމަވެސް ރަނގަޅަކަށް އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ.

އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެން ފެށި އެވެ. ނަމަވެސް މިހާ ދަންވަރު ކުޑަކުއްޖަކު ބޭރުގައި އުޅެނީ ކީއްވެތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދެމުން ދިޔަ އެވެ. އަނެއްކާ މީހަކު ބޭރަށް ދޫކޮށްލައިފައިވާ ކުއްޖެއް ބާ އެވެ. ގަޑިވެސް ބަލާލީމެވެ. ނަމަވެސް އޭރު 3:30 ވަނީ އެވެ. 

ކޮންމެ އަކަސް އަހަރެން ނިންމީ އެ ކުއްޖާގެ ގާތަށް ދިއުމަށެވެ. ތެޅިތެޅި އޮތް ހިތަކާ އެކުގައި އަހަރެން އެ ކުއްޖާއާ ދިމާލަށް ދިޔައީ މެވެ. ހިތުން ކުރުސި ކިޔަމުން ނެވެ.

އަހަރެން އެ ކުއްޖާއާ އަރާ ހަމަވިތަނާ ބާރު އަޑެއް ކިޔާފައި އެ ކުއްޖާ ގެއްލުނެވެ. އަހަރެންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔަ އެވެ. މޭގަނޑު އަތަށް ނައީ ކިރިޔާ އެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލުމަށް ފަހުގައި އަހަރެން އަވަހަށް ގެއަށް ދިޔައީމެވެ. އަދި އަވަހަށް ވުސޫކޮށްގެން ނަމާދުކުރީ މެވެ. އޭރުވެސް އަހަރެން ހިތް ބާރުބާރަށް ތެޅެމުން ދިޔަ އެވެ.

ކޮޓަރީގައި ގުރުއާން ޖަހައިގެން އޮއްވާ އަހަރެންނަށް ނިދިއްޖެ އެވެ. ޖެހިގެން އައި ދުވަހު އަހަރެން ވަޒީފާ ނިންމާލުމަށް ފަހުގައި ގެއަށް އައީ އެހެން މަގަކުން ނެވެ. އެރޭގެ ފަހުން އެ ކުޑަ ކުއްޖާއެއް އަހަރެން ނުދެކެމެވެ. 

11%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް