ads
ފޮޓޯ:ވީނިއުސް
ހުކުރު ހުތުބާ: މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާ
ބަދުރުހަނގުރާމައިން ލިއްބައިދޭ ފިލާވަޅަކީ، މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާދެންނެވުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ބަދުރުހަނގުރާމައިން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ މިއަދުގެ ހުކުރު ހުތުބާގައި ބުނީ، ބަދުރުހަނގުރާމައިން ދަސްކޮށްދެނީ ނަސްރަކީ ﷲ ދެއްވާ އެއްޗެއްކަމާއި މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާދެންނެވުން ކަމަށެވެ. އެއީ ފަހަރެއްގައިވެސް ހަމައެކަނި މާއްދީގޮތުން ލަޝްކަރުގެ ބައިބޯކަމާއި، ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމަށް ހުތުބާގައި ބުނެފައިވެެއެވެ. 

ބަދުރު ހަނގުރާމައަކީ އިބުރަތުން ފުރިގެންވާ މަތިވެރި ހާދިސާއެކެވެ. ބަދުރު ހަނގުރާމަ ހިނގާފައިވަނީ، ހިޖުރައިން ދެވަނައަހަރު، ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހު، ޤުރައިޝް ވަންހައިގެ ބޮޑުން، ނިކުތީ ބޮޑާކަމާއި، ކިބުރުވެރިކަމާއެކުއެވެ. ބަދުރު ހަނގުރާމައިގައި، މުސްލިމުންގެ ޢަދަދަކީ 313 ވަރަކަށް ބޭކަލުންނެވެ. އޭގެތެރޭގައި ހިމެނެނީ ހަމައެކަނި ދެ އަސްވާރުންނެވެ. 

ކީރިތި ރަސޫލާ ނިކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށެއް ނޫނެވެ. ދުޝްމަނުންގެ ލަޝްކަރުގެ ޢަދަދު ހާހަކަށް ވުރެ އަސްވާރުން ތިއްބެވެ. އެމީހުން ނިކުތީ ހަނގުރާމައަށް ތައްޔާރުވެގެންނެވެ. ނަމަވެސް ﷲ އިރާދަކުރެއްވީ، އެކަލާނގެ ނަސްރުގެ ވައުދުފުޅު ފުރިހަމަކުރެއްވުމަށެވެ. ބަދުރުހަނގުރާމައިގައި މަލާއިކަތުންގެ ފައުޖުތައް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން ފަސްހާސް މަލާއިކަތުންގެ ވާހަކަވެސް ގުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ.

" ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި ޤާފިލާ އާއި، ހަނގުރާމަވެރި ލަޝްކަރު ގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް ނަޞްރު ލިބޭނެ ކަމުގައި، ﷲ ތިޔަބައިމީހުންނަށް ވައުދު ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. ނަމަވެސް، ﷲ އިރާދަކުރައްވަނީ، އެކަލާނގެ ކަލިމަފުޅުތަކުން ޙައްޤު ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި ކާފިރުންގެ އަސްލު މުލުން ލުހެލެއްވުމަށެވެ." އައްފާލު ސޫރަތުގެ ހަތްވަނަ އާޔަތުގައި މާތް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ.

ބަދުރުހަނގުރާމައިން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި މިއަދުގެ ހުކުރު ހުތުބާ ނިންމަވާލައްވަމުން ބުނެފައިވަނީ ބަދުރުގެ މަތިވެރި ނަސްރުން އިބުރަތް ހާސިލުކުރައްވުމަށް އެދޭކަމަށެވެ. އަދި އިސްލާމް ދީނުގެ ދިފާޢުގައި ކުރަން ޖެހިއްޖެ ކޮންމެ ކަމެއްގައި ކެރިގެން ކުރިމަތިލުމަށާއި ﷲ ގެ ރަސޫލާގެ ހައްގުގައި ދޭންޖެހިއްޖެ ޤުރުބާނީއަކަށް ފަސްޖެހި ނުލައްވެއްމަށް ގޮވާލައްވާފައިވެއެވެ.

މީގެ އިތުރުން ކެތްތެރިކަމާއި، ތަގުވާވެރިކަމާއި، އެކުވެރިކަމާއެކު ހެޔޮގޮތުގައި ދެމިތިބުމަށް ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް