ads
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް-
އާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރު އިނދަޖައްސާލެއްވުމަށް: ޝަރީފް
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރު އިނދަ ޖައްސާލައްވާ މަޖިލީހުގެ ތެރެއިން ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މުގައްރިރުކަން ވެސް އަދާކުރައްވާ ޝަރީފް މިހެން ވިދާޅުވެފައިވަނީ، "މަޖިލީހަށް ހުށަހެޅުނު ކަންތައްތައް ނުވެހުރީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕާއި ވާހަކަ ނުދައްކަވާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން އެމްޑީޕީގެ ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވައިގެން ކަންތައްތައް ކުރައްވާތީ ކަމަށް އަލީ އާޒިމް ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ޝަރީފް ވަނީ އެއީ ސީދާ އާޒިމް ހެއްދެވި އިތުރުފުޅެއްކަމަށް ސިފަކުރައްވާ ކޯފާ އިސްކުރައްވާފައެވެ. އެމަގުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ތާރީހުން ވަރަށް ކަޅު ދުވަހެއް ކަމަށާއި، އާޒިމަކީ ބަރުލަމާނީ ނިޒާމަަކަށް ތާއީދުކޮށްގެން ސަރުކާރު އިނދަ ޖައްސާލެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ޝަރީފް ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެއުމަށް މަޖިލީހުގެ ތެރެެއިން އާޒިިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. 


" ކަނޑައެޅިގެން މިދަންނަވަނީ އެހެން. އެކަމަށްޓަކައި ރައްޔިތުން ބަނޑަށް ޖައްސަން. މިއަންނަ މަހުގެ މުސާރަ ދިވެހި ރައްޔިތުންނަށް ނުދޭން. ދިވެހި ރާއްޖޭގައި ހުރި ކަންކަން ހުއްޓުވާން. މިއަދު މަޖިލީހަށް ސަރުކާރުން މި ހާއްސަ ހާލަތުގަ އިގްތިސާދު ފުން އަޑި ވަޅުގަނޑަކަށް ވެއްޓިފައި އޮއްވާ އެކަމުގައި ހާއްސަ އިސްތިސްނާއެއް އަހަރު ދުވަހަށް ހޯދުމަށް ހުށަހެޅުއްވީމާ، އެކަން ވަކިގޮތަކަށް ނުނިންމަވާ ރައްޔިތުންގެ މަޖިލިސް ނިންމަވާލެއްވުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހަރާން ކޯރުވުން،" ޝަރީފް ވިދާޅުވި އެެވެ.


ޝަރީފް އެ އިޝާރާތް ކުރައްވަނީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު މިއަދުގެ މަޖިލީހުން ގޮތެއް ނުނިންމާ މަޖިލީސް ނިންމަވާލައްވާފައިވާތީ އެކަމަށެވެ. 

އަންގާރަ ދުވަހު މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން އެހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، އާއެކޭ ބުނީ 12 މެމްބަރުންނެވެ. އެހެން ކަމުން އެ މައްސަލައަށް އަންގާރަ ދުވަހުގެ މަޖިލީހުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.  

ޝަރީފް ވިދާޅުވީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުވަތަ ފިނޭންސް މިނިސްޓަރަށް ކުރެއްވި ޖެއްސުމެއް ނޫން ކަަމަށެވެ. ދުނިޔޭގެ އެެއްވެސް ގައުމެއްގައި މިފަދަ ހާލަތެއްގައި ޕާޓީ ލައިނެއް ނޯންނާނެކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މިއުޅެނީ ނިޒާމެއް ޕްރެކްޓިކްސް ނުކުރެވިގެން ނޫންކަމަށާއި، މިއުޅެނީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ނުވެގެން ކަމަަށެވެ. 


" މިއުޅެނީ ރިޔާސީ ނިޒާމެއް އޮވެގެން ޕްރެކްޓިކްސް ނުކުރެވިގެން ނޫންނޭ. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ނުވަނީ މަޖިލީހުގެ ލީޑާޝިޕްގައި ތިބި މީހުން ޒިންމާދާރު ނުކުރަނީ. ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ނޭދެނީ. ތިމާމެންގެ އަމިއްލަ އެދުންތަކާއި ބާރުތަކަށް ފެންބޮވައިގަނެގެން މުޅި ގައުމު، މުޅި ނިޒާމު ސުންނާފަތިކޮށް ރައްޔިތުން ބަނޑަށްޖެހުނަސް، އިގްތިސާދު ފުން ވަޅުގަނޑަކަށް ވެއްޓުނަސް ވަރިހަމަ ވެގެން އުޅެނީ،" ޝަރީފް ވިދާޅުވިއެވެ.


ޝަރީފް އިތުރަށް ވިދާޅުވީ ރިޔާސީ ނިޒާމު އޮވެގެންވެސް ރައްޔިތުންގެ މަޖިލީހުން ކަންކުރާ ގޮތަކީ މިއީ ކަމަށާއި "އަދި ބަރުލަމާނީ ނިޒާމެއް އަތުވެއްޖަނަމަ ރައްޔިތުން ބައިންދަވާނީ "އުލުން" ނޫންތޯ؟" ވެސް ސުވާލު އުފައްދާފައެވެ. ޝަރީފް ވިދާޅުވީ ވެރިކަމުގެ ދަހިވެތިކަމުގައި ބައެއް މީހުން ރައްޔިތުން ކަނޑުފަށްތަން ވެސް ތައްޔާރަށް ތިބިތަން ފެންނަ ކަމަށާއި، މިއީ ރައީސް ސޯލިހްގެ މައްސަލައެއް ނޫން ކަމަށެވެ. 

"މަޖިލީހަށް ހުށަހެޅުނު ކަންތައްތައް ނުވެހުރީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕާއި ވާހަކަ ނުދައްކަވާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން އެމްޑީޕީގެ ބައެއް މެންބަރުންނަށް ނުފޫޒު ފޯރުވައިގެން ކަންތައްތައް ކުރައްވާތީ ކަމަށް އާޒިމް ވިދާޅުވާތީ އެކަމަށް ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ، މަޖިލީހަށް ސަރުކާރުން އެކަން ކުރައްވަން ހުށަހެޅުއްވުމުން ޕީޖީ ގުރޫޕްތެރޭގައި މަޝްވަރާ ކުރައްވަންޖެހޭނީ ޕީޖީ ލީޑަރު ކަމަށާއި އެކަން ނުކުރެއްވީވެސް ހުދު ލީޑަރު އާޒިމް ކަމަށެވެ. އަދި އެކަން ނުކުރައްވާ މިހާރު ދައްކަވާ އެ ވާހަކަތަކަކީ އެކަންކަން ނުކުރުމުން ކުރިމަތިވާ ފާޑުކިޔުންތަކުން "ބަޗައިގަންނަން" ދައްކާ ވާހަކަތަކެއް ކަމަށާއި ސަރުކާރުން އޮތީ މަޝްވަރާއަށް އެދިފަ ކަން ޝަރީފް ފާހަގަކުރައްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް