އެ މައްސަލަ ފައިލުކޮށް މައްސަލަ ނިމުނުގޮތުގެ ލިޔުން މިއަދު ވަނީ އިކުރާމަށް ފޮނުވާފައެވެ. އެ ލިޔުމުގައި ބުނެފައިވަނީ އިކުރާމުގެ މައްޗަށް ތުހުމަތު ކުރެވުނު "ޖިންސީ ފުރުއްސާރައިގެ މައްސަލަ ތަހުގީގަށް ފުލުހުންނަށް ހުށަހެޅިފައިވާ ކަންތަކަށާއި ވަށައިގެންވާ ކަންތަކަށް ބަލާއިރު ކުށުގެ އަމަލެއް ހިނގާފައިވާ ވަރުގެ ހެއްކާއި ގަރީނާއެއް ނެތްކަން ތަހުގީގަށް ފާހަގަވެފައިވާ" ކަމަށެވެ.
އެހެންކަމުން އިކުރާމުގެ މައްޗަށް ކޮށްފައިވާ ޖިންސީ ފުރުއްސާރައިގެ މައްސަލަ ނުބަލަން ނިންމާ ފުލުހުންގެ އިދާރާގަައި ފައިލުކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މޯލްޑިވްސް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭސްއަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައްވެސް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ބަލާފައިވެއެވެ.
އޮކްސިޖަން ސިލިންޑަރުތަކުގެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކުރުމުން އިކްރާމް ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކުރިކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހަދާފައިވާ އިންޓާނަލް އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތައް ވެސް ކޮމިޓީގައި އިކްރާމް ދޮގުކުރެއްވިއެވެ.
މީގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލާގައި އިކްރާމް ހުންނެވީ ސަސްޕެންޑް ވެސް ކޮށްފައެވެ. އަދި މިމައްސަލަތައް ފެންމަތިވިފަހުން އޭނާ ވަނީ މިއަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހު މަގާމުން އިސްތިއުފާވެސް ދެއްވާފައެެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން އިކްރާމް ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކާ ގުޅިގެން ކަމަށާއި، އޭނާއާ ގުޅިގެން ފެންމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ނޫންކަަމަށެވެ. އޭގެ އިތުރުން އެ މައްސަލަތަކުން އޭނާ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އިކުރާމް ވަނީ ވިދާޅުވެފައެވެ.
ފުލުހަށް ހުށަހަޅާފައިވާ އިކްރާމުގެ ޖިންސީ ފުރުއްސާރައިގެ މައްސަލަ އެކަށީގެންވާ ހެއްކެއްނެތް ކަމަށް ބުނެ ނުބަލަން ނިންމާ މިއަދު ފައިލްކޮށްފައިވާއިރު، މިއަދު ވަނީ މި ސަރުކާރުގެ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މަގާމުގައި ހުރެ ކުޑަކުދިންނަށާއި ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުއްމަތު ކުރެވޭ އަހުމަދު ފަޒީލްގެ މައްސަލަވެސް ހެކި ނެތްކަމަށް ބުނެ ނުބަލަން ނިންމާ ފައިލްކޮށްފައެވެ.
އޭނާއަށް ކޮށްފައިވާ ތުހުއްމަތު ތަކުގެ ތެރޭގައި ކުޑަކުއްޖަކު ރޭޕު ކުރުމުގެ ސަބަބުން އެކުއްޖާ ބަލިވެއިން ކަމުގެ މައްސަލައަކާއި، އޮޅިގެން ކަމަށް ބުނެ އަންހެން ކުދިންނަށް ބަދުއަހުލާގީ ފޮޓޯއާއި ވީޑިއޯ ފޮނުވާފައިވާ މައްސަލަ ހިމެނެއެވެ.