ads
ފޮޓޯ---
ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަނީ
ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓުގެ މަސައްކަތް ފެށުމަށް ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ.

ޕްރޮޓޮޓައިޕް ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާއި ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ މިޝަންއަށް ބޭނުންވާ ފައިސާ ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

އެސެޓެލައިޓަށް ބޭނުންވާ ހާޑްވެއާ ސަޕްލައިކޮށް ސެޓެލައިޓް ލޯންޗްކުރުމުގައި ފަންނީގޮތުން އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އައިޖީއެސްއިން މިދިޔަމަހުވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި އެގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އެހީތެރިވެދޭނެ ކަމަށް އައިޖީއެސްއިން ބުނެ އެވެ.

އަދި ކޭއެސްއެފްއާއެކު ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސެޓެލައިޓް ޑިޒައިންކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖްރިބާ ކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެސްއިން ބުނެ އެވެ.

"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނީވެސް އަދި މުޅި މިޝަން ލީޑްކުރާނީވެސް ދިވެހި ޒުވާނުން. މިކަމަށް ބޭނުންވާ ތަމްރީން އަޅުގަނޑުމެން ފޯރުކޮށްދޭނަން." ރިފްއަތު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި، ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ)، އާއި މަޝްހޫރު ސްޕޭސް އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް