އައިޖީއެސް އިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން، މި މިޝަންގައި ބައިވެރި ވެވޭނީ އެއިރޯސްޕޭސް އިންޖިނިއަރިންގް، ކޮމްޕިއުޓާ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގް އިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފެރޭ ދިވެހިންނަށެވެ.
މި މިޝަންއަށް ހޮވޭ ފަރާތްތަކުގެ ތަމްރީނުތައް ކުރިއަށް ގެންދެވޭނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމެއްގެ ބެލުމުގެ ދަށުންކަމަށްވެސް އައިޖީއެސްއިން ބުނެފައިވެއެވެ.
މި ހިލޭ ތަމްރީނު ފުރިހަމަ ކުރާފަރާތް ތަކަށް ނެނޯ ސެޓަލައިޓް އިންޖިނިއަރިންގް ޕްރޮފެޝަނަލްގެ ސެޓްފިކިޓް ލިބިގެންދާނެކަމާއި އަދި މި ސެޓްފިކެޓަކީ ސްޕޭސް އިންޑަސްޓްރީޒްތަކުން ގަބޫލުކުރާ ސެޓްފިކެޓެއް ކަމަށް އައިޖީއެސް ގެ ޗެއާމޭން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވިއެވެ.
އަދި ރިފްއަތު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓަލައިޓް އުފައްދާނީ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުންނެވެ. އަދި މުޅި މިޝަން ރޭވިފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރި ވެވޭނެ ގޮތަށް ކަމާއި އަދި އަދި އެހެންކަމުން ވަޒީފާއިން ވަކިނުވެ މިތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ ކަމަށް ރިފްއަތު ވިދާޅުވެފައިވެއެވެ.
އަދި މި ބަޔާނުގައި ވާގޮތުން، މި މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކަމަށާއި އަދި އޭގެ އިތުރުން އެމެރިކާގެ ޖައްވީ އިދާރަ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އޭޖެންސީ ( އީސާ ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ ސައިންސުވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރި ވާނޭ ކަމަށް އައިޖީއެސް އިން ބުނެފައި ވެއެވެ.
އަދި ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓަލައިޓަށް ބޭނުންވާ ހާޑްވެއާ ސަޕްލައިކޮށް، ދިވެހިން ތަމްރީނު ކުރުމުގެ އިތުރުން ސެޓަލައިޓް ލޯންޗް ކުރުމުގައިވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އައިޖީއެސް އިން ބުނެފައިވެއެވެ.
މިޝަންގައި ބައިވެރިވާން ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އައުޖީއެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އެޕްލައި ކުރަން ޖެހޭނެ ކަމަށާއި މިމިޝަން އަށް ނަގަނީ ޖުމްލަ 12 ދިވެހިންކަަމަށް އައިޖީއެސްއިން ބުނެފައިވެއެވެ.