
އިންޑިޔާގައި މި ފަހުން ކޮވިޑުގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދުވާލަކު އެތައް ލައްކަ އާ ކޭސްތައް އިންޑިޔާއިން ފެންނަމުން އަންނައިރުވެސް އައިޕީއެލް ކުރިއަށްދާތީ ބައެއް ފަރާތްތަކުން އަންނަނީ ނުރުހުންފާޅުކުރަމުންނެވެ. ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން، މުބާރާތުން ވަކިވެ އެނބުރި ގައުމަށް ގޮސްފައިވަނީ އޮސްޓްރޭލިޔާގެ ތިން ކުޅުންތެރިއެކެވެ. މީގެ އިތުރުން އިންޑިޔާއަށް ނިސްބަތްވާ ކުޅުންތެރިއަކުވެސް މުބާރާތުގައި ބާކީބައި ނުކުޅެންވަނީ ނިންމާފައެވެ.
މުބާރާތުން ވަކިވެ އެންމެ ފުރަތަމަ އެނބުރި ގައުމަށް ދިޔަ ކުޅުންތެރިއަކީ ރާޖަސްތާނު ރޯޔަލްސްއަށް ކުޅޭ އޮސްޓްރޭލިއާގެ އެންޑްރޫ ޓައީއެވެ. އޭނގެ ފަހުން ރޯޔަލް ޗެލެންޖަރސް ބެންގަލޯރ ޓީމުގައި ހިމެނޭ އެޑަމް ޒަމްޕާ އަދި ކޭން ރިޗަރޑްސަންވެސްވަނީ މުބާރާތުގެ ބާކީބައިގައި ނުކުޅެވޭނެ ކަމަށް ނިންމައި އެނބުރި ގައުމަށްދާން ތައްޔާރުވެފައެވެ. އަދި މީގެ އިރުން އިންޑިޔާގެ ރަވިޗަންދްރަން އަޝްވާންވެސްވަނީ އާއިލާއާ އެކު ހުންނަން ބޭނުން ކަމަށް ނިންމައި މުބާރާތުން ވަކިވެފައެވެ.
ކޮންމެ ދުވަހަކު އެތައް ލައްކަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެތައް ބަޔަކު މަރުވަމުންދާ އިރުވެސް މުބާރާތް ކުރިއަށްދާތީ ގިނަ ބަޔަކު އަންނަނީ މުބާރާތް އިންތިޒާމް ކުރާ ފަރާތަށް ފާޑު ކިޔަމުންނެވެ.