ads
ރުށް ކަނޑާލަނީ
ފިޔާތޮށިކުލަ ލާފައި ހުރި ރުކެއް ކަނޑާލުން: ކަންވީގޮތް މިއޮތީ
އެމްޑީޕީ ސެކެރިޓޭރިއަޓުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ރާއްޖެތެރޭގެ ރަށެއްގައި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ރީނދޫ ކުލައިގެ ހެނދުންތަކެއް ލައިގެންތިބެ ފިޔާތޮށިކުލައިގެ ފޮތި ގަނޑެއް އޮޅާފައިއޮތް ރުކެއް ކަނޑާ ވައްޓާލާ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ ސީދާ މަންޒަރު އަދި އެކަން ކުރި ބަޔަކު އެކަން ކުރީ ކީއްވެކަމެއް އެމްޑީޕީގެ ފަރާތުންވެސް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ސީއެންއެމްއަށް ވަނީ އެކަން ހިނގައިދިޔަ ގޮތުގެ ކަށަވަރު މައުލޫމާތު ތަކެއް ލިބިފައެވެ.

މިކަން ކޮށްފައިވަނީ ށ. ފޯކައިދޫގައެވެ. މިއީ މިފަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތީހާބުން އެމްޑީޕީ މެޖޯރިޓީ ނެގި އެެއް ކައުންސިލްގެ ތެރޭގައި ހިމެނޭ ކައުންސިލްއެކެވެ. 

އެގޮތުން އެ ރަށުން އެންމެ ކެނޑިޑޭޓެއް ފިޔަވައި ކައުންސިލަށް މުޅިންވެސް ހޮވިފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެެވެ. ދެންހުރި ކެނޑިޑޭޓް ހޮވުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށްގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުންނެވެ. މިކެނޑިޑޭޓް ހޮވިފައިވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ފަސް ކެނޑިޑޭޓުންގެ ތެރެއިން އެއް ކެނޑިޑޭޓު ނަން ނެގުމާއި ގުޅިގެން އޮޓަމެޓިކުންނެވެ. 

ސީއެންއެމްއަށް ވަރަށް އިތުބާރު ހުރި ގޮތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ކޮށްފައިވަނީ ކައުންސިލަށް އެމްޑީޕީގެ މެޖޯރިޓީ ލިބުމާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގެ ތެރެއިންނެވެ. އެގޮތުން އެމްޑީޕީއަށް ތާއީދުުކުރާ ގިނަ ބަޔަކު މި އުފާ ފާޅުކުރުމުގައި ބައިވެރިވެފައިވާއިރު، އެ ހިނގާލުން ނިންމާލަމުން ރުކެއްގައި ފިޔާތޮށި ކުލައިގެ ފޮތިގަނޑެއް ބަނުމަށްފަހު އެ ރުއް ކަނޑާލީއެވެ.  

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި އެމީހުން ބޭނުންވަނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް އެ ކައުންސިލުން ދުރަށް ލާށެއެވެ. އަދި އެ ކެނޑިޑޭޓް އެމްޑީޕީއާއި ގުޅިއްޖެނަމަ އެއްބާރުލުން ދޭނެ ކަމަށާއި ޕީޕީއެމް މެންބަރެއްގެ ގޮތުގައި ކުރިއަށްދާން ވަރަށް އުދަގޫވާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށްވެސް ސީންއެންއެމް އަށް މައުލޫމާތު ދެއްވި ފަރާތުން ބުނެފައިވެއެވެ. 

މިކަމާއި ގުޅޭގޮތުން އެރަށު ކައުންސިލްގެ ބަހެއް ހޯދުމަށް ސީއެންއެމްއިން ގުޅާލުމުން ކައުންސިލުން ވަނީ އެއީ އެމްޑީޕީ މެންބަރު މިމަހުގެ 11 ވަނަ ދުވަހު އުފާ ފާޅުކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް އެއްބަސްވެ ނަމަވެސް އެކަން ކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓެއް ހޮވިފައިވާތީ ކަމަށް ކުރެވޭ ތުހުމަތު ދޮގުކޮށްފަ އެވެ. 

ކައުންސިލުން ބުނީ އެއީ އެދުވަހު އުފާ ފާޅުކުރުމަށް އެމްޑީޕީ އެތަނުގައި ޖަހާފައިވާ ރުކެެއް ކަމަށާއި އެކަން ކުރީ އެކަހަލަ ނިޔަތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެއީ ކުޅުނު ޑްރާމާއެއް ކަމަށް ބުނެފައިވެއެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓަކީ ރަށުމީހުން ވޯޓު ދީގެން ހޮވި ކެނޑިޑޭޓެއް ނޫންކަމަށާއި އެއީ ޑަބްލިޔުޑީސީގައި ކުރިމަތިލި އެމްޑީޕީގެ ފަސް މެންބަރުންގެ ތެރެއިން އެއް ކެނޑިޑޭޓަކު ނަން ނެގުމާއި ގުޅިގެން އޮޓަމެޓިކްއިން ހޮވިފައިވާ ކެނޑިޑޭޓެއް ކަމަށެވެ. 

އެހެންވިޔަސް އިންތިހާބުގެ ކުރިންވެސް އެކެނޑިޑޭޓް ހޮވިފައި އިންކަން އިިނގޭކަމަށާއި އެމްޑީޕީގެ ކައުންސިލެއް އޮތަސް ޕީޕީއެމްގެ ކެނޑިޑޭޓަކަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރު ދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ. 

އެމްޑީޕީ ސެކެރިޓޭރިއަޓުން މިއަދު މި ވިޑިއޯ އާއްމުކޮށް މިކަން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެފަދަ އަމަލު ހިންގަން އެ ޕާޓީން ހިތްވަރުނުދޭ ކަމަށާއި އެ ޕާޓީގެ ސަޕޯޓަރެއް ވެސް އަދި މެންބަރެއް ވެސް އެފަދަ އަމަލުތައް ނުހިންގުމަށްވެސް ވަނީ އެދިފައެވެ.

20%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
55%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް