ads
ވާހަކަ: ޓިކާނާ
"އާއްމު ރީތި ނަމެއް." ހަނީފު ހިނިތުންވެލިއެވެ. "އަސްލު ނަމަކީ ރައިޝާ،" އެ އަންހެން ކުއްޖާގެ އަޑުގެ ކުރަކިކަން ކެނޑެމުން ދިޔައެވެ. "މީހުން ކިޔަނީ ރިޔާޝާ. މަންމަމެން އެންމެ ފުރަތަމަ އަހަންނަށް ކީ އެނަން."
(ފަހު ބައި)

"އާއްމު ރީތި ނަމެއް." ހަނީފު ހިނިތުންވެލިއެވެ.
"އަސްލު ނަމަކީ ރައިޝާ،" އެ އަންހެން ކުއްޖާގެ އަޑުގެ ކުރަކިކަން ކެނޑެމުން ދިޔައެވެ. "މީހުން ކިޔަނީ ރިޔާޝާ. މަންމަމެން އެންމެ ފުރަތަމަ އަހަންނަށް ކީ އެނަން."

"ރީތި،" ހަނީފު ހިނިތުންވެލިއެވެ. "މާނައަކީ ރީތި. ރީތި ނަން ފޮރުވައިފަ އެހެން ނަމެއްނު މީހުން ތި ކިޔަނީ. އަހަރެން ކިޔާނީ ރައިޝާ. އެންމެ ރަނގަޅެއްނު."
"ހޫމް." ރައިޝާ ގަދަ ކަމުން ހިނިތުންވެލިއެވެ.

ރައިޝާ މަޑުމަޑުން ތެދުވެލިއެވެ. ފާލަން މަތީގައި އެއް އަތް ވިއްދައިލިއެވެ. މޫނުގައި ތަތްވެފައިވާ އިސްތަށިތައް އެއް އަތުން އެއްފަރާތް ކޮށްލަމުންނެވެ. އޭރުވެސް އޭނާގެ މޫނުމަތީ ހުރި ލޮނު ތިކިތައް ތިރިއަށް ސޮހެމުން ދިޔައެވެ.

"އަހަންނަށް ރައިޝާ އެކަނި ދޫކޮށްލައިފަ ދާކަށް ނުކެރޭނެ. ކިތައްމެ އިރެއް ވިޔަސް މިތާ އަހަރެން އިންނާނަން،" ހަނީފު ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެންތައް ބުރުވާލަމުން ރައިޝާއަށް ބަލައިލިއެވެ. "އަހަންނަކީ މިރަށަށް ބީރައްޓެއްސެއް. އަހަރެން ދަންނާނީ މަދު ބަޔަކު. އެމީހުންވީ ހަނިމާދޫގަ. އެހެންވެ މިރޭ އަހަރެން ހޯދާނެ މީހަކު ނުހުންނާނެ."

ރައިޝާ ބަލައިލީ ހަނީފުގެ މޫނަށެވެ. އެ ބެލުމުން އެތައް ވާހަކަތަކެއް ބުނެދޭފަދަ މޭރުމަކުންނެވެ.
"އަހަންނަށް ކީއްވެގެންތަ މީހުންނަށް އިތުބާރު މި ކުރެވެނީ މާވައަހަށް؟ މީހާއަކީ ކާކުކަން ވެސް ނޭނގުނަސް އެ މީހަކަށް އިތުބާރު ކުރެވޭތީ ލިބުނު ލަނޑު ވަކީން ކުޑަތަ؟" ރައިޝާ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔައެވެ. ނަމަވެސް އެއްވެސް ލަފުޒެއް ބޭރެއް ނުވެއެވެ. "މިރޭ ވެސް މި ކުރެވުނީ ކުޑަ ތަޖުރިބާއެއް ނޫން."
"ކީކޭ؟ އެއްޗެކޭ ބުނިންތަ؟" ހަނީފު ބަލައިލީ ރައިޝާއަށެވެ.
"އުހުނ." ރައިޝާއަށް ސިހުންލިބުނެވެ.

"ބުނަން ބޭނުންވާ ވާހަކައެއް ބުނަން ފަސް ނުޖެހޭތި. މިރޭ މި ތަން ކިތައްމެ އަނދިރި ނަމަވެސް، ހޮޅިބުރީގެ ފަނޑު އަލިކަމާއެކު އަހަންނަށް ތިޔަ މޫނުމަތިން އެތައް ވާހަކައެއް އެބަ ދޭހަ ކުރެވޭ. އެތައް ކަމެއް އެބަ މޭރުންވޭ." ހަނީފު ލުއި ހިނިތުންވުމަކާއެކު ރައިޝާއަށް ހަތަރު ކަޅި ހަމަކޮށްލިއެވެ.
"އަހަރެން މިކަމުން ނުކުންނަން ބޭނުންވޭ. މިކަމުން އަރައިގަންނަން ބޭނުންވޭ. އަހަންނަށް އެހީވާނީ ކާކު؟ އަހަންނަށް އަޅައިލާނީ ކާކު؟ އަހަންނަކީ..." ރައިޝާ ބަޑިފަޅައިގެން ދިޔައެވެ.

ރައިޝާ ހިފަހައްޓައިގެން ހުރި ހުރިހާ ވާހަކަތަކެއްގެ ކޮޅުތައް މޮހިގެން ދިޔައެވެ. އެންމެ ފަހުން ހަނީފުގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލަން މަޖުބޫރުވީއެވެ.
"އަހަރުމެން ކައިވެނީގެ ހުރިހާ ކަމެއް ރޭވީ ވަރަށް ރަނގަޅަށް. އާއިލާގެ އެންމެންގެ ޚިޔާލާއި މަޝްވަރާގެ މަތީން. އަހުނަފަކީ އަހަރެންގެ ހަޔާތަށް އާ ދެވަނަ މީހާ. އޭނާއަކީ މާލެއަށް އުފަން މީހެއް. ތަނަވަސް ގަދަރުވެރި އާއިލާއެއްގައި ހުރި އެންމެ ދޮށީދަރި." ރައިޝާ ހިންދިރުވާލިއެވެ. "އެއީ ބޮޑު އާއިލާއެއް. އެންމެން ބޭނުންވީ މި ޗުއްޓީގައި ކައިވެނީގެ ކަންކަން މިރަށުގައި، މި ރަށުގެ ސަގާފަތާ އެއްގޮތަށް ގެންދަން. ކައިވެނީގެ ހުރިހާ ކަމެއް ފުރިހަމައަށް ރޭވި. ޓިކެޓުގެ ކަންކަން ހަމަ ނުޖެހިގެން އަހުނަފުގެ މަންމައާއި ބައްޕަ އަދި ދޮންތައަށް ޓިކެޓު ލިބުނީ މިއަދު ހަވީރަށް. އެމީހުން ބަލާ އެއަރޕޯޓަށް އަހުނަފާ އަހަރެންގެ ބޭބެ ދިޔައީ ލާންޗުގަ. އޭރު މިކޮޅުން ކައިވެނީގެ ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށް ދިޔަ. އަށެއް ޖަހަންވާއިރަށް ވަލީމާގެ ކަންކަން ކުރިއަށް ގެންދަން ހުރިހާ ކަމެއް އޮތީ ނިމިފަ. ހައެއް ޖަހާކަންހާއިރު، މޭކަޕް ކުރުމަށް އަހަރެން ވެސް ކޮޓަރިއަށް ވަނީ މޭކަޕްކުރާ ކުއްޖާ އައީމަ."

ރައިޝާ ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ކިޔައިދެމުން ދިޔައެވެ.
"ހަތެއް ޖެހިއިރު ވެސް އެއްވެސް މީހެއްގެ ހިލަމެއް ވެސް ނުވޭ. މޭކަޕް ކުރަން ހުރި ކުއްޖާއަށް ކޯލެއް އައުމުން އޭނާ ނުކުތީ ކޮޓަރިން ބޭރަށް. އިރުކޮޅަކުން އޭނާ އެތެރެއަށް ވަން. ކުރީން ވަރަށް ވާހަކަދައްކަމުން މަޖާކުރަމުން ދިޔަ ނަމަވެސް އޭގެ ފަހުން އޭނާއަށް އައި ހިމޭންކަމުގެ ސަބަބުން އަހަންނަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެމުން ދިޔަ. ލަސްލަހުން އޭނާ މޭކަޕް ކުރަމުން ދިޔަ. ފަރުވާ ކުޑަ ގޮތަކަށް. އިރުއިރުކޮޅާ އޭނާ ފޯނަށް ލޯ ހިންގާ ކަން އަހަންނަށް އެނގުނު.

ކޮޓަރީގައި ދެ ފަހަރަކު ޓަކި ޖަހައިލި. އެވަގުތު އެ ކުއްޖާއަށް ކޯލެއް އައި. އޭނާ ބުނިހާ ވެސް ވާހަކައަކީ އޯކޭ މިދަނީއޭ."
"ދެން ކިހިނެއްވީ؟" ހަނީފުގެ ކެތްތެރިކަން ކޮޅުން ލިއެވެ.
"އަހަންނަށް ބަލައިލެވުނީ ފާރުގައި ހުރި ގަޑިއަށް. އޭރު ގަޑިން އަށްގަޑި ބައިވަނީ. އަހަންނަށް ކަމެއް ގޯސްވެއްޖެ ކަމުގެ އިހުސާސްކުރެވެން ފެށި. ބޮޑު ކަންތައް ގަނޑެއް ހިނގައިފިކަމުގެ އިހުސާސް ކުރެވެމުންދިޔަ." ރައިޝާ ގަދަކަމުން ހިންދިރުވާލިއެވެ. "އެންމެ ފުރަތަމަ ވެސް ބޭނުންވީ ބޭރަށް ނުކުމެލާ ވެގެން އުޅޭ ގޮތެއް ބަލައިލަން. އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މައިގެ ތެރޭގައި ތިބި އެންމެންގެ ކަޅި އަމާޒުވީ އަހަންނަށް. ސުވާލުގެ ނަޒަރުން އެންމެން ވެސް ބަލަމުން ދިޔައީ އަހަންނަށް. އެ މީހުންގެ މޫނުމަތީން ފެންނަމުން ދިޔައީ މާޔޫސްކަން. ހިތާމައިގެ އަސަރުތައް. ބޮޑުކަމެއް ވެއްޖެކަމުގެ ނިޝާންތައް. ދޮންތައަށް އަހަރެން ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތް. ދޮންތަ ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ކޮޓަރިއަށް ވެއްދި."

"ހޫމް." ހަނީފު ފަރުވާތެރިކަމާއެކު އަޑުއަހަން އިނެވެ.
"ދޮންތަ... ދޮންތަ ބުނި ވާހަކަތައް އިވުމާއެކު އަހަންނަށް ވީ ގޮތެއް ނޭނގުނު. ބޮލަށް އެނބުރުން އަރަން ފެށި." ރައިޝާ ދެ ކަކޫ ގަޔާ ކައިރިކޮށްލިއެވެ. "ލޯ ހުޅުވާލެވުނު އިރު ދޮންތައެއް ނެތް. އަހަރެން ގާތުގައި އިނީ ގޭ ކައިރީގައި އުޅޭ ހައްވަތަ އެކަނި."
"ކިހިނެއްވީ؟" ހަނީފުގެ ކެތްތެރިކަން ކޮޅުން ލަމުން ދިޔައެވެ.

"އަހަންނަށް ވެސް ވީގޮތެއް ނޭނގުނު. ދޮންތަ ބުނިހާ ވެސް ވާހަކައަކީ ކައިވެނީގެ ކަންކަން ހުއްޓައިލަން ޖެހިއްޖޭ. އަހަނަފެއް ދެން ނާންނާނޭ. ކެތްތެރިވާށޭ." ރައިޝާ ހިންދިރުވާލިއެވެ. "އަހަރެންގެ ސިކުނޑިއަށް ވެރިވީ ކުރީ ފަހަރު ކަންތައްވީ ގޮތް. އަހަރެންގެ އަލަތު ލޯބިވެރިޔާ ހަސަނަށް ދިމާވި ހާދިސާ. އަހަރެން މާލެއަށް ކުރިދަތުރަކަށް ފަހު، އަހަރެން ފުރުވާލުމަށް ހުޅުލެއަށް ގޮސް އެނބުރި މާލެދިޔަ މަގުމަތީ ބުރިޖުމަތިން ހިނގި އެކުސިޑެންޓެއްގަ އޭނާ ނިޔާވި ހާދިސާ. ދޮންތަގެ ވާހަކައިވުމާއެކު އެހަނދާން އާވީ."

"އަހުނަފު ވެސް ނިޔާވީތަ؟" ހަނީފު ހައިރާން ކަމާއެކު އަހައިލިއެވެ.
ބަދަލުގައި ރައިޝާ ބޯޖަހައިލިއެވެ.
"މިރޭ ހިނގައިގެން އުޅޭ ހާދިސާގައި ނިޔާވީ ރައިޝާގެ ދޮންބެއާ، އަހުނަފާއި އޭނާގެ އާއިލާގެ މެންބަރުންތަ؟" ހަނީފު ތުންފަތަށް ބާރުކޮށްލަމުން ފުށްކިބައިގައި އަތް ޖައްސައިލިއެވެ. "އަހަންނަށް އެނގިގެންނެއް ނޫން ކުރިން އެހެން ބުނީއެއް. ވަރަށް ބޮޑަށް މައާފަށް އެދެން."

ރައިޝާ ބާރުބާރަށް ރޯންފެށިއެވެ. ގިސްލަމުންނެވެ. ހަނީފު އޭނާގެ ގާތަށް ޖެހިލިއެވެ. މަޑުމަޑުން އޭނާގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލިއެވެ.
"އާއިލާގެ ހުރިހާ އެންމެންވީ ހަނިމާދޫގަ. އެމީހުން އަހަރެން ނުގެން ދިޔަ. އަހަރެން ބަލަން ހަވާލުކުރީ ހައްވަތައާ. ހައްވައްތައަށް ނިދިފައި އޮއްވާ އަހަރެން މިއައީ." ރައިޝާ ގިސްލެވުން އިތުރުވިއެވެ. "އެމީހުން އަހަންނަށް މިހެން ހެދީ ކީއްވެތަ؟ އެމީހުން ނޫނަސް އަހަރެން ވެސް އެންމެ ފަހު ވަގުތު ވެސް އެ މީހުންގެ މޫނު ދެކިލަން ދާން ބޭނުން ނުވާނީތަ؟ އަހަންނަކީ މުހިއްމު މީހެއް ނޫނީތަ؟ އަހުނަފުގެ އެ މައުސޫމު މޫނު ދެކިލުމުގެ ފުރުޞަތު އަހަންނަށް ނުދިނީ ކީއްވެތަ؟ އަހަރެން ދެކެ އެންމެ ލޯބިވީ ދޮންބެގެ އެ މޫނު.."

ރައިޝާގެ ބަޑިފަޅައިގެން ދިޔައެވެ. އޭނާ ގިސްލަ ގިސްލާ ރޮމުން ދިޔައެވެ. ދެއަތުން ބޮލުގައި ހިފައިގެން އިނދެއެވެ.
"ހަމަޖެހިލާ އިހަށް." ހަނީފުގެ މޭގައި ރައިޝާގެ ކޮނޑު ޖައްސުވައިލިއެވެ. މަޑުމަޑުން ރައިޝާގެ ކޮނޑުގައި ހަނީފު ހިފައި ބާރުކޮށްލިއެވެ.
"ކީއްވެތަ އަހަންނަށް މިހެން ދިމާވަނީ؟ އަހަންނަކީ އެހައި ސުންޕާ މީހަކީތަ؟" ރައިޝާގެ ހިތުގައި ހުރި ޝާކުވާތައް ބޭރުކުރަމުން ދިޔައެވެ. "ކޮންމެ ފަހަރަކު ވެސް އަހަންނަށް މިހެންވަނީ ކީއްވެތަ؟ އަހަންނަށް ފާފައެއް ކުރެވެނީތަ؟ އަހަންނަށް ގޯސް މަގުން ދެވެނީތަ؟"

"ކޮންމެ ކަމަކީ ވެސް އިމްތިހާނު. އަހަރެން ވެސް ތިޔަ ޝަކުވާ ކުރިން. ތިޔަ ވިސްނުން ބޮލަށް ލައިގެން އެތައް ދުވަހަކު އުޅުނިން. މި ރަށަށް މިއައީ ވެސް އެކަމުން ސަލާމަތްވެ ހިތްހަމަ ޖެހުމެއް ލިބޭތޯ،" ހަނީފު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެއް ގޮތަކުން މިރޭ ވަރަށް އުފާވެއްޖެ. އެކަމަކު އެއަށް ވުރެ ބޮޑަށް ހިތުގައި ޖެހިއްޖެ."
"އެއީ ކީއްވެ؟" ރައިޝާ މޮޅިވެރި ރާގެއްގައި ބުނެލިއެވެ. އޭރު ރައިޝާވަނީ ހަމައަކަށް އެޅިފައެވެ.

"ރައި އަހަންނަށް އިތުބާރުކުރީތީ. އަމިއްލައަށް މަރުވުމުގެ ވިސްނުން ދޫކޮށްލީތީ،" ރައިޝާގެ ފުރަގަހުން ހަނީފު ދެއަތް ވަށައިލާ ރައިޝާ ހަނީފުގެ މެޔާ ގާތްކޮށްލިއެވެ. "ރައީގެ ތިޔަ މާޒީގެ ހިތްދަތިކަން އިވިފައި ހިތްފަޅައިގެން ހިނގައްޖެ. އަހަންނަށް ތިޔަ ހިތުގެ އިހުސާސްތައް ވަރަށް ރަނގަޅަށް ވަޒަން ކުރެވިއްޖެ. ހީވީ ޚުދު އަހަންނަށް އެކަން ކުރިމަތިވިހެން."

"އަހަންނަކަށް ނޭނގުނު ކީއްވެކަމެއް މި ހުރިހާ ކަމެއް ނުވެސް ދަންނަ މީހަކަށް މި ކިޔައިދެވުނީ." ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އިތުބާރު ކުރެވުނީ. އަހަންނަށް އިތުބާރު ކުރެވުނީތީ އެހެން އެދިމާވީ. އެއަށް އަހަރުމެން މިކިޔަނީ ޓިކާނާއޭ. ނުވަތަ ބަހުގެ އިތުބާރޭ. ޓިކާނާގެ ތަރަހައަކީ ހާލަތް، ހާލަތުގެ ގޮތުން އެއް ވިސްނުމެއް އައުމަކީ އެކަކު އަނެއްކަކަށް އިތުބާރު ކުރެވޭ ސަބަބަކީ. ރައި އަށް ވެސް ތިވީ އެހެން." ހަނީފު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އަހަރެން މިރަށަށް ނާންނަން ހުއްޓާ މިރަށަށް ގެނުވި ބާރާއި، މި ދަންވަރު މި ހިތްގައިމު އަތިރިއަށް އަހަރެންގެ ވިސްނުމާ ދެކޮޅަށް މި ގެނުވި ބާރާއި، މިރޭގެ ހާދިސާއާ ގުޅުވައިލުމުން ފެންނަނީ ވެސް އެއް މަންޒަރެއް. ދޭހަވަނީ ވެސް އެއްކަމެއް. ރައި އަކީ ކާކުކަން، ނޭނގުނަސް އަހަންނަށް ވެސް ރައިގެ މައްޗަށް އިތުބާރު ކުރެވިއްޖެ."

ހަފީނު ރައިޝާގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވިއެވެ. ރައިޝާގެ ލޮނުން ފޯވެފައިވާ ހެދުމުގެ ފަސްބައި އޭނާގެ ކޮނޑަށް ލައި އޮޅައިލަމުން ރައިޝާގެ އަތުގައި ހިފައިލިއެވެ. އެއާއެކު އެއްގަމާ ވީކޮޅަށް މިސްރާބު ހިނގައިގަތެވެ.
"ގެނބެމުން ދިޔަ ރައި އަހަރެން ސަލާމަތް މި ކުރީ މުޅި އުމުރަށް. ރައި އަހަންނަށް އިތުބާރުކު ރީތީ." ހަނީފު ރައިޝާގެ ކޮނޑުގައި ހިފައި ގަޔާ ގާތްކޮށްލިއެވެ.

(ނިމުނީ)
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް