ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން ވީ ވައުދު ފުއްދިފައިވާ ކަމަށެވެ.
އެގޮތުން ރޯދަމަސް ފެށުމުގެ ކުރިންވެސް މިހާތަނަށް ޖީބީއެއް ލިބެންހުރީ 33 ރުފިޔާއަށް ކަމަށާއި މިހާރު އެއަގު ބޮޑުތަނުން ދަށްކުރެވިފައިވާ ކަަމަށް އަލީ ސޯލިހު ވިދާޅުވެފައިވެއެވެ. އަދި ކުރިން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް އަލީ ސޯލިހް ވިދާޅުވެފައިވެއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވުމާއެކު، ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
އެގޮތުން އެއް ޖީބީ ލިބެނީ ފަސް ރުފިޔާއަށް ނޫން ކަމަށާއި، އަލީ ސޯލިހުއަށް ހިސާބު އޮޅުނީތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސުވާލު ކޮށްފައިވެއެވެ. އަދި ޖީބީއެއް ފަސް ރުފިޔާއަށް ލިބެނީ ކޮން އިންޓަނެޓު ޕްރޮވައިޑާ އަކުންތޯވެސް ގިނަ ބަޔަކު ސުވާލު އުފައްދާފައިިވެއެވެ.
މީގެ އިތުރުން ބައެއް މީހުން ވަނީ އެމީހުންގެ އަމިއްލަ ޑޭޓާ ޕްލޭން ހިއްސާކޮށް، ފަސް ރުފިޔާއަށް ޖީބީއެއް ލިބޭ ގޮތް ކިޔައިދިނުމަށް އެދިފައެވެ. އަދި ރާއްޖޭގެ އެއްވެސް އިންޓަނެޓް ޕްރޮވައިޑާ އަކުން 120 އަށް ވުރެ ކުޑަކޮށް ޖީބީއެއް ނުލިބޭ ކަމަށް ގިނަ ބަޔަކު ބުނަމުން އާދެއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވުމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކުރައްވާފައެވެ.
އެގޮތުން ސަރުކާރުގެ ބަހަކާނުލައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިންޓަނެޓުގެ އަގުތައް ދަށްކުރި ކަމުގައިވިޔަސް އަގުތަކަށް ފާހަގަ ކުރެވޭ ބަދަލެއް ނާންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އިންޓަނެޓުގެ އަގުތަކަށް އޮތް ހައްލަކީ ފެއާ ޔޫސޭޖް ޕޮލިސީ ނުވަތަ، އެފްޔޫޕީ އަށް ހަމަޖެހޭނެ އެކަށީގެންވާ ބަދަލުތައް ގެނައުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޔަށްފަހު އެއީ އަލީ ސޯލިހްއަށް އޮޅިގެން ވިދާޅުވެވުނު އެއްޗެއް ކަމަށް ނިންމާ އެ މައުލޫއު އޮބުނީކަމަށް ހީކުރެވުނެވެ. އެހެންނަމަވެެސް އެފަހުން އަނެއްކާ އަލީ ސޯލިހް މިވަނީ މިނިސްޓަރު ފައްޔާޒުގެ މައްޗަށްވެސް ބަސްކިޔާފައެވެ.
އެގޮތުން ސަރުކާރުގެ ބަހަކާނުލައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އިންޓަނެޓުގެ އަގުތައް ދަށްކުރި ކަމުގައިވިޔަސް އަގުތަކަށް ފާހަގަ ކުރެވޭ ބަދަލެއް ނާންނަ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވަނިކޮށް، އަލީ ސޯލިހް ވަނީ އިންޓަނެޓުގެ އަގުތައް ހިއްސާކޮށް އަނެއްކާވެސް އޭރު ވިދާޅުވި ބަސް ތަކުރާރު ކުރައްވާފައެވެ.
އެގޮތުން 180 ޖީބީއެއް ލިބެނީ 1000އަށް ކަމަށް އަނެއްކާވެސް ބުނެފައިވެއެވެ. އަދި އެއް ޖީބީ ފަސް ރުފިޔާއަށް ލިބޭގޮތް ވެސް އީކުއޭޝަން އާއިއެކު ވަނީ ދައްކާފައެވެ. އަލީ ސޯލިހް ވިދާޅުވީ އެއްޖީބީ 5.56އަށް ލިބޭކަމަށް ބުނަނީ 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް ވާނަމަ އެއީ ޖީބީއަކަށް 5.56 ކަމަށް ވީމަ ކަމަށެވެ. އަދި މީގެކުރިން 1000 ރުފިޔާއަށް ލިބެނީ އެންމެ 30 ޖީބީ ކަމަށާއި މާނައަކީ އޭގެ އަގަކީ ޖީބީއަކަށް 33.33 ރުފިޔާ ކަމަށެވެ.
އެހެންކަމުން އިންޓަނެޓް 5.56 ރުފިޔާއަށް ޖީބީއެއް ލިބެން ހުރުމަކީ އެއީ އަގުހެޔޮ ވުމެއް ކަން އަލީ ސޯލިހު ތަކުރާރުކުރެއްވިއެވެ. އަލީ ސޯލިހް މިކަމުގައި މީގެ ކުރިންވެސް ވިދާޅުވި ބަސް ތަކުރާރު ކުރައްވިއިރު، މިކަމުގައި މި ދެބޭފުޅުންގެ ބަސް މިއޮތީ ތަފާތުވެފައެވެ. އެއް މިނިސްޓްރީއެއްގެ ދެ ބޭފުޅަކު ދެ އެއްޗެއް މިކަމުގައި ވިދާޅުވާއިރު، މިއީ އަނެއްކާވެސް މިނިސްޓްރީގެ ތެރެއަށް ލޮޅުމެއް އަރައިގެން ނުދާނެ ކަމެއްތޯ ސުވާލު އުފެދެއެވެ.