ads
ބިލް ގޭޓްސް އާއި މެލިންޑާ ފޮޓޯ:---
ބިލް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް
މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅާލަން ނިންމައިފި އެވެ.

ބިލް އާއި މެލިންޑާ ވަރިވާން ނިންމިކަން އިއުލާން ކުރީ، ބިލް ގޭޓްސް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ކުރި ޕޯސްޓަކުންނެވެ. ދެ މީހުންގެ ނަމުގައި ލިޔެފައިވާ އެ ޕޯސްޓުގައި ބުނާ ގޮތުން 27 އަހަރު އެކުގައި އުޅުނު ނަމަވެސް ދިރިއުޅުމުގެ ކުރިއަށް އޮތް ބައިގައި އެކުގައި އުޅެވޭނެ ކަމަށް ދެމީހުންނަށް ވެސް ގަބޫލު ނުކުރެވޭތީ ވަކިންވާން ނިންމާފައިވާކަމަށެވެ.

ބިލް އާއްމުކުރި ކުރު ބަޔާނުގައި ބުނެފައިވާ ގޮތުން ދެމީހުން ވަރިވާން ނިންމި ކަމުގައި ވިޔަސް އެދެމީހުންގެ ނަމުގައި ހަދާފައިވާ "ބިލް ގޭޓްސް & މެލިންޑާ" ފައުންޑޭޝަން އުވިގެން ނުދާނެ އެވެ. އަދި އެ ފައުންޑޭޝަންގެ މަސައްކަތުގައި ދެމީހުން ވެސް ބައިވެރިވާނެ އެވެ. ބިލް ގޭޓްސް އާއި މެލިންޑާގެ މި ފައުންޑޭޝަނަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް ސިއްހީ، ތައުލީމީ އަދި އެނޫން ވެސް އެކި ޒަރޫރީ ބޭނުންތައް ފުއްދުމުގައި އެހީ ފޯރުކޮށްދޭ ފައުންޑޭޝަނެކެވެ.

ބިލް އާއި މެލިންޑާގެ ކައިވެންޏަށް 3 ދަރިން ވަނީ ލިބިފައެވެ. އެއީ ރޯރީ ގޭޓްސް، ޖެނިފާ ގޭޓްސް އަދި ފޯބީ ގޭޓްސް އެވެ.

އުމުރުން 65 އަހަރުގެ ބިލް ގޭޓްސް އަކީ މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެެ ލިސްޓުގެ ކުރިން ޖާގަ ހޯދާފައިވާ މީހެކެވެ. އެގޮތުން އޭނާގެ މިލްކިއްޔާތުގައި 130 ބިލިއަން ޑޮލަރ ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް