ads
ފޮޓޯ:ސަން
މީ ތިބާގެ ފަހު ރޯދަ މަހަށް ވެސް ވެދާނެ: ހުތުބާ
މި ރޯދަ މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރޯދަ މަހާ ބައްދަލުވާނެކަން ޔަގީންވާ ކަމެއް ނޫން ކަމަށާއި، އެހެންކަމުން ރޯދަ މަހަށް ގަދަރުކޮށް އިހްތިރާމް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

ރޯދަ މަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ރޯދަ މަހަކީ އެތައް ގޮތަކުން ހާއްސަވެ، މާތްވެގެންވާ، ބަރަކާތްތެރި މަހެެއް ކަމަށެވެ. އަދި ރޯދަމަހު، ރޯދަ ހިފުމަކީ އިސްލާމް ދީނުގެ 4 ވަނަ ރުކުންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ރުކުނެއްގެ ގޮތުގައި ރޯދަ ހިފުން ކަނޑައެޅިފައި އެވަނީ، އެކަމުގެ މުހިއްމުކަމާއި މާތްކަމުގެ ސަބަބުންކަމަށެވެ. 

ރޯދަ މަހަކީ މަދު ދުވަސް ކޮޅެއް ކަމަށާއި ދާދި އަވަހަށް ނިމިގެން ހިނގައިދާނެ މަހެއް ކަމުން ކުރެވުނު ހެޔޮ ކަމަކުން މެނުވީ ފަހުން ފައިދާއެއް ނުކުރާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މި ރޯދަ މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރޯދަ މަހާ ބައްދަލުވާނެކަން ޔަގީންވާ ކަމެއް ނޫން ކަމަށާއި މިއީ ބައެއް މީހުންގެ އެންމެފަހު ރޯދަ މަސް ކަމަށް ވުންވެސް އެކަށީގެންވާ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. 

"މިދިޔަ އަހަރުގެ ރޯދަ މަސް، އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު ދުނިޔޭގައި ތިބި އެތައް އަހުންނަކާއި އުހްތުންނެއް ވަނީ، މި ރޯދަމަހާ ބައްދަލުވި އިރު އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފަ. މިއީ އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި ފެންނަން އޮތް ހަގީގަތެކެވެ. މި ރޯދަ މަހާ ބައްދަލުވުމަކީ، ކުރިއަށް އޮތް ރޯދަ މަހާ ބައްދަލުވާނެކަން ޔަގީންވާ ކަމެއް ނޫން. ރޯދަ މަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔޭގައި ތިބޭނީ ކިތައް މީހުން ކަމެއްވެސް ނޭނގެއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ އެންމެފަހު ރޯދަ މަސް ކަމަށް ވެސް ވެދާނެއެވެ. ވީމާ މިމަހަށް ޤަދަރު ކުރާށެވެ! އިޙްތިރާމް ކުރާށެވެ! އަޅުކަމުގެ މަހެއްގެ ގޮތުގައި ބަލައިގަންނާށެވެ!" -ހުތުބާ-

ދުނިޔެއިން ފެންނަމުންދާ ހަގީގަތަކީ އަދި ކަން ހިގާގޮތަކީ މިއީ ކަމަށްވީނަމަވެސް ބައެއް މީހުންގެ ހާލާމެދު ހިތާމަކުރަން ޖެހޭކަން ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އާހިރަތާ މެދު އާފިލުވެ، ރޯދަ މަހަކީ ކިހާ މަތިވެރި މަހެއްކަން އެބައިމީހުން ނުދަނަ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ، ކުޅިވަރާއި މަޖަލުގެ އަދި ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއް ކަމަށް ބައެއް މީހުންނަށް ހީވާކަން ފާހަަގަކޮށް ހުކުރު ހުތުބާގައި ބުނީ އެބައިމީހުންނަށް ވަނީ ރޯދައިގެ މަގްސަދު އޮޅިފަ ކަމަށެވެ ނަތީޖާއެއްގެ ގޮތުން ރޯދަމަހު ޒުވާބު ކުރުމާއި އަރާރުން ވުން ގިނަވެ، ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވާ ކަމަށެވެ. އަދި އެއީ އުޅެންވީ ގޮތެއް ނޫން ކަމަށް ބުނެފައިވެއެވެ.

"ލޮބުވެތި އަޚުންނޭވެ! އެއްގޮތަކަށް ވެސް މިއީ އަޅުގަނޑުމެން އުޅެންވީ ގޮތެއްނޫނެވެ. އަޅުގަނޑުމެންގެ އުމުރު ވަރަށް ކުރެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކީ، އުމުރުން އުނިވެގެންދާ ވަގުތުކޮޅެކެވެ. ލޮބުވެތި އަޚުންނޭވެ! އަޅުގަނޑުމެންގެ މިސާލަކީ ހެދިބޮޑުވަމުންދާ ގަހެއްގެ މިސާލެ. އެގަސް ހެދި ބޮޑުވެ ވަރުގަދަވެ. އާރޯ ކަމާއި ތާޒާކަން އާދެ. ދެން އޭގެ ފަހުން ހީނަރުވާން ފަށާ. ގަހުގެ ތާޒާކަން ގެއްލި އެންމެފަހުން ބަލިކަށިވެ ފަނާވެދެ. އަޅުގަނޑުމެންނަށް ވެސް ވާނީ ހަމަ އެހެން އަޅުގަނޑުމެންގެ ކުރީގެ މީހުންނަށް ވެސް ވީ ހަމަ އެހެންނެވެ" -ހުތުބާ-

މީގެ އިތުރުން ހުތުބުގައި ވަނީ އެކަން ކަމަށް ވިސްނައި ފިކުރު ކުރުމަށް ގޮވާލާފައެެވެ. ތިބާ ކުރިއަށް އޮތް ދަތުރަށް ތައްޔާރު ކޮއްފައި ވަނީ ކޮންކަހަލަ އަމަލުތަކެއްތޯ ސުވާލުކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. 

ކުރިއަށް އޮތީ ފަސޭހަ މަރުޙަލާތަކެއް ނޫން ކަމަށާއި ކުރިއަށް އޮތީ މަރުހިއްޕަވާ ވަގުތުކަމަށާއި ކައްވަޅުގެ އެކަނިވެރިކަން އަދި މަޙްޝަރުގެ މައިދާނާއި، ސިރާތު މަގު ހުރަސް ކުރުމާއި،  ހިސާބު ބެއްލެވޭވަގުތުކަން ފާހަގަކުރަމުން މި ރޯދަ މަހު ފާފަވުއްސެވުމަށާއި ދިންނެވުމަށް އެދި ގިނަ ގިނައިން ދުއާ ކޮށް މި މަހުގެ ހެޔޮކަން ލިބިގަނެ ހެޔޮ ގޮތުގައި މިމަސް ހޭދަކުރުމަށް ހުކުރު ހުތުބާގައި ވަނީ ގޮވާލާފައެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް