މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީގެ 23 ވަނަ ބައްދަލުވުމުގައި، އެ ކޮމިޓީން މިކަން ފާސް ކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުންގެ ވޯޓާއެކު އެވެ.
އެގޮތުން މިއަދު އެ ކޮމިޓީން ފާސްކުރި މުސާރައިިގެ އޮނިގަނޑަށް ބަލާއިރު، އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށެވެ. އެއީ މޭޔަރަކަށް 30،000 ރުފިޔާގެ މުސާރައާއި 10،000 ރުފިޔާގެ އެލަވަންސާއެކު ޖްމުލަ 40،000 ރުފިޔާގެ މުސާރައެކެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުންނަށް މުސާރަ ކަނޑައަޅާފައިވަނީ، 27،000 ރުފިޔާގެ މުސާރައާއި، 8000 ރުފިޔާގެ އެލަވަންސާއެކު، 35،000 ރުފިޔާގެ މުސާރައެކެވެ. އަދި ސިޓީ ކައުންސިލް ތަކުގެ މެންބަރުންނަށް މުސާރަ ކަނޑައާޅާފައިވަނީ، 24،000 ރުފިޔާ މުސާރަ އަދި 6000 ރުފިޔާ އެލަވަންސާއެކު 30،000 ރުފިޔާގެ މުސާރައެކެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ، އަތޮޅު ކައުންސިލް ރައީސްގެ މުސާރަވެސް ބޮޑު ކުރަން ނިންމާފައެވެ. އެގޮތުން އަތޮޅު ކައުންސިލް ރައީސްގެ މުސާރަ، 28،000 ރުފިޔާއަށް ބޮޑުކޮށްފައިވަނީ، 22،400 ރުދިޔާޣެ މުސާރަ އަދި 5600 ރުފިޔާގެ އެލަވަންސާއެކު އެވެ. ކުރިން އަތޮޅު ކައުންސިލް ރައީސްގެ މުސާރައަކީ 25،000 ރުފިޔާ އެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ، އެލަވަންސާއެކު މިހާރު ވަނީ 23،000 ރުފިޔާއަށް ހަމަޖައްސާފައެވެ. އެއީ 18،400 ރުފިޔާ މުސާރައިގެ ގޮތުގައި އަދި 4600 ރުފިޔާ އެލަވަންސްގެ ގޮތުގައެވެ. އަދި ރަށު ކައުންސިލްގެ ނައިބު ރައީސުންނަށް މުސާރަ 11،600 ރުފިޔާ މުސާރަ އަދި 3400 ރުފިޔާ އެލަވަންސާއެކު، ޖުމުލަ 15،000 ރުފިޔާގެ މުސާރައެއް ވަނީ ހަމަޖައްސާފައެވެ.
މިހާރު ރަށު ކައުންސިލްތަކުގެ ކައުންލިސަރުންގެ މުސާރައަކީ 10،000 ރުފިޔާއެވެ. ނަމަވެސް މިއަދު ކޮމިޓީން މި މުސާރަ 12،000 ރުފިޔާއަށް ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ. އެއީ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 2،400 ރުފިޔާއެވެ.
މަޖިލީހުން ކައުންސިލް އިންތިހާބުން ހޮވުނު މެމްބަރުންގެ މުސާރަ ކަނޑައެޅި ނަމަވެސް، މި އިންތިހާބާއެކު މިމަހު 10ގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްދޭ އެލަވަންސް ކަޑައަޅާނީ ފިނޭންސް މިނިސްޓްރީންނެވެ.