
ނަމަވެސް އެ އުފާވެރިކަން މާގިނަ ދުވަހަކު މޫނުމަތީގައި ހަރުލާފައި ނުހުރި އެވެ. އަހަރެންގެ ދިރިއުޅުން އެފުން މިފުށްކޮށްލި އެވެ. ދުވަހަކުވެސް ހީނުކުރާ ބިރުވެރި ކަންތައް ގަނޑަކާ ދިމާވި އެވެ.
އެގެއަށް އަހަރެންގެ އާއިލާ ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ގޮތް ނޭންގޭ ތަފާތު ކަންތައްތަކެއް ހިނގަން ފެށި އެވެ. ރޭގަނޑު ދަންވަރު ބިންމަތީގައި އެއްޗެއް ކޭތޭ އަޑާއި ދޮރުގައި މަޑުމަޑުން ތަޅާއަޑު އިވެން ފެށި އެވެ. އެއީ މާބޮޑު ކަމަކަށް އަހަރުމެން ފުރަތަމަ ނަހަދަމެވެ.
ނަމަވެސް އެއްރެޔަކު ބޭރަށް ދިއުމަށް ފަހު އަހަރުމެން ގެއަށް އައިއިރު ގޭތެރެ އޮތީ ސުންނާފަތިކޮށްފަ އެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ފާރުގައި ކަޅުއަކުރުން ލިޔެފައިވާ ލިޔުމަށެވެ. އޭގައި ވަނީ އެ ގެއިން އަހަރުމެން ނިކުމުގެން ދިއުމަށް އިންޒާރު ދީފައެވެ. އަހަރެންގެ މެއަށް ހީވީ ހޫނު ފެން އެއްޗެށް އޮއްސާލި ހެންނެވެ.
އަހަރެންގެ ފިރިމީހާ އަހަރެންނަށް ވިސްނާދިނެވެ. އެއީ ވައްކަން ކުރަން ގެއަށް ވަތްް ބަޔަކު ކޮށްފައިވާ ކަމެކޭ ބުނެއެވެ. އަހަރުމެން ފުލުހުންނަށް ވެސް ގުޅީމެވެ. ނަމަވެސް ގޭގައި ބޭނުންކުރާ އަގުބޮޑު އެއްވެސް ސާމާނެއް ގެއްލިފައެއް ނުވެއެވެ.
އެދުވަހުގެ ފަހުން އަހަރެންގެ ހިތުގައި އަބަދުވެސް ނުތަނަވަސް ކަމެއް ހުރެއެވެ. އަބަދުވެސް ހުންނަނީ ސިހުމެއްގެ ތެރޭގަ އެވެ.
ދުވަސްތައް ބިރުވެރިކަމާ ސިހުމުގެ ތެރޭގައި ގުނަމުން ދަނިކޮށް ދެން ކުރިމަތިވީ ހީވެސް ނުކުރާ ބިރުވެރި ކަމަކާއެވެ. އަހަރެންގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ދަންވަރު ގަޑީގައި އޭނާގެ ކުޅޭ އެއްޗިހި ހިފައިގެން ސިޓިން ރޫމްގައި މީހަކާ ވާހަކަދައްކަމުން ކުޅޭ މަންޒަރު ފެންނަން ފަށައިފިއެވެ.
އެތަން އަހަރެންގެ ފިރިމީހާއަށް ވެސް ފެނުނެވެ. އޭނާ އެންމެ ފަހަށް އަހަރެން ގޮވައިގެން ރުގްޔާ ކުރާ މީހެއް ކައިރިއަށް ދިޔަ އެވެ. އޭނާ އަހަރުމެންނަށް ދިމާވެގެން އުޅޭ ބިރުވެރި ކަންތަކުގެ ހަގީގަތް ކިޔާދިނެވެ.
އަހަރުމެން ދިރިއުޅެމުންދާ ގެއަކީ މީގެކުރިން މީހަކު މަރާލައިފައިވާ ގެއެއް ކަމަށް އޭނާ ކިޔައިދިނެވެ. އަދި އޭގެ ފަހުން އެގޭގައި އެއްވެސް މީހަކަށް ދިރިނޫޅެވޭ ކަމަށް ވެސް އޭނާ ކިޔާދިނެވެ.
އަހަރުމެން އަވަހަށް އެހެންތަނެއް ހޯދާ އެގެއިން ނިކުތީމެވެ. އެގޭގެ ތަޅުދަނޑި ހަވާލުކުރުމަށް ވެރިމީހާ ކައިރިއަށް ގޮސްފައި އޭނާ ކައިރީގައި އެވާހަކަ އަހަރުމެން އެހީމެވެ. އޭނާ އެކަމަށް އެއްބަސްވި އެވެ. އަދި އަހަރުމެންގެ ކިބައިން މާފަށްވެސް އެދުނެވެ.