ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވީ ވައުދު ފުއްދިފައިވާ ކަމަށެވެ.
އެގޮތުން ރޯދަމަސް ފެށުމުގެ ކުރިންވެސް މިހާތަނަށް ޖީބީއެއް ލިބެންހުރީ 33 ރުފިޔާއަށް ކަމަށާއި މިހާރު އެއަގު ބޮޑުތަނުން ދަށްކުރެވިފައިވާ ކަަމަށް އަލީ ސޯލިހު ވިދާޅުވެފައިވެއެވެ. އަދި ކުރިން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް އަލީ ސޯލިހް ވިދާޅުވެފައިވެއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވުމާއެކު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
އެގޮތުން އެއް ޖީބީ ލިބެނީ ފަސް ރުފިޔާއަށް ނޫން ކަމަށާއި، އަލީ ސޯލިހުއަށް ހިސާބު އޮޅުނީތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސުވާލު ކޮށްފައިވެއެވެ. އަދި ޖީބީއެއް ފަސް ރުފިޔާއަށް ލިބެނީ ކޮން އިންޓަނެޓު ޕްރޮވައިޑާ އަކުންތޯވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިިވެއެވެ.
މީގެ އިތުރުން ބައެއް މީހުން ވަނީ އެމީހުންގެ އަމިއްލަ ޑޭޓާ ޕްލޭން ހިއްސާކޮށް، ފަސް ރުފިޔާއަށް ޖީބީއެއް ލިބޭ ގޮތް ކިޔައި ދިނުމަށް އެދިފައެވެ. އަދި ރާއްޖޭގެ އެއްވެސް އިންޓަނެޓް ޕްރޮވައިޑާ އަކުން 120 އަށް ވުރެ ކުޑަކޮށް ޖީބީއެއް ނުލިބޭ ކަމަށް ގިނަ ބަޔަކު ބުނަމުން އާދެއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވުމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކުރައްވާފައެވެ.
އެގޮތުން ސަރުކާރުގެ ބަހަކާނުލައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިންޓަނެޓުގެ އަގުތައް ދަށްކުރި ކަމުގައިވިޔަސް އަގުތަކަށް ފާހަގަ ކުރެވޭ ބަދަލެއް ނާންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އިންޓަނެޓުގެ އަގުތަކަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕޮލިސީ ނުވަތަ، އެފްޔޫޕީ އަށް ހަމަޖެހޭނެ އެކަށީގެންވާ ބަދަލުތައް ގެނައުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ދެއްކެވި ވާހަކަތަކާ، އަލީ ސޯލިހު ދެއްކެވި ވާހަކަ ތަކަށް ބަލާއިރު، މިނިސްޓަރު ފައްޔާޒް ދެއްކެވި ވާހަކަތަކަކީ ބުއްދިއަށްވެސް މާ ގަބޫލު ކުރެވޭނެ ފަދަ ވާހަކައެކެވެ.
ގައިމުވެސް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ބޭނުން ކުރާ ކޮންމެ މީހަކަށް އޭގެ އަގު އެނގެއެވެ. އަދި އެހާ ބޮޑުތަނުން އަގު ހެޔޮ ވެއްޖެ ނަމަވެސް ހަމަ މި ހިދުމަތް ބޭނުންކުރާ ރައްޔިތުންނަށް އެކަން ނޭނގި ކުރެވޭނެ ގޮތެއް ނޯންނާނެއެވެ.
ގައިމުވެސް އިންޓަނެޓް އެއް ޖީބީ ފަސް ރުފިޔާއަށް ކުޑަކުރެވިފަ ވާނަމަ، އެކަން ހިދުމަތް ބޭނުން ކުރާ މީހުނަށް ނޭނގި ނުހުންނާނެ އެވެ. އަދި އިންޓަނެޓުގެ ހިދުމަތް އަގު ބޮޑު ވާހަކައަށް ގައިމުވެސް ހުއްޓުމެއް އައީހެވެ.