ads
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް-
މަޖިލީހަށް ހާޒިރުނުވާ ދެ މެންބަރަކު ވެސް ފައިސާ ޗާޕުކުރުމަށް ގޮތް ނިންމާ ކޮމެޓީގައި!
ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދަށް އާ ލޮޅުމާއިއެކު ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ރުފިޔާ ޗާޕްޖަހައިގެން ނެރެންވަނީ ހަމަޖެހިފައެވެ. ހުއްދެއް ނެތި ދަރަރި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ސަރުކާރުން 2020 ވަނަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ.

މިހާލަތުގައި އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އޮތީ އެއް އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދި ސިޓީ ފޮނުވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެސިޓީގައި ވިދާޅުވެފައިވަނީ ހުއްދަ އެއް އަހަރުދު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަަހަރު ދައުލަތުގެ ހިންގުމަަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށާއި ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީ ވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަމަށެވެ. އަދި ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ މި ހުއްދަ ދެވިފައި އޮތުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދުނު އެދުމާ މެދު ގޮތެއް ނުނިންމި ފާއިތުވި ދެދުވަހުވެސް މަޖިލީސް ވަނީ ނިންމާލާލަން ޖެހިފައެވެ.

އެގޮތުން އެމައްސަލައަށް ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ބޭއްވި މަޖިލީހުގައި އެހި ވޯޓުގައި 48 މެމްބަރުން އެހުށަހެޅުމަށް ނޫނެކޭ ބުނެފައި ވާއިރު، އާއެކޭ ބުނީ 12 މެމްބަރުންނެވެ. އެހެން ކަމުން އެ މައްސަލައަށް އަންގާރަ ދުވަހުގެ މަޖިލީހުންވެސް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.  

އެ މައްސަލަ އަލުން މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މިއަދުގެ މަޖިލިސް ފަށަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އަލުން އެޖެންޑާ ކޮށްފައިވަނީ، އެމައްސަލައަށް މިދިޔަ ދެދުވަހު މެންބަރުން ބަހުސް ކުރެއްވުމަށްފަހު ހުށަހެޅި ތާއީދު ލިބިފައިވާ ގޮތަށް ވޯޓަށް އެހުނުނަމަވެސް ފިނޭންސް މިނިސްްޓްރީން އެދިފައިވާ ގޮތަށް އެ ނިންމުން މަޖިލީހުގެ ތެރެއިން ނިންމާފައިނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށްޓަކައި ކަމަށެވެ. 

އެގޮތުން އެމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ނިންމާ ހުށަހެޅުއްވުމަށް މިއަދުގެ މަޖިލީހުގައި ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެފުރުސަތުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަަޝީދު ވަނީ ދެ ހުށަހެޅުމެެއް ހުށަހަޅުއްވާފައެވެ. 

އެގޮތުން ރަޝީދު ވިދާޅުވީ ހުރިހާ ޕާޓީއެއް އަދި އަމިއްލަ ގޮތުން މެންބަރަކު ތަމްސީލުކުރާ ގޮތަށް އެކުލަވާލެވޭ ކޮމެޓީއަަށް ގެންގޮސްގެން ކުރުން ނުވަތަ މުޅި މަޖިލިސް ކޮމެޓީގެ ގޮތުގައިވެސް ކުރެވިދާނެ ކަމަށާއި އެހެންކަމުން ނުވަ މެންބަރުން އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުށަހަޅާ ކަމަށެވެ. 

މި ހުށަހެޅުމަށް ތާއީދުކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ނުވަ މެންބަރުން ނުވަތަ 100 މެންބަރުންގެ ކޮމެޓީއަކުންވިޔަސް އެ މައްސަަލަ ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެން އެބަޖެހޭ ކަމަށެވެެ. 

އެފަހުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ނުވަ މެންބަރުން އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މެންބަރު ރަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މެންބަރުންގެ ވޯޓަށް އަހާފައެވެ. ވޯޓަށް އެހުމުގެ ކުރިން ރައީސް ނަޝީދުވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނީ ވޯޓަށް އަހާ، މެންބަރުން ގޮތެއް ނިންމުމުން ކަމަށެވެ. 

ނުވަ މެންބަރުންގެ ކޮމެޓީއެއް ނަގާ މަޝްވަރާކުރުމަށް މެންބަރު ރަޝީދު ހުށަހަޅުއްވާ މެންބަރު ޝަރީފް ތާއިދު ކުރެއްވި ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް މަޖިލީހަށް ހާޒިރުވެތިބި 52 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 51 މެންބަރުން ވަނީ ވޯޓުދީފައެވެ. ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ނެތެވެ. 

އެ ކޮމެޓީ އެކުލަވާލުމަށްޓަކައި މެންބަރު ރަޝީދު ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާނެ މެންބަރުންގެ ލިސްޓެއްވެސް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައިވާތީ މަސްލަހަތައްޓަަކައި އަދި މަސައްކަތް އަވަސް ކުރުމަށް ރަޝީދު ވަނީ އޭނާ ހުށަހެޅުއްވި މެންބަރުންގެ ލިސްޓު ނަންގަވާފައެވެ. އެހެންކަމުން ވޯޓަށް އަހާފައިވަނީ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މެންބަރުންނަށެވެ.

ކޮމެޓީގައި ހިމެނުމަށް ހުށަހެޅި ނުވަ މެންބަރުން:

  1. ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އަސްލަމް
  2. ހުޅުދޫ ދާއިރާގެ މެންބަރު، އިލިޔާސް ލަބީބް
  3. ދާންދޫ ދާއިރާގެ މެންބަރު، ޔައުގޫބު އަބްދުﷲ
  4. ހެންވޭރު ދެކެނު ދާއިރާގެ މެންބަރު، ހުސެން ޝަހީމް
  5. ތުލްސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް
  6. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު
  7. މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް
  8. މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދު
  9. އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސެއިން 

އެ ކޮމެޓީގައި މި ނުވަ މެންބަރުން ހިމެނުމަށް އެހި ވޯޓުގައި ބައިވެރިވި 48 މެންބަރުންވެސް އެ ނުވަ މެންބަރުން ހިމެނުމަށް ވޯޓުދެއްވާފައިވާއިރު، މިއަދުގެ މަޖިލީހުގައި ވަނީ އެ ކޮމެޓީއަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ކިޔާފައެވެ. އެންމެ ބޮޑު ފާޑުކިޔުމެއް ކިޔާފައިވަނީ މި ކޮމެޓީގައި ހިމެނޭ ނުވަ މެންބަރުންގެ ތެރޭގައި ނިމިދިޔަ އަހަރު އެއްކޮށް އަދި މިއަހަރުގެ މިހާތަނަށްވެސް މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވެ، ސަލާމުގައި ހުންނެވި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހިމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް އެ ކޮމެޓީގައި ހިމަނާފައިވާތީއެވެ. 

އެގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެ ކޮމެޓީއަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ. މެންބަރު ސައީދި ވިދާޅުވީ، މެންބަރު ގާސިމް އިބްރާހިމް އަދި މެންބަރު ސިޔާމަކީ އެއް އަހަރުވީއިރު މަޖިލީހަށް ވަޑައިނުގަންނަވާ ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެދެބޭފުޅުންވެސް ކޮމެޓީގައި ހިމަނުއްވާފައިވާކަން ފާހަގަކުރައްވާ ސައީދު ވަނީ އެކަމުގައި މަޖިލީހުގެ އިހްލާސްތެރިކަން އޮތް މިންވަރާއިމެދު ސުވާލު އުފައްދާފައެވެ.

"އެކަމު އިހްލާސްތެރިކަން ހުރި މިންވަރަކީ އެ ދެބޭފުޅޫންވެސް ލާފަ އެބަހުރި. ފުރަތަމަ މެޖޯރިޓީ އެއްކޮށް ދިޔައީ. އެހެންވީމަ މީގަ މަދީ ޝެއިހް އިމްރާންއާއި ރައީސް މައުމޫން އެ ކޮމެޓީގަ މަދީ މިއަދު. ކޮން ކަމެއްތަ ތިކުރައްވަނީ އިއްޒަތްތެރި ރައީސް ތިތާ އިންނަވާގެން ކޮން ކަމެއްތޯ ތިކުރައްވަނީ މިތާ ރައްޔިތުން ގުބޯ ހައްދަން މިއީ ރަމަޟާން މަސް އިއްޒަތްތެރި ރައީސް، ޕެންޝަން ކަނޑަންވީ ވަގުތެއް ނޫން މިއީކީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ 60ހުން އަދި 80 އިން މަޖިލިސްތައް ހޮވަނީ އެޕަދަ ކަންކަން އިސްލާހުކުރައްވަން ކަމަށާއި ސިޔާސީ ފަރާތްތައް 2021 އަށް އެބުރެން ޖެހޭ ކަމަށެވެ. މީގެ އިތުރުން ސައީދު ވަނީ މި ގާނޫނަކީ މިވަގުތައް ކޮންމެހެން އިސްލާހު ކުރަންޖެހޭ ގާނޫނެއްތޯ ވެސް ސުވާލު އުފައްދާފައެވެ. މެންބަރު ސައީދު ވިދާޅުވީ، މިވަގުތަކީ ފައިސާ ޗާޕުނުކޮށް ހުއްދަދިން ފައިސާތައް މެނޭޖްކުރަންވީ ވަގުތުކަމަށެވެ.

އެ ކޮމެޓީ މިއަދުގެ މަޖިލީހުން ފާސްވުމާއިއެކު މަޖިލީހުގެ ރައީސް ވަނީ ކޮމެޓީގެ މަސައްކަތް ވަގުތުން ފެށުމަށް އެދިލައްވާފަައެވެ. އަދި ކޮމެޓީގެ މަސައްކަތް މިއަދާއި މިރޭ ކުރެެއްވުމަށްފަހު ކޮމެޓީގެ ރިޕޯޓު މާދަމާއަށް ނިންމަވާދެއްވުމަށާއި، ސިޔާސީ ޕާޓީތަކުގެ ރުހުން އޮތްނަމަ މާދަމާ ޖަލްސާއެއް ބާއްވާ އެ ރިޕޯޓަށް ވޯޓަށް އެހުމަށް ނަޝީދު ވަނީ ނިންމަވާފައެވެ. އޭގެއިތުރުން އެއްވެސް ސަބަބަކާއި ހެދި އެ ރުހުން ނުލިބިއްޖެނަމަ އެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ އާދިއްތަ ދުވަހުއެވެ. 

ފައިސާ ޗާޕުކުރުމާއިމެދު ގޮތެއް ނިންމުމަށް އެކުލަވާލި ކޮމެޓީގައި މިދިޔަ އަހަރު އެއްކޮށް އަދި މިއަހަރުގެ މިހާތަނަށްވެސް މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި ބައިވެރިނުވެ، ސަލާމުގައި ހުންނެވި ދެ މެންބަރުން ހިމެނިއިރު، މަޖިލީހަށް ސަލާމް ފޮނުވުމުގައި ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބެވި މެމްބަރުން ތިބިކަން ފާހަގަކުރައްވާ މިއަހަރުގެ ފެބްރުއަރީ މަހުގެ 16ވަނަ ދުވަހު ބޭއްވި މަޖިލީހުގައި ރައީސް ނަޝީދު ވަނީ ވަކިވަކި މެމްބަރުންގެ ނަންތައް މަޖިލީހުގައި ފާހަގަ ކުރައްވާފައެވެ. އެގޮތުން މެމްބަރު އަހުމަދު ސިޔާމް ހުންނެވީ ސަލާމުގައިކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މެމްބަރު ގާސިމް އިބްރާހީމް ފާއިތުވި 2020 އެއްކޮށްހެން ހުންނެވީ ސަލާމުގައި ކަމަށާއި، އަދިވެސް ހުންނެވީ ސަލާމުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް މެމްބަރުން ސަލާމުގައި ތިބޭ ކަމީ ކޮންމެ ދައުރެއް ނިމޭ އިރު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. އަދި މީގެ ކުރިންވެސް ގިނަބަޔަކު އަންނީ މަޖިލީހުގެ މެމްބަރުންގެ ސަލާމަށް އަދި ޗުއްޓީއަށް "ލިމިޓެއް" ކަނޑައެޅުމަށާއި، ގަޑި ޖެހޭ މެމްބަރުންގެ މުސާރައިން އެގަޑިއަށް ލާރި ކެނޑުމަށް ގޮވާލާފައެވެ. އަދި ގަބޫލުކުރެވޭނެ އުޒުރެއް ނެތި މަޖިލީހަށް ހާޒިރުނުވާ މެމްބަރުންގެ މުސާރަ ކެނޑެންވާނެ ކަމަށް ބުނެވެސް ރައްޔިތުންވަނީ އަޑު އުފުލާފައެވެ. ނަމަވެސް މިހާތަނަށް މިފަދަ އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް