ads
ވީޑިއޯ ރިޕޯޓް
އިމްތިހާނު ޕޭޕަރުތައް ލީކުވުން، ދަރިވަރުންނަށް ބޮޑު ގެއްލުމެއް
ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވެސް ކަޅު އަނދިރި ގަނޑެއްގެ ތެރެއަށް ވެއްޓުނެވެ. ގޭގައި ދަރިވަރުން ބަންދުވެ އޮންލައިންކޮށް ކިޔަވަން ޖެހުނެވެ. ކިޔަވާދިނުމުގެ އެ ނިޒާމަކީ ދަރިވަރުންނަށް ގިނަ އުނދަގޫތަކަކާ ތަކުލީފުތަކެއް ކުރިމަތިވި ކަމެކެވެ.

މިދިޔަ އަހަރު ގްރޭޑް 10 އަދި 12 ގައި ކިޔަވަމުން ދިޔަ ދަރިވަރުން އެކުދިންގެ ކިޔެވުން ނުނިމި އެއް އަހަރު ފާއިތުވެގެން ގޮސްފި އެވެ. ކޮވިޑްއާއި ގުޅިގެން ކިޔަވަމުން އައި ކުދިންގެ ކިޔެވުމަށް ބުރޫއަރާ އިމްތިހާނުތައް ބޭއްވުމަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި އޭލެވެލް އަދި އޯލެވެލް އިމްތިހާނު ބާއްވާފައިވާއިރު ގިނަ ދަރިވަރުންގެ ނަތީޖާތައް އުއްމީދުކުރި ވަރަށްވުރެ ރަނގަޅުކަމަށް ސްކޫލުތަކުން ބުނެ އެވެ.

އަދި މިއަހަރުގައި ތާވަލްކޮށްފައި އޮތް އިމްތިހާނަށް ދަރިވަރުން ދިޔައީ ފޯރީގައި ތައްޔާރުވަމުން ނެވެ. ނަމަވެސް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލިބުމުގެ ކުރިން، ދަރިވަރުން ކުރި އުއްމީދުތައް މި ވަނީ ފެނަށް ގޮސްފައެވެ.

މިމަހުގެ 26 ގައި ފެށިފައިވާ އޭލެވެލް އިމްތިހާނު މިހާރު ކުރިއަށް ދާއިރު މިމަހުގެ 29 ވަނަ ދުވަހުގެ ރޭގަނޑު 09:56 ހާއިރުން ފެށިގެން އެދުވަހުގެ މެންދުރު 13:17 ގެ ނިޔަލަށް، "ޕިއާސަން" ގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ފޯރުކޮށްދޭ އޭލެވެލް އިމްތިހާނުގެ ގިނަ އަދަދެއްގެ ކަރުދާސް ތަކެއް ވަނީ ލީކު ވެފަ އެވެ.

ޕޭޕަރުތަށް ލީކުވެގެން ދިއުމާ އެކު ދަރިވަރުން އެކުދިންގެ ކަންބޮޑުވުންތަށް ބަންޑުން ކުރަންފެށި އެވެ. ގަދައަޅާ ކިޔެވުމުގެ އެއްވެސް ފައިދާ އެއް ދެން ނުކުރާނެ ކަމަށް ބުނެ އެކުދިންގެ ހިތުގެ އުދާސްތަށް އޮއްސާލި އެވެ. 

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަނުން މިހާރު ބުނެފައި ވަނީ ރާއްޖޭގައި ކުރިއަށް ގެންދަމުންދާ އެޑެކްސެލް އިންޓަނޭޝަނަލް އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތަކުގެ ތެރެއިން ލީކުވެފައިވާ ކަރުދާސްތަށް ލީކުވެފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ސެންޓަރަކުން ނޫންކަމަށެވެ. އަދި އޭ ލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައިވާތީ އެޑެކްސެލް އިން މިހާރު އެމައްސަލަ ބަލަމުންދާ ވަކި ގޮތެއް އެޑެކްސެލުން އަންގަން ދެން މިހާރުގެ ތާވަލާ އެއްގޮތަށް އޭލެވެލް އިމްތިހާނު ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މި އިމްތިހާނުގެ ޕޭފަރުތައް މިހާރު ލީކުވެފައިވާއިރު އެންމެ ފުރަތަމަވެސް އޭލެވެލް އިމްތިހާނުގެ ކަންކަށް ދިޔަގޮތުން ދަރިވަރުން ތިބީ ވާނުވާގަ އެވެ.

އެގޮތުން އެންމެ ފަރަތަމަ ދަރިވަރުން ހިތްވަރާ އެކު އޭލެވެލް އިމްތިހާނަށް މަސައްކަތް ކުރަމުން ދަނިކޮށް މި އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެޑިއުކޭޝަނުން މިއަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ އޭއެސް އަދި އޭލެވެލް އިމްތިހާނު ނުބާއްވާނެކަމަށް އެންގި އެވެ. ދަރިވަރުންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް އޭރު ލިބިގެން ދިޔައީ އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. 

މަންޒަރު ބަދަލުވެގެން ދިޔައީ ދަރިވަރުން ހީވެސް ނުކުރާ ގޮތަށެވެ. އެކުދިން ކުރި އުންމީދުތައް ވިއްސި ވިހާލިވެގެން ދިޔައީ މާޗް މަހު އަނެއްކާވެސް އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަނުން ބުނުމުން ނެވެ. އެޑިޔުކޭޝަނުން އިމްތިހާނު މާޗްމަހު ބޭއްވުމަށް ތާވަލް ކުރިއިރު، ދަރިވަރުންނަށް އެ ކަމަށް ތައްޔާރުވާން ލިބުނީ އެންމެ މަހެކެވެ. މިއީ އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް މާޔޫސީ ގެނުވި ކަމެކެވެ.

ސަބަބުތަކެއްވެސް ނެތިއެއް ނޫނެވެ. ބައެއް ސްކޫލުތަކުގައި ސިލަބަސް އެއްކޮށް އޭރު ނިމިފައިނުވާއިރު، ޓީޗަރުންގެ ކިޔަވާ ދިނުމުގެ ސްޕީޑް އަވަސްވެގެން ދިޔަ ދިޔައީނުން، ކިޔަވަމުންދިޔަ ކުދިންނަށް އެއްވެސް އެއްޗެއް "އަންޑަސްޑޭންޓު" ނުވާކަމަށް އިމްތިހާނުގައި ބައިވެރިވަމުން އަންނަ ކުދިން ދިޔައީ ބުނަމުންނެވެ. އިމްތިހާނުގެ ޕްރެޝާ ބޮޑުވެ ގިނަ ކުދިން ސްޓްރެސް ވާންފެށި ކަމަށާއި ގިނަ ކުދިން ހިތްވަރު އެލެން ފެށި ކަމަށްވެސް ބުނެފައިވެއެވެ. އަދި އިމްތިހާނުން ފާސް ނުވެދާނެ ކަމުގެ ބިރުވެރި ރަނގަބީލު އަޅަން ފެށިކަމަށް ވެސް އެކުދިން ބުނެފައިވެ އެވެ.

ދެން ފެނުނީ އެޑެކްސެލްއިން މެއި/ޖޫން ގައި ބޭއްވުމަށް ނިންމާފައިވާ އިމްތިހާނުގެ ތާރީހު އަވަސްކުރި މަންޒަރެވެ. ދަރިވަރުންގެ ކަންބޮޑުވުމަށް ބޮޅެއް އިތުރު ވިއެވެ. އޭޕްރީލް މަހުގެ 26 ގައި ފުރަތަމަ އިމްތިހާނު ބޭއްވޭނެ ކަމަށް އެނގުމުން ހޫނު ފެނަށް ކަނޑައެއް ވެއްޓުމުން ތެޅިފޮޅޭހެން ދަރިވަރުން ތެޅިފޮޅެން ފެށި އެވެ.

މިއަހަރުގެ މެއި/ ޖޫންގައި ބޭއްވުމަށް ތަވާލުކުރި އޭލެވެލް އިމްތިހާނުގެ ތާރީހު އަވަސް ކޮށްފައިވާތީ ބޭނުންވާ ދަރިވަރުންނަށް އޮކްޓޫބަރު/ ނޮވެމްބަރުގައި އިމްތިހާނުގައި ބައިވެރިވާން ފުރުސަތުދޭން އެޑިއުކޭޝަނުން ނިންމި އެވެ. އަދި އެޗްއެސްސީ އިމްތިހާނު ބާއްވާ ތާރީހުވެސް ފަސްކުރި އެވެ. 

ނަމަވެސް ދަރިވަރުންނަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވި އުޅެނިކޮށް މެއި/ޖޫން އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގަދަ ދިހައެއްގައި ބައިވެރިވެވޭނެ ކަމަށާއި އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ގަދަ ދިހައެއްގައި ބައިވެރި ނުވެވޭނެ ކަމަށް އެންގި އެވެ.

ވަގުތުން އެކުދިން ރަތަށް އެރި އެވެ. އަދި އެމީހުންގެ ހައްގުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްގައި އަޑުއުފުލަން ފެށި އެވެ. ދަރިވަރުންގެ ކަންބޮޑުވުން ބަންޑުން ކޮށްލުމުން އެންމެފަހުން މެއި/ޖޫން އިމްތިހާނުގައި ބައިވެރިވި ނަމަވެސް، އޮކްޓޫބަރު/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވި ނަމަވެސް ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލާޝިޕް ދިނުމުގައި އެ ދަރިވަރުންނަށް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ.

އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާ ދަރިވަރުން އެތަށް އުނދަގޫތަކެއް ގިރާކޮށް މިހާ ހިސާބަށް ވާސިލް ވެފައި ވަނިކޮށް ޕޭޕަރުތަށް ލީކުވުމުން ކުދިންގެ ހަގީގީ ޕާފޯމަންސް ނުފެނުން އެކަށީންގެން ވެއެވެ. އަދި ހިތްވަރާ މިންނަތުން މަސައްކަތް ކުރި ދަރިވަރުންގެ ހިތްވަރު މިހާރު ވަނީ ގެއްލިފަ އެވެ. އެހެންކަމުން މި ފަހަރުގެ މެއި/ޖޫން އިމްތިހާނުން ގިނަ ދަރިވަރުންތަކެއްގެ ނަތީޖާއަށް ނޭދެވޭ އަސަރެއް ކޮށްފައިވާ މަންޒަރު ފެނިގެން ދިއުން އެކަށީގެން ވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް