
މާތްވި ރަމަޟާން މަހުގެ މަތިވެރި އަޅުކަމެއް ކުރެވިގެންދިޔަ ވަގުތެއްގައި ކުރިމަތިން ކަހަލަ ގޮތަކަށް ދަމާކޫއްތާފައި އެ އަންހެނާ ދެ ފިރިހެނަކު ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެ، މި އަޑުތައް ވަކިން ގަދަވެގެންދިޔަ އެވެ. އެތައް ބަޔަކު އަންހެނާގެ ދިފާއުގައި އަޑުއުފުލިއެވެ. ރޭޕިސްޓުންނަށް ހައްގު އަދަބު ދިނުމަށް ގޮވާނުލާ ހަމަ އެކަކުވެސް ނެތޭވެސް ބުނެވިދާނެއެވެ. އާއްމުވި ވީޑިއޯއިން އެއްވެސް މީހަކު އެއަންހެން މީހާ ސަލާމަތްކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެ ބޮޑެތި ސުރުހީތަކުގައި ރިޕޯޓްތައްވެސް މީޑިއާތަކުން ދިޔައީ ދައުރު ކުރަމުންނެވެ.
އާއްމުވި ވީޑިއޯއަށް ބަލާލާނަމެވެ. ގަޑިން ރޭނގަޑު 20:00 ޖަހާކަށްހާއިރު އެ ސަރަހައްދުގައި ދިޔައީ ތަރާވީސް ކުރެވެމުންނެވެ. ތަރާވީސް ނަމާދަށް އަރާތިބި ގިނަބަޔަކު މިސްކިތުގައި ޖާގަނެތިގެން މަގުމަތީގައިވެސް އޮތީ ސަފު ހަދާލާފައެވެ. ގާތްގަނޑަކަށް 20:02 ހާއިރު ދެ ފިރިހެނުން އަންހެނަކު ދަމާކޫއްތާފައި ގެންގޮސް ގޯޅިގަނޑަކަށް ވައްދަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އަންހެންމީހާ ދިޔައީ ނުވަންނަން ގަދަހަދަމުން ނަމަވެސް ދެ ފިރިހެނުންގެ ކުރިމަތީގައި ދެއްކޭނެ ގަދައެއްވެސް ނޯންނާނެތާއެވެ. ދެން ފެންނަނީ އެ އަންހެނާގެ އަތުގާ ހިފާ އުފުލާލައިގެން ގޯޅިގަނޑަށް ވައްދާ މަންޒަރެވެ. އެފަހުން ހިނގި ކަންކަމެއް ވިޑިއޯއިން ފެންނަން ނެތުމުން ދެންވީ ކީއްކަމެއް ނޭނގެއެވެ.
އެފަހުން އުމުރުން 19 އަހަރުގެ މި އަންހެން މީހާ ރޭޕްކުރި މައްސަލައެއްގައި ކުށުގެ ވެށިން އެވަގުތު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ހައްޔަރު ކުރީ، އަންހެންމީހާގެ ލޯބިވެރިޔާ ކަމަށް ބުނާ 18 އަހަރުގެ ހދ. ނޭކުރަންދޫ، ވިނަރެސްގެ އާދަމް ވިޝާން އާއި، އޭނާގެ ރަށްޓެއްސެއްކަމަށް ބުނާ 23 އަހަރުގެ ހދ. ވައިކަރަދޫ، މިލާފަރު ގޭ، އަލީ ރަޝީދު އެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.
އެފަހުން ދެން އަޑުތައް ފެތުރެން ފެށީ އޭނާއަށް ލިބިފައިވާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން މައްސަލައިގެ ތަހުގީގަށް އަދިވެސް ބަޔާނެއް ނުނެގޭ ކަމަށެވެ. އަދި އެކަމާއި ގުޅިގެންނާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ އެމީހުންގެ ބަންދުގެ މުއްދަތު ވަނީ 10 ދުވަހަށް އިތުރުވެސް ކޮށްފައެވެ.
އެހެންނަމަވެސް މިއަދު އަނެއްކާ މިވަނީ އާ ވީޑިއޯއެއް ސޯޝަލް މީޑިއާއަށް އަނެއްކާވެސް ފެންމަތިވެފައެވެ. މިފަހަރު ވިކްޓިމްގެ ދުލުން ހާދިސާގެ ހަތަރު ކާފަށް ޖަވާބު ނުލިބުނަސް މައިގަނޑު މައުލޫއުއަށް އޮތީ ޖަވާބެއް ލިބިދީފައެވެ. ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ދެމީހުންގެ ތެރެއިން އާއިލާގެ ބަޔަކު އާއްމުކުރި މި ވީޑިއޯއިން ފެންނަނީ ރޭޕުގެ ޝިކާރައަކަށް ވި އަންހެން މީހާ ވަރަށް ހަމަ ޖެހިލައިގެން ސިގިރޭޓެއް ބޮމުން ވާހަކަދައްކާ މަންޒަރެވެ. ޖަވާބު ދެނީ އެންމެ އެނގެން ބޭނުންވީ ސުވާލަށެވެ.
ކޮންމެވެސް މީހަކަށް މެސެޖެއް ކުރިކަމަށާއި އެ މެސެޖުކުރީ އޭނާކަމަށް ބުނެއެވެ. އަދި "އަސްލު އޭތި އެއިނީ ވިޝަންޓޭ އަށްވެސް ނުބައިކޮށް ގެޓުވެފަ" ކަމަށް އޭނާ ބުނެއެވެ. ވީޑިއޯއިން ދެން އަޑުއިވެނީ "އެކަމަކު ގެންގޮސްގެން ރޭޕް ކުރާކަށް ނޫނެއް ނޫންހޭ އުޅުނީ؟" ބުނާ އަޑެވެ.
ދެން އިވެނީ "ރޭޕްކުރާކަށް ނޫން އުޅުނީ. އަހަރެން އަދިވެސް ނުދެމެންނު އެއްވެސް ބަޔާނެއް" މިހެން އެއަންހެން މީހާ ބުނެ ރޭޕް ކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރާ އަޑެވެ.
ދެން ސުވާލު އުފެދެނީ މިއަދާއި ހަމައަށް އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާވެސް ލިބިފައިވާ ކަމަށް ބުނި ބުނުމާއި ނަފްސާނީ ގޮތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބަޔާންވެސް ނުދެވޭ ކަަމަށް ބުނަމުން އައިސް ކުއްލިއަކަށް މުޅި ހާދިސާގެ މަންޒަރު ބަދަލުކޮށްލުމަށް މަސައްކަތް މިކުރަނީ ކީއްވެތޯ ކުރެވޭ ސުވާލެވެ.
އޭގެ އޮންނާނެ ކަމަށް ލަފާކުރެވެނީ ދެ ސަބަބެކެވެ. އެއްކަމަކީ ރޭޕްކުރި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ އާދަމް ވިޝާން އާއި، ދެން މިކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރާ އަލީ ރަޝީދު ސަލާމަތް ކުރުމަށްޓަކައި އަންނަ ޕްރެޝަރެއްގެ ސަބަބުން އެއަންހެން މީހާއަށް މިހެން ބުނަން މަޖުބޫރުވުމެވެ. ވީޑިއޯއިން ފެންނަގޮތުން މުޅި ވީޑިއޯވެސް ފޯކަސް ކޮށްފައިވަނީ ރޭޕް ކުރި ނުވަތަ ނުކުރާކަމަށް އޭނާގެ އަނގައިން ބުނާ ބަޔަށް އެކަނި ކަމަށް ފާހަގަކުރެވެއެވެ. އަންހެން މީހާ ބަޔާން އަދި ނުދެމެއް ނޫންހޭ ބުނާ ހިސާބުން ހަމަ އެއާއި ވިދިގެން "އެހެންވިއްޔާ ބަޔާނުގައި އެހެން ލިޔާތި" މިހެން ބުނާ އަޑު އިވެއެވެ. ދެން ވަނީ ވީޑިއޯ ކަނޑާލާފައެވެ.
ދެވަނަ ސަބަބަކަށް އޮންނާނީ ފައިސާގެ ބޭނުމުގައި އެއަންހެން މީހާ އެކަން ކުރުމެވެ. ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރޭޕްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ އާއިލާގެ މެންބަރުންގެ ކިބައިން އަންހެންމީހާ ދަނީ 15،000 ރުފިޔާއަށް ޑިމާންޑް ކުރަމުންނެވެ. މިއީ ހަގީގަތެއް ނަމަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ އަނގަޔަށް ފޮތި ކޮއްފާ، ޖިންސީ ގޯނާކުރިކަމަށް އޭނާ މީގެ ކުރިން ބުނެފައިވަނީ ފައިސާގެ ބޭނުމުގައި ކަަމަށް ވެސް ވެދާނެއެެވެ.
ނަމަވެސް އެ އަންހެންމީހާ ވެއްދިތަނަކަށް ވެއްދުމަށްފަހު އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މީގެ ކުރިން ކިޔައިދީފައިވާ ކަަމަށް އަޑުތައް ފެތުރުނެެވެ. އެގޮތުން އަންހެން މީހާ މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށާއި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕާ، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި އަނިޔާތައް ކުރަމުން ދަނިކޮށް އެ އަންހެނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުގައި އެވަގުތު ތަރާވީސް ކުރަމުން ދިޔަ މީހުންނެވެ.
ސީއެންއެމްއަށް މައުލޫމާތު ދެމުން ތަރާވީހުގައި އެވަގުތު ހުރި މީހަކު ބުނެފައިވަނީ އެ އަންހެން މީހާ ހަޅޭލަވަން ފެށީ ތަރީވީހުގެ އެންމެ ފަހު ރަކުއަތް ކުރަނިކޮށް ކަމަށާއި ތަރާވީސް ނިމުމާއިއެކު ވަގުތުން އެންމެން އެ ސަރަހައްދަށް ގޮސް އެކަން ހުއްޓުވި ކަމަށެވެ. އަދި އެއްވެސް މީހަކު ކުޅިބަލަން ނުތިބޭ ކަމަށް އޭނާ ކިޔާދީފައި ވެއެވެ. އެ ސަރަހައްދަށް އެކަން ހުއްޓުވަން ޖަމާވި މީހުން ފޮނުވާލުމަށް އެ ދެ ފިރިހެނުން މަސައްކަތް ކުރިނަމަވެސް އެއްވެސް މީހަކު އެތަނުން ނުދާކަމަށާއި ފުލުހުންނަށް ރިޕޯޓްކޮށް އެދެމީހުން ކުށުގެ ވެށިން ހައްޔަރުކުރުވީ ވެސް އެސަރަހައްދަށް އެގަޑީ ޖަމާވި މީހުންކަމަށް އޭނާ ކިޔައިދިނެވެ.
އެހެންކަމުން އެކަމުގައި އާއްމުންގެ އިހުމާލު ނެތްކަމަށް ބުނެވިދާނެއެވެ. އަދި ކުޅި ބަލަންވެސް ބަޔަކު އެތަނުގައި ތިބީއެއް ނޫނެވެ. ސަލާމަތްވި މީހަކު ސަލާމަތްވީ ކުޅިބަލަން ތިބި ކަމަށް ބުނާ އާއްމުންގެ ސަބަބުންނެވެ. އެމީހުންގެ ޒިންމާ އެމީހުން ވަނީ އަދާކޮށްފައެވެ. ދެން އޮތީ ގާނޫނު ތަންފީޒުކުރާ ތަންތަނުގެ ޒިންމާއެވެ.
ރޭޕެއް ނުކުރާކަމަށް އަންހެނާ ބުނާކަމުގައި ވާނަމަ އެ އަދަބު ހައްޔަރު ކުރި މީހަކަށް ނުދެވުނަސް ފެންނަން ހުރި ވީޑިއޯތަކުން އޭނާ ގޯޅިގަނޑަށް ވައްދަނީ ރުހުމުގައި ނޫންކަން އިނގެއެވެ. އެެހެންކަމުން ތަހުގީގުގެ ކޮންމެ ހިސާބަކުން ވިކްޓިމްސްގެ ބަޔާން ތަފާތު ވިޔަސް "ސީދާ ނޫނެކޭ" ބުނެ ގަދަ ހަދަނިކޮށް ގައިގާ އަތްލެވިގެން ނުވާނެއެވެ.
ގާނޫނީ ގޮތުން ބަލާނަމަ އެއީ ކަނޑައެޅިގެން ގާނޫނީ ކުށެކެެވެ. އެހެންކަމުން މިއީ އެކަން ކުރި ބަޔަކު ބެދެންޖެހޭ ހިސާބަކަށް ވާނެ ކަން ކަށަވަރެވެ. އުފެދޭ ސުވާލަކީ މިމައްސަލަ ނިމިގެންދާއިރު އެކަންކަމަށް ބެލި ގާނޫނުގައި ބަޔާންވެގެންވާ އަދަބު ދެވޭނެތޯ ކުރެވޭ ސުވާލެވެ.
ސީއެންއެމްއަށް މައުލޫމާތު ލިބޭގޮތުގައި 19 އަހަރުގެ މިއަންހެން މީހާގެ ކައިވެނިން ބޭރުން ދެކުދިންވެސް ތިބެއެވެ. އަދި އެދުވަހު ޖެހުނު މައްސަލައަކީ އާއިލީ ކަމެއްގެ ތެރެއިން އެ މައްސަލަ ހައްލުކުރުމަށް އޭނާގެ ލޯބިވެރިޔާ ވާހަކަދައްކަން މަސައްކަތް ކުރުމުންވެސް މަޑު ނުކުރުމުން ހިނގި ކަންތައްތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.