ސާރާ ވަނީ އިއްޔެގެ ވަގުތެއްގަ ރާއްޖެ އައިސްފަ އެވެ. ނޫސްވެރިއަކު ސާރާ ރާއްޖެއަށް ފުރަން ގޮސްހުއްޓާ ކުރި ސުވާލަކަށް ޖަވާބުދެމުން ސާރާ ބުނެފައި ވަނީ އޭނާ މަންމަ އާއެކުގައި ރާއްޖެ އަންނަނީ ދެމައިން އެކުގައި ވަގުތު ހޭދަކުރުމަށް ކަމެށެވެ.
އެންމެފަހުން ސާރާ ރާއްޖެ އައި އިރުގައި އޭނާ ޗުއްޓީ ހޭދަ ކޮށްފައި ވަނީ ދ. އަތޮޅުގައި އޮންނަ ވޮއްމުލި ރިސޯޓުގަ އެވެ.
މިދިޔަ އަހަރު ވެސް ސާރާ ވަނީ ރާއްޖެ އައިސްފަ އެވެ. އެފަހަރު އައީ ކޮއްކޮ އިބްރާހީމް އާއި މަންމަ، އަމްރީތާއާ ވެސް އެކުގަ އެވެ. އެހެންނަމަވެސް މިފަހަރު އައީ ކޮން ބަޔަކާ އެކުގައިކަން ސާފު ނުވާއިރު އެއިން މީހެއްގެ ފޮޓޯއެއް ވެސް އަދި ހިއްސާއެއް ނުކުރެ އެވެ.
އެންމެ ފަހުން ސާރާ ފެނުނީ ވަރުން ދާވަންއާއެކު ކޫލީ ނަމްބަރު ވަން އިންނެވެ. އެ ފިލްމަށް ހީކުރިވަރުގެ ރަނގަޅު ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. ކެދާނަތާއި ސިމްބާއިން ވެސް ފެނިގެންދިޔަ ސާރާގެ ކުރިއަށް އޮތް ފިލްމަކީ އަތްރަންގީ ރޭ އެވެ. އެއީ އަކްޝޭ ކުމާރާއި ދަނުޝްއާއެކު އޭނާ ފެނިގެންދާނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފަ އެވެ.