ބެންގަލޫރު އެފްސީއާ އީގަލްސް ކުޅޭ މެޗު ބާއްވަން ހަމަ ޖައްސާފައި އޮތީ މި މަހުގެ އެގާރަވަނަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައެވެ. އެހެންނަމަވެސް މިހާރު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މެޗު ކުޅެވިދާނެ ކަމާ މެދުވަނީ ސުވާލު އުފެދިފައެވެ. އެއީ އެޗްޕީއޭއިން ހޯމަ ދުވަހު އިއުލާން ކުރި ހަރުކަށި އުސޫލާ ގުޅިގެންނެވެ.
އިންޑިޔާގައި ކޮވިޑު ޕޮޒިޓީވް ކޭސްތައް މިދިޔަ އެއް ހަފުތާގައި އުޅެނީ އެވްރެޖްކޮށް ދުވާލަކު ތިން ލައްކަ ހަތްދިހަ ހާހަށްވުރެ މަތީގައެވެ. އަދި ކޮވިޑުގައި މަރުވާ މީހުންގެ އަދަދުވެސް ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަހު އިންޑިޔާގައި އުޅެނީ ތިން ހާސް ހަތަރު ސަތޭކައަށްވުރެ މަތީގައެވެ. އިންޑިޔާއަކީ މި ވަގުތު މުޅި ދުނިޔޭންވެސް ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އުޅޭ އެއް ގައުމެވެ. އަދި އިންޑިޔާއިން އަންނަ ޓުއަރިސްޓުން ފިޔަވައި އެހެން އެންމެން ދެ ހަފުތާއަށް ކަރަންޓީނު ކުރުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ.
ބެންގަލޫރު ޓީމު މި ހަފުތާގައި މާލެ އައުމަށް މަސައްކަތް ކުރަމުން އަންނައިރު އެ ޓީމު މި ވަގުތު ތިބީ ގޯއާގައި ކޭމްޕް ކޮށްގެންނެވެ. ގޯއާގައި އެ ޓީމު ކޭމްޕުކޮށްގެން ތިއްބާ އެ ޓީމުގެ ބައެއް ކުޅުންތެރިންނާ އޮފިޝަލުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީވެސް ހިމެނެއެވެ.