
އެ ޖަމިއްޔާއިން މިގޮތައް ހާމަކުރީ ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް މަސް ދޯނިފަހަރުގައި ބިދޭސީންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމުމާއި ގުޅިގެންނެވެ.
އިއްޔެ ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު ގަވާއިދު ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، އެއުޅަނދެއްގައި މަސައްކަތްކުރުމަށް ހޯދާ ވޯކްޕާމިޓެއްގެ ދަށުން، 2 ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު މިހާރު ފަހިކޮށްދެވިފައިވާ ކަމަށެވެ.
މަސްވެރިކަންކުރުމުގައި ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވުމާއި ގުޅޭ މައްސަލައިގައި ދައުލަތުގެ ކަމާގުޅޭ އެކި މުއައްސަސާތަކުގެ މެދުގައާއި، އޮޑިވެރިންނާއި މަސްވެރިން، އަދި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.
ފިޝަރީޒް މިނިސްޓްރީން މަސް ދޯނިފަހަރުގައި ކުރާ ބައެއް މަސައްކަތަކަށް ދިވެހިން ނުލިބުމުގެ ދަތިކަމަކީ އޮޑިވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ކަންބޮޑުވުމެއްކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.
މަސްވެރިކަމުގެ ސިނާޢަތުގެ މަންފާއަށްޓަކައި ވަކި ހަމަތަކެއްގެ މަތިން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި، ސީދާ މަސްވެރިކަންކުރުމުގައި ބައިވެރިވުން ނުހިމެނޭގޮތަށް ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެވަނީ ބުނެފައެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މަސްވެރިކަމުގެ އާންމު ގަވާއިދަށާއި ވަކިވަކި މަސްވެރިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގެ ދަށުން އަދި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ބިދޭސީން ވަޒީފާއަށް ހުށަހެޅުމުގެ ކޯޓާ ދޫކުރުމާބެހޭ އުސޫލުގެ ދަށުން މަސްވެރި ކޮންމެ އުޅަނދެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ހަމަތައް ކަނޑައަޅާފައެވެ.