ads
ކަނޑޫދޫ މިރުސް ދަނޑެއް--
ކަނޑުދޫ މީހުން ކެހި ކަނޑުލުގެ ހިތި އެމީހުން އަމިއްލައަށް ފިލުވަންޖެހިއްޖެ
ކަނޑޫދޫ މިރުހަކީ މުޅި ރާއްޖޭގައިވެސް މަޝްހޫރު މިރުހަކަށް ވުމުން އެރަށު މީހުން އައީ ވިޔަފާރިގެ ގޮތުން އެކަމުގެ ފައިދާ ވަރަށް ބޮޑަށް ނަގަމުންނެވެ.
Advertisement

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް "މޮނޮޕޮލީ ޕަވާ" ގެ ބޭނުންކޮށް އެމީހުން އައީ ބޮޑު އަގުގައި ދިވެހީންނަށް އެމީހުންގެ މިރުސް ވިއްކަމުން ނެވެ. މި މިރުހަކީ ކޮންމެ ބަޔަކަށް ހެއްދޭ މިރުހަކަށް ނުވެފައި، ހުރިހާ ދިވެހިންނަށް ކަމުދާ މިރުހަކަށް ވުމުން އެމީހުން އައީ ބޮޑު އަގުގައި ކަނޑޫދޫ މިރުސް ވިއްކަމުންނެވެ. 

މިހާތަނަށް މިރުހުގެ ބާޒާރުގައި އޮތީ އެމީހުންގެ ބާރެވެ. އެމީހުން ބުނި އަގަކަށް އެމީހުން ދިން ވަރަކަށް ކައިގެން ތިބެން ދިވެހިންނަށް އޮތީ އޭރުގައި މަޖުބޫރު ވެފައެވެ.

ނަމަވެސް މިއަދު ދިވެހީން މިވަނީ އެކަމަށް ހައްލެއް ލިބިފަ އެވެ. ކަނޑުދޫ މިރުހުގެ މުޑުވަށް ލަންކާއަށް ފޮނުވައިގެން އެގައުމުގެ ކުންފުންޏަކާ ގުޅިގެން ދިވެހިން އަންނަނީ އެ މިރުސް ހެޔޮ އަގުގައި ހޯދަމުންނެވެ. އެކަމާ ކަނޑުދޫ މީހުން މިހާރު ހުރީ "ރަތަށް އަރާފަ" އެވެ. 

ކޮންމެއަކަސް އެމީހުން ކެހި ކަނޑުލުގެ ހިތި ފިލުވަން މިއަދު އެމީހުންނަށް މިއޮތީ ޖެހިފައެވެ. 

ކުރިން ބޮޑު އަގުގައި 1000 ރުފިޔާއަށް ކިލޯއެއް ވިއްކަމުން އައި ކަމުގައިވިޔަސް މިހާރު މިރުސް ކިލޯއެއްގެ އަގު ވަނީ 100 ރުފިޔާއަށް ވެއްޓިފައެވެ. ކުރިމަތިލާން ޖެހުނު "ކޮމްޕެޓިޓިވް މާކެޓް" އާއެކު، 90 އިންސައްތައިގެ ގެއްލުމެއްލިބި، އެމީހުން މިއަދު ތިބީ ގޮތް ހުސްވެފައެވެ. 

މިއަދު ކަނޑުދޫ މިރުސް ދިވެހި ބާޒާރުގައި ހެޔޮ އަގުގައި ލިބެން ހުރުމުން އެ ގަންނަން ބޮޑު އަގުދީފައި ކަނޑޫދޫ ދަނޑުވެރިން ހިޔާރު ކުރާނެ ދިވެއްސަކު ނެތެވެ. ވިޔަފާރިގެ ވާދަވެރިކަން ބޮޑުވެ، ކަނޑުދޫ މީހުން ވެސް ޖެހުނީ އަގުތައް ތިރި ކުރާށެވެ. ހޯދަމުން އައި ބޮޑު ނަފާވެސް ގެއްލުނީ އެވެ. 

ކަނޑޫދޫ މިރުސް ކުރިން ވިއްކި އަގަށް ބަލާ ނަމަ ދުވާލަކު 90 ކިލޯ މިރުސް ވިކުނަސް ދުވާލަކު 90000ރުފިޔާ ލިބޭނެ އެވެ. އެ ހިސާބަށް ބަލާ ނަމަ މަހަކު ކަނޑޫދޫ މިރުސް ވިއްކައިގެން 2،7 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަނޑޫދުއަށް ލިބޭނެ އެވެ. ނަމަވެސް މިއަދު މިވަނީ އެ އާމްދަނީ ބޮޑު ތަނުން ދަށަށް ގޮސްފަ އެވެ.

މިކަމާއި ގުޅިގެން ކަނޑުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒު ސީއެންއެމަށް ވިދާޅުވީ، މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި، ކުރާ ހަރަދަށް ބަލާފައި ލިބޭ އެއްޗެއް މާ ކުޑަ ކަމަށެވެ. 


ގިނަ މީހުންނަކީ މި މަސައްކަތުގައި ބިދޭސީން ވެސް ގެންގުޅޭ މީހުން. އެހެންވީމާ ފައިދާއަށް ލިބޭ އެއްޗެއް އެމީހުންގެ މުސާރައަށް ދީފައި ދެން ނޯވޭ މާ ބޮޑު އެއްޗެއް. ދެން އަމިއްލައަށް މި މަސައްކަތް ކުރާ މީހުންވެސް ކުރާ މަސައްކަތާ ލިބޭ އެއްޗެއް އެކަށިގެން ނުވޭ. އަސްލު ސަރުކާރުން އެބަ ޖެހޭ ލަންކާ ތަންތަނުން މިރުސް އެތެރެ ކުރުން ހުއްޓުވަން - ކަނޑުދޫ ކައުންސިލްގެ ނައިބު ރައީސް


މީގެ އިތުރުން މިކަމާއި ބެހޭ ގޮތުން ދަންޑުވެރިޔަކާއި ވާހަކަ ދައްކާލުމުން އޭނަ ބުނީ ކުރިން ކަނޑޫދޫ މިރުސް ހައްދައިގެން ލިބެމުން އައި ފައިދާ މިހާރު ހޯދަން ޖެހެނީ އެތަކެއް ބާވަތެއްގެ ތަކެތި ހައްދައިގެން ކަމަށެވެ.

ކަނޑޫދޫ ދަންޑުވެރިޔަކު ބުނީ ކުރިން ކަނޑޫދޫ މިރުސް ހައްދައިގެން ލިބެމުން އައި ފައިދާ މިހާރު ހޯދަން ޖެހެނީ އެތަކެއް ބާވަތެއްގެ ތަކެތި ހައްދައިގެން ކަމަށެވެ. 


ބޭސް ވެސް އެހާ އަގު ބޮޑު. ދަނޑުވެރިންނަށް ސަބްސިޑީ ދޭނަމޭ ބުންޏަސް އަގު ހެވެއް ނުވޭ. އަގު ވަނީ ހައްތާ ބޮޑު - ދަނޑުވެރިއެއް


ދުނިޔެއަކީ ތޮށަލިދުޅައަށް ހިނގާ އެއްޗެކޭ ބުނާ ބީދައިން މިއަދު މިވަނީ ބޮޑު މަންޒަރު ބަދަލު ވެފައެވެ. ކުރީގައި ބޮޑު އަގުގައި އެމީހުން ވިއްކަމުން ދިޔަ މިރުހަށް ދިވެހިން އާދޭސް ކުރަން ޖެހުނު ނަމަވެސް މިހާރު އެމީހުން ވަނި މިރުގެ ވިޔަފާރީގައި ފަހަތަށް ޖެހެން ޖެހިފަ އެވެ.

މައިގަނޑު ސަބަބަކީ އެމީހުން ގެންގުޅުނު ވިޔަފާރިގެ އުސޫލުތައް ހަރުދަނާ ނުވުމެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހަށް އަގު ހިއްލުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ރަނގަޅު ވިޔަފާރިގެ ޕްލޭނެއް ހަދައިގެން މަސައްކަތް ކުރި ނަމަ މި އަނދަވަޅަކަށް ނުވެއްޓޭނެއެވެ. 

ނަމަވެސް މިއަދު ކަނޑޫދޫއަށް މިވަނީ ކަތިވަޅި ގެއްލި، ކޮށި ދަނޑު ގެއްލި، މަރިޔަނބު ވެސް ގެއްލިފައެވެ.

89%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް