ads
ރޯދައަކީ ސިއްރިއްޔާތުގައި މަސައްކަތްކުރާ ހަތިޔާރެއް
އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް ގެ ޙަދީޘްފުޅުތަކުން އަބަދުވެސް އިތުރު އައު މުޢުޖިޒާތްތައް ފެނިގެންދެއެވެ. މީގެތެރެއިން އެއްކަމަކީ ރޯދައިގައި ހިމެނިފައިވާ ސިއްރުތަކެވެ. ޢިލްމުވެރިން ފަހަކަށް އައިސް ރޯދައިގައި ހިމެނޭ ސިއްރުތައް ހާމަކޮށްފައިވެއެވެ. އިންޓަނެޓްގައިވާ ޑޮކްޓަރީ ޢިލްމާއި ބޭސްފަރުވާއާއި ބެހޭ ސައިޓްތަކުގައި ޔަޤީންކޮށްދީފައިވަނީ ވަރަށް ގިނަ ބަލިތަކަށް ފަރުވާދިނުމަށް އެންމެ ރަނަގަޅު ގޮތަކީ ރޯދަހިފުން ކަމެވެ. މީގެ އިތުރުން އެސައިޓްތަކުގައި ގޮވާލާފައިވަނީ އެންމެންވެސް މިއަގުހެޔޮ އަދި ފައިދާ ބޮޑު "ޓެކްނިކް" ގެ ބޭނުން ހިފުމަށެވެ.

މިމަތިވެރި އަޅުކަމުގެ މުހިންމުކަން ކަށަވަރުކޮށްދެއްވަމުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ރޯދަ ސިފަކުރައްވަނީ "އައްޑަނައެއް" ގެ މިސާލުގައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ " الَصو مُ جُنة  " ( البخا ر ى و مسلم )   މާނައަކީ "ރޯދައަކީ އައްޑަނައެކެވެ." އަލްޖުއްނަތު ގެ މާނައަކީ އިންސާނާ ނުރައްކަލުން ނުވަތަ ޢަދާވާތްތެރިއެއްގެ ކިބައިން ސަލާމަތްވުމަށް ބޭނުންކުރާ އެއްޗެކެވެ.

ޠިއްބީ މާހިރުން ވިދާޅުވަނީ އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކުގެ ދިރުން ނައްތާލާ އެންމެ ނުރައްކާތެރި އެއްޗަކީ ސެލްތަކުގެ އެތެރޭގައި ޖަމާވާ ވިހަތައްކަމުގައެވެ. މިވިހަތަކުގެ ސަބަބުން ސެލްތަކުގެ މަސައްކަތަށް ހުރަސްއެޅި، އޭގެ ޙަރަކާތްތައް މަޑުކުރުވައެވެ. މިވިހަތައް ހަށިގަނޑުން ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައިވާއިރު، ގިނަފަހަރަށް އިންސާނާ އ2ަވަހަށް މުސްކުޅިކުރުވާ އެއްޗަކީވެސް މިވިހަތަކެވެ.

ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި، ނުސާފުވަޔާއި، ސާފުނޫން ކާނާއާއި، ފެނާއި، މޯބައިލް ފޯނު ފަދަ ވަޞީލަތްތަކުން އަންނަ ރޭޑިއޭޝަން ފަދަ ތަކެތިން، ގާތްގަނޑަކަށް 500 ކިއުބިކް ސެންޓިމީޓަރުގެ ވިހަ ދުވާލަކު ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ޖަމާވެއެވެ. މިވިހަތަކުން ހަށިގަނޑަށް ގެއްލުންނުވާނޭ ގޮތް ހެދުމުގެ ވަރަށްބޮޑު ބާރެއް އިންސާނާގެ ހަށިގަނޑަށް ލިބިފައިވީ ނަމަވެސް މިވިހަތައް ވަކިވަރަކަށްވުރެ ގިނަވެއްޖެނަމަ، އިންސާނާގެ ހަށިގަނޑު ބަލިކޮށްލައެވެ. މިވިހަތައް ނައްތާލުމަށް ސައިންޓިސްޓުން ވަރަށް ގިނަ މަސައްކަތްކުރައްވާ ރިސާޗްތައް ހެއްދެވުމުންވެސް، މިމުހިންމު މަސައްކަތްކުރުމަށް ރޯދަހިފުމަށްވުރެ ރަނގަޅު ވަޞީލަތެއް ހޯދިފައެއް ނުވެއެވެ. ހަށިގަނޑުގައި ޖަމާވަމުންދާ މިވިހަތަކަކީ މަޑުމަޑުން އިންސާނާގެ ހަށިގަނޑު ހަލާކުކޮށްލާ އެއްޗެކެވެ. ރޯދަހިފުމަކީ ހަށިގަނޑުގެ ބައިތަކަށް ނުރަނގަޅު އަސަރުކުރުމެއް ނެތި، ހަށިގަނޑުން މިވިހަތައް ނައްތާލާ، ފޮރުވިގެން މަސައްކަތްކުރާ ހަތިޔާރެކެވެ.

ރޯދައިގެ ސަބަބުން ޢަޖާއިބުކުރުވަނިވި އަސަރުތަކެއް އިންސާނާގެ ހަށިގަނޑަށް ކުރެއެވެ. ހަށިގަނޑުގެ ސެލްތައް މަރާމާތުކުރުމާއި، ތަފާތު ބަލިތަކާއި ވައިރަސްތަކާއި، ބެކްޓީރިއާތައް ނައްތާލުމަށް އޮތް އެންމެ ކާމިޔާބު ވަޞީލަތަކީ ރޯދަހިފުން ކަމުގައި ޑޮކްޓަރުން ހާމަކުރައްވައެވެ. މީގެ ހެއްކަކީ ހުޅަނގުގެ ބައެއް ޤައުމުތަކުގައި ހަމައެކަނި ރޯދަހިފުން ފަރުވާއެއް ކަމަށް ބަލައި، ފަރުވާދޭ ސެންޓަރުތައް ހެދިފައިވުމެވެ. ޒަމާނީ ބޭސްފަރުވާއިން ފަސޭހަކުރެވިފައިނުވާ އެތައް ބަލަިމީހުންނެއް އެމަރުކަޒުތަކުން ފެނިގެންދެއެވެ. އަދި ރޯދަހިފަން ފެށުމުން ވަކި މުއްދަތެއްގެ ތެރޭގައި އެމީހުންގެ ބަލި ފަސޭހަވެފައިވެއެވެ. ރޯދަހިފުމަކީ ﷲ ގެ ޙަޟްރަތަށް ކުއްތަންކުރުވާ ފަރުޟެއް ކަމުގައި ލައްވާ، ގިނަގުނަ ޘަވާބު ލިބޭ އަޅުކަމެއް ކަމުގައި ލެއްވިއެވެ. ހަމަ އެހެންމެ ރޯދަ ހިފާ މީހުންނަށް ނޫނީ އެދޮރުކޮޅަކުން ނުވަދެވޭނެ، ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ލެއްވިއެވެ.

ރޯދަ ހިފުމުގެ އެންމެ މުހިންމު އެއް ފައިދާ އަކީ ހަށިގަނޑު ބަލިތަކުން ދިފާޢުކޮށްދޭ "ފާރަވެރިން" ބާރުގަދަކުރުވާ، ހީވާގިކުރުވުމެވެ. އެހެންކަމުން ރޯދަ ހިފުމަކީ ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު އައްޑަނައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ރޯދަ ހިފުމަކީ ނަފްސާނީ އުނދަގޫތައް ލުއިކޮށްދިނުމާއި، ފަލަވުމާއި، މުސްކުޅިބައްޔާއި، ހުޅުހުޅުގައި ރިއްސުމާއި އަދި ލޭމައްޗަށް ދިއުމާ ދެކޮޅު ހަތިޔާރެކެވެ. ރޯދަ ހިފުމަކީ ސިކުނޑީގެ ސެލްތައް ހީވާގިކުރުވައި، ސިކުނޑީގެ ސެލްތައް އަލުން ޕްރޮގްރާމްކުރެވި އޭގެ މަސައްކަތާއި ކުޅަދާނަކަން އިތުރުކޮށްދޭ ކަމެކެވެ.

ރޯދައިން ފަރުވާ ލިބޭ ބަލިތަކުގެ ދިގު ލިސްޓް ދުވަހުން ދުވަހަށް އިތުރުވެ، ރޯދައިގެ އައުފައިދާތައް ސައިންސްވެރިން ދަނީ ހޯދަމުންނެވެ. ރޯދައިން ފަރުވާ ލިބޭ ބަލިތަކަށް ބަލާއިރު ރޯދަ ހިފުމަކީ ހަމަ ކުޅަދާނަ ހަތިޔާރެއް ފަދައިން ގިނަ ބަލިތަކަކަށް ފަރުވާ ލިއްބައިދޭ، އެބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދޭ، އަދި އެބަލިތައް ހަށިގަނޑުން ފިލުވައިލާ ކަމެކެވެ. 

އެހެންކަމުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ގެ ޙަދީޘްފުޅުގައިވާ "ރޯދައަކީ އައްޑަނައެކެވެ" މި ޙަދީޘްފުޅުގެ މާނަ ވިސްނިގެންދެއެވެ. އާދެ، ރޯދަ ހިފުމަކީ ބަލިތަކުން ރައްކާތެރިކޮށްދޭ ހަތިޔާރެކެވެ. އަދި ޤިޔާމަތްދުވަހު ނަރަކައިގެ ހޫނުން ރައްކާތެރިކޮށްދޭ ހަތިޔާރެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ބައްޔެއްޖެހި ފަސޭހަނުވެ ގިނަދުވަސްވެގެނ އެކަމުގެ އުނދަގޫއުފުލާ މީހުން ވީވަރަކުން ގިނަގިނައިން ރޯދަ ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރޯދަ ވީއްލުމުގައި ކަދުރު ކެއުން ގިނަ ކުރުމާއި، ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުންމަތީ ދެމިހުރުމާއި، ކީރިތި ޤުރުއާން ކިޔަވާ އަޑު ކަނުލައި އެހުމަކީ ﷲ ގެ އިރާދަފުޅުން ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނޭ ކަމެކެވެ.

ނޯޓް: މިލިޔުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކޮންމެ ހުކުރު ދުވަހަކު ނެރެމުން ގެންދިޔަ "ހިދާޔަތުގެ އަލި" ނޫހުގެ 17 ރަމަޟާން 1431 (27 އޯގަސްޓް 2010) ގެ ޢަދަދުގައި މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް ލިޔުއްވާފައިވާ ލިޔުމެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް