ޕާޓާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތަކާއި ގައުމުތަކުގެ ޓޫރިޒަމް އިދާރަތައް ބައިވެރިވެ، އޭޝިއާ ޕެސިފިކުގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަށް ކުރިއަރުވަން މަސައްކަތްކުރާ އިންޓަނޭޝަނަލް ޖަމިއްޔާއެއް ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އަދި ޕާޓާގެ ވޯޓުލާ މެމްބަރުންގެ މެދުގައި އޮންލައިންކޮށް ކުރިއަށްގެންދިޔަ ސިއްރު ވޯޓު ކާމިޔާބު ކުރައްވައިގެން، ޑރ. މައުސޫމް އެގްޒެކެޓިވް ބޯޑަށް އިންތިހާބުވެ ކޮށްފައިވަނީ 29 އޭޕްރީލް 2021 އިން ފެށިގެން ދެއަހަރުގެ ދައުރަކަށް ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
ކޮވިޑް ޕެންޑެމިކުން އަރައިގަތުމުގެ ގޮތުން ޕާޓާއިން ހިންގަމުން ގެންދާ ހަރަކާތްތަކުގައި ދިވެހި ސަރުކާރާއި ޓޫރިޒަމް އިންޑަސްޓްރީގެ އަމިއްލަ ފަރާތްތައް ދަނީ ބައިވެރިވަމުން ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅުންހުރި މައުލޫމާތުތައް ދުނިޔެއަށް ހިއްސާކުރުމަށް ބޭއްވޭ ވެބިނާތަކުގެ ވާހަކަވެސް މިނިސްޓްރީ އިން ފާހަގަކޮށްލިއެވެ.
ޕާޓާ ޕްރޮގްރާމްތައް ހިންގުމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ 32 ޗެޕްޓާ ދުނިޔޭގެ ކަންކޮޅުތަކުގެ ހިމެނޭއިރު ޕާޓާ މޯލްޑިވްސް ޗެޕްޓާގެ ޗެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ އަބްދުﷲ ގިޔާސް ( ހ. ލޭޑީބާޑްއާގެ ) ކަމަށްވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.
ޕާޓާގެ މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސާ ޑރ. މާރިއޯ ހާޑީގެ ދައުރު މިމަހު ނިމުމުން ދެން ޕާޓާގެ ސީއީއޯ އަކަށް ހަމަޖައްސަން ނިންމާފައިވަނީ ލިޒް އޯޓިގިއުރާ ކަމަށް މިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި އޯޓިގިއުރާއަކީ 1951 ވަނަ އަހަރުގައި ޕާޓާ އުފެއްދުނީއްސުރެ އެޖަމިއްޔާއަށް އައްޔަން ކުރާ ފުރަތަމަ އަންހެން ޗީފް އެގްޒެކެޓިވް އޮފިސަރުކަން ވެސް މިނިސްޓްރީއިން ފާހަގަ ކޮށްފައިވެއެވެ.
ޕާޓާގެ އެގްޒެކެޓިވް ބޯޑުގެ މިހާރު ޗެއާއަކީ، ސިންގަޕޫރުގެ އޭސިއްޗައިނާ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ، މރ. ސޮންވާ ވޮންގް ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.