ads
ފޮޓޯ--އެމްއެންޑީއެފް
ރައީސް ޔާމީންގެ ދައުރުގައި ސިފައިންގެ ޝިއާރު އޮތީ ވަތްގަނޑުގައި: މާރިޔާ
ރައީސް ޔާމީން ވެރިކަންކުރެއްވި 2017 އާއި 2018 ގެ ސިފައިންގެ ޝިއާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާންކޮށްލުމަށްފަހު، ވަތްގަނޑަށްވާ އޮތް ޝިއާރުތަކެއް ކަމަށާއި އެއިން ޝިއާރެއް ހަގީގަތަކަށް ހެދުމަށް ކުރެވިފައިވާ އަމަލީ މަސައްކަތެއް ފެންނާކަށް ނެތް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

 ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރުން، ގައުމީ ވާޖިބު އަދާކުރަން ހިތްވަރު އާކުރުމުގެ ގޮތުން، ކޮންމެ އަހަރަކު، އަހަރީ ދުވަހާ ގުޅުވައިގެން، ވަކި ޝިއާރެއް ކަނޑައަޅާ ކަމަށެވެ.

އެގޮތުން 2017 ގެ ޝިއާރަކީ "އަސްކަރީ އަހްލާގް ސިފައިންގެ ނާރެސް"، 2018 ގެ ޝިއާރަކީ ”ސިފައިންގެ ސާބިތުކަން - ޤައުމުގެ ސިޔާދަތު، އަދި 2019 ގެ ޝިއާރަކީ "އަސްކަރީ އުސޫލު ނެގެހެއްޓުން ސަފުތަކުގެ ތަރުތީބު ދެމެހެއްޓުން"، 2020 ވަނަ އަހަރު، ސިފައިންގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު - ޤައުމުގެ ސަލާމަތް" ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް 2017 އާއި 2018 ގެ ޝިއާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާންކޮށްލުމަށްފަހު، ވަތްގަނޑަށްވާ އޮތް ޝިއާރުތަކެއް ކަމަށާއި އެއިން ޝިއާރެއް ހަގީގަތަކަށް ހެދުމަށް ކުރެވިފައިވާ އަމަލީ މަސައްކަތެއް ފެންނާކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ 4 އަހަރުގެ ޝިއާރު، ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި، އެއްފަހަރާ ހަގީގަތަކަށް ހެދުމަށް ކުރެވުނު މަސައްކަތުން، އެތައް ކުރިއެރުމަކާއި ކާމިޔާބީއެއް، ވަނީ ހާސިލްކުރެވިފައި ކަމަށާއި އެކަން ރާއްޖޭގެ ގިނަ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް ސޯލިހް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސުލްހަވެރިކަމާއެކު ދިރިއުޅެވޭނެ، އަމާން މާހައުލެއް ދިވެހި ރައްޔިތުންނަށް ދިނުމުގައި، ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސިފައިން މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ވިދާޅުވެފައިވާ ކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ.

ދިވެހި މަސްކަނޑުތައް ތައް ހިމާޔަތްކޮށް، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް، މިއަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ވިދާޅުވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ

އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު އުފެއްދުމަށްޓަކައި، ގާނޫނުތައް އިސްލާހުކޮށް، ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަން ރައީސް ސޯލިހް ފާހަގަކުރެއްވި ކަމަށާއި ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކޮށް، ކޯސްޓްގާޑުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް، މިއަހަރުގެ ތެރޭގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރައްވާފައިވާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މިއަހަރު، ސިފައިންގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވާ "ސިފައިންގެ ގާބިލްކަން - ގައުމުގެ އަމާންކަން"، މި ޝިއާރު ރަމްޒުކޮށްދެނީ ރައީސް ސޯލިހްގެ ހަރުދަނާ ތަސައްވަރު ކަމަށް ވެސް ވިދާޅުވެފަ އެވެ.

ދިވެހި އަސްކަރިއްޔާގެ ގާބިލްކަމާއި ހުނަރުވެރިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް، ކާމިޔާބު ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖެއާއި ރާއްޖެއިން ބޭރުން، އެކި ރޮނގުތަކުން ހޯދި ފުރުސަތުތަކުގެ ފުރިހަމަ ބޭނުންކޮށް، ގައުމު ފަހުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް، ސިފައިން ހާސިލްކޮށްފައިވާކަން، ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް، ޕްރޮފެޝަނަލް ފައިޓިންގް ފިޓް ފޯރސް” އެއްގެ ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ރައްޔިތުންނަށް، ހަމަހަމަކަމާއި އޯގާތެރިކަމާއެކީ، ސިފައިންގެ ހިދުމަތް ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވާކަން ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދިވެހި އަސްކަރިއްޔާގައި ހަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއްވާނީ ގިރާކޮށްފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަންކުރުމާ ގުޅިގެން، ދިވެހި ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަޑީގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިއްބެވޭނެ މަގުފަހިކޮށް، ސިފައިންގެ ލީޑަރޝިޕުން ނިންމާ ނިންމުންތަކުގައި، ކަނބަލުންގެ އަޑު ހިމެނޭނެހެން ލަފާދޭ މަޖިލީހަށް ބަދަލުވަނީ ގެނެވިފައި ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި މިއަދު، އެމްއެންޑީއެފްގެ ހުރީހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެއެވެ. އަދި ދާދިފަހުން، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި ފުރިހަމަކުރުމަށް، ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރު ކެޑޭޓު އެނބުރި ގައުމަށް އައީ "ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑަންޓް އެވޯޑްގެ މަތިވެރި ޝަރަފާއެކުގައިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް ގެނައި ކުރިއެރުންތަކުގެ ފަހަތުގައިވަނީ، ރައީސް ސޯލިހް ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަސައްވުރުކަން ފާހަގަކޮށް، ރައީސް ސޯލިހަށް، ޝުކުރު ދަންނަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ލީޑާޝިޕާއި ސިފައިންގެ އެއްބާރުލުމާ ނުލައި، އެއްވެސް ކުރިއެރުމެއް ހާސިލްކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ. 

އެހެންކަމުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑާޝިޕްގެ ބޭފުޅުން ދެއްވާ އިރުޝާދާއި ހުރިހާ ސިފައިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި މިއަހަރުގެ ޝިއާރު، "ސިފައިންގެ ގާބިލްކަން - ގައުމުގެ އަމާންކަން، އޭގެ އެންމެ ފުރިހަމަ، ހަގީގީ މާނައިގައި ތަމްސީލުކޮށް، މިއަހަރަކީވެސް، ދިވެހި އަސްކަރިއްޔާގެ ގާބިލްކަމަށް އިތުރު ބާރެއް ލިބި، ސިފައިން ރައްޔިތުންނަށް ދޭ އެފަދަ ދެވަނައެއް ނެތް އޯގާތެރި ހިދުމަތުން، ގައުމުގެ އަމާންކަމަށް އިތުރު ދިރުމެއް ލިބިގެންދާނެ އަހަރަކަށް ހަދަން ސިފައިން އަޒުމް ކަނޑައެޅުމަކީ މިނިސްޓަރުގެ އުންމީދު ކަމަށެވެ.

އަދި ސިފައިންނަށްޓަކައި ރައްޔިތުންގެ ހިތްތަކުގައިވާ ލޯތްބާއި، އިހްތިރާމާއި އިތުބާރު އިތުރުވެގެންދިޔުމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް