ads
ނަމާދު ކުރުން
ރޯދަމަހުގެ ތަރުބިޔަތު
އަޅުގަނޑުމެންނާ ބައްދަލުވެފައިމިވަނީ ބަރަކާތްތެރި رَمَضَانމަހެވެ. ތިބާގެ ޙަޔާތުގައި މި މައްސަރާ ބައްދަލު ވުމުގެ އައު ފުރުސަތެއް ދެއްވިކަމަށްޓަކައި، ﷲُ سَبُحَانَهُ وَتَعَالَى އަށް ޙަމްދުކޮށް ޘަނާ ކިޔުން ގިނަކުރާށެވެ! މި މާތް މަތިވެރި މައްސަރާ ބައްދަލުވުމުގެ އުއްމީދުގައި ތިބި އެތައްބަޔަކު، އިއްޔެއާއި އޭގެކުރީ ދުވަހު ވެސް ދުނިޔެ ދޫކޮށްފިވެއެވެ. އަޅުކަމުގެ މި މޫސުން، ތިބާގެ ތަޤްދީރުގައި ލިޔުއްވި ކަންމައްޗަށް އުފާކުރާހުށިކަމެވެ. ކުރިޔަށް އޮތް رَمَضَانމަހާ ބައްދަލުވާނެކަމުގެ އުންމީދު އަޅުގަނޑުމެން އެއްވެސް މީހަކަށް ނޯންނާނެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިއްޕަވާ!
Advertisement

މިއީ ފުއްސެވުމާއި، ދިންނެވުމުގެ މައްސަރެވެ. ޞަދަޤާތް ކުރުމުގެ މައްސަރެވެ. ތައުބާގެ މައްސަރެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މައްސަރެވެ. ހެޔޮޢަމަލުގެ މައްސަރެވެ. މި މަހުގެ ހެޔޮކަން އޭގެ ފުރިހަމަ ގޮތުގައި ލިބިގެންފިމީހާ ކާމިޔާބު ވެއްޖެއެވެ. އަދި މި މަހުގެ ހެޔޮކަމުން މަޙުރޫމު ވެއްޖެމީހާ، ހެޔޮކަންކަމުން މަޙުރޫމު ވެއްޖެއެވެ. ރަމަޟާންމަހުގެ އެންމެ ބޮޑު ކާމިޔާބަކީ ފާފަ ފުއްސެވުން ޙާޞިލްވުމެވެ. عَنْ أَبِي هُرَيْرَةَ قَالَ، قَالَ رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ "مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ "(صحيح البخاري) އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. رَسُولُ اللَّهِ صَلَّى اللَّهم عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާއި ސަވާބަށް އެދި ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެތެވެ."

އެކަމަށްޓަކައި ބޭނުންވަނީ ތިބާގެ ޙަޔާތް ތަރުތީބު ކުރުމެވެ. މި މަހުގެ ތާވަލުގައި އަޅުކަމުގެ ގޮޅިތައް ގިނަކުރުމެވެ. އެންމެ ފުރަތަމަ ކަމަކީ ކީރިތި ޤުރްއާން ޚަޠިމުކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތް ކުރުމެވެ. ކޮންމެ ދުވަހަކު މަދުވެގެން ފޮތެއް ކިޔެވޭތޯ ބަލާށެވެ. ދެން އެއަށްފަހު އިސްލާމްދީނުގެ ފިލާވަޅެއް ކޮންމެދުވަހަކު ކިޔަވާ މުރާޖަޢާކުރާށެވެ! ކީރިތި ޤުރުއާނުގެ ތަފްސީރުގައި މިކަހަލަ ފިލާވަޅުތައް ވަރަށް ގިނަ ވާނެއެވެ. ފަރުޟުނަމާދުތަކާއެކު ސުންނަތް ނަމާތުތައް ކުރުމަން ތިބާއާއި ތިބާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހިތްވަރުދޭށެވެ.

ރޯދަވީއްލާވަގުތަކީ ތަރުބިޔަތުގެ ވަގުތެކެވެ. އެ ވަގުތުގައި ކެއުމަށް އެކަނި އަހައްމިއްޔަތުކަން ނުދޭށޭވެ. ކާން އިށީންނަގޮތަށް މަޣްރިބް ނަމާދުގެ ވަގުތު ފިލަންދެން ކެއުމުގައި މަޑުނުކުރާށެވެ. ނުވަތަ ނަމާދުކުރަން އުނދަގޫވާވަރަށް ގިނައިން ނުކާށެވެ. ރޯދަ ވީއްލާ ވަގުތު މަދުން ކެއުމަށް ތިބާގެ އަމިއްލަ ނަފްސަށާއި އަނބިދަރިންނަށް ހަނދާންކޮށްދޭށެވެ.

ރޯދަވީއްލަނީ އަޅުކަމެއް ފުރިހަމަ ކުރާށެވެ. ކަދުރުން ރޯދަވީއްލުން އެއީ ސުންނަތެކެވެ. ކަދުރު ނެތްނަމަ ފެނެވެ. ރޯދަވީއްލާވަގުތު ކިޔާ ދުޢާ ދަސްކޮށް އެދުޢާކިޔަން ހަނދާން ކުރާށެވެ. "ذَهَبَ الظَّمَأُ وَابْتَلَّتْ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ" "ކަރުހިއްކުން ފިލައްޖެއެވެ. ނާރުތައް ތެމިއްޖެއެވެ. الله އިރާދަކުރެއްވިއްޔާ އަޖުރު ޘާބިތުވެއްޖެއެވެ."

ތަރާވީސްނަމާދު ކުރުމުން ރޭއަޅުކަމަށް ފުދެއެވެ. އިމާމްމީހާއާ އެކު އޭނާ ސަލާމްދެންދެން ނަމާދުގައި ހުރެއްޖެމީހާ މުޅިރޭ، ރޭއަޅުކަން ކުރިފަދައެވެ. ދުނިޔޭގެ ކަންކަން ފަހަށްޖައްސައި ރޭގަނޑުގެ ގިނަ ވަގުތު އަޅުކަމައިގެން އުޅުން މުހިއްމެވެ. މި ރަމަޟާންމަހު ހިތްވަރާއެކު ދަރުމަ އަށް އެދި އަޅުކަން ކުރުމަށް އަމިއްލަ ނަފުސު ހާނުވާ ތަރުތީބު ކުރަންވާނެއެވެ. ތަރާވީސްނަމާދަށް ފަހު ނިދުންނޫން އެހެން އެއްވެސް ކަމެއް ތާވަލް ނުކުރާށެވެ! ރޭގަނޑުގެ ނިންޖަކީ، މުހިއްމު އެއްޗެކެވެ. ދުވާލުގެ މަސައްކަތަަށް ލިބޭނެ އެންމެ ބޮޑު ހިއްވަރަކީ ރޭގަނޑުގެ ހަމަނިދި ފުރިހަމަ އަށް ލިބުމެވެ. އެހެންނޫންނަމަ، މުޅި ދުވަހު މީހާ ލޮޑުވެ ވަރުބަލިކަން އިހުސާސް ކުރެވޭނެއެވެ. އޭރުން އަމިއްލަ ނަފްސު ހެޔޮ ތަރުތީބަކުން ތަރުބިޔަތު ނުކުރެވޭނެއެވެ.

ކޮންމެ ދުވަހަކު ވެސް ތިބާގެ އީމާންތެރިކަން ތާޒާކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރެވޭނަމަ، ތިބާގެ ޖިސްމާއި ފުރާނަ، ހެޔޮމަގަށް ލެނބި، ރަނގަޅު މީހަކު ކަމުގައި ތިބާ ވެގެން ހިނގައިދާނެއެވެ. އެފަދަ ތަރުބިއްޔަތަކުން ތަރުބިޔަތުކުރަން އެންމެ ރަނގަޅު ވަގުތަކީ މި ވަގުތެވެ. މި މޫސުމެވެ. ރަމަޞާންމަހެވެ. ރަމަޟާންމަހުގެ ތަރުބިޔަތުން، ތަރުބިޔަތު ލިބިގަންނާށެވެ!

ނޯޓު: މިއީ ދީނުގެ މަގަށް އައްޝައިޚް މުޙައްމަދު އަފްޟަލް ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމަށް އެއްވެސް އުނިއިތުރެއް ގެނެވިފައެއް ނުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް