ޝުބުހަތާ ބެހޭ ގޮތުން ﷲ ވަޙީ ކުރައްވަނީ﴿فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا﴾ (البقرة: ١٠) މާނައީ: "އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ." އެބަޔަކީ ބޭރަށް ފެންނަ ބަލިމަޑުކަމެއްގެ އަހުލުވެރިންގެ ގޮތުގައި ފާހަގަވާ ބައެއް ނޫނެވެ. އެމީހުންގެ ބަލި ވަނީ ހިތުގައެވެ. އެއީ އީމާން ނުވުމުގެ ބައްޔެވެ. ނިފާޤުކަމުގެ ނުބައި ބައްޔެވެ. އެބަލި ހުންނަ މީހުން އެކަމުން ސަލާމަތްވާން މަސައްކަތް ނުކުރާނަމަ، ﷲ އެބައިމީހުންގެ ބަލިމަޑުކަން އިތުރު ކުރައްވަތެވެ.
އަދި ވެސް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. ﴿وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا﴾ (المدثر: ٣١) މާނައީ:- "އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافرން ބުނުމަށްޓަކައެވެ. މި مثالން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟" މި އާޔަތުން އިޝާރާތް ދޭ މިސާލަކީ ނަރަކައިގެ ބެލެހެއްޓުން ތެރެންގެ ގޮތުގައި ﷲ ލައްވާފައިވާ މަލާއިކަތުންގެ ވާހަކައެވެ. އެ ތަނުގެ ބެލެހެއްޓުން ތެރިންގެ ގޮތުގައި ﷲ ލައްވާފައިވަނީ 19 މަލާއިކަތުންކަން ހަމަ އެސޫރަތުގައި އަންގަވައި ވަޙީ ކުރައްވަނީ ﴿عَلَيْهَا تِسْعَةَ عَشَرَ﴾(المدثر: ٣٠) މާނައީ:- " (ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكة ންވެއެވެ."
މީގެ 1400 އެތަށް އަހަރެއް ކުރިން މި ޤުރުއާން ބާވައިލެއްވުނު އިރު އެ ޢަދަދުގެ މައްޗަށް މީސްތަކުން ބަހުސްކޮށް އޭގެން ﷲ އިރާދަފުޅު ކުރައްވަނީ ކޮން ޢިބުރަތެއް ދިނުމަށް ތޯ؟ ސުވާލުކޮށް އުޅުނު ފަދައިނ 19 (ނަވާރަ) މި ޢަދަދަކީ މިއަދު ވެސް އޭގެ މައްޗަށް ބަޔަކު ޝުބުހަ ކިޔާ އުޅޭ ޢަދަދެކެވެ. ހިތުގައި ބަލިމަޑުކަންވާ ބަޔަކު ކަމުގައި ނޫނީ އެމީހުން ނުވެއެވެ.
ﷲގެ ފޮތް ކީރިތި ޤުރްއާނާއި، ރަސޫލާ صَلَّى الله عَلَيْهِ وَسَلَّمގެ ގޮތްކޮޅު ނުވަތަ އިތުރު އެކަލޭގެފާނުގެ ސުންނަތް އެއީ ތިމާމެންގެ ކަންކަމުގެ އަސާސްކަމުގައި ބަލައިގަންނަން އިންކާރު ކުރާމީހުންނާ ބެހޭގޮތުން ﷲ ވަހީ ކުރައްވަނީ އަންނަނިވި ފަދައިންނެވެ. ﴿وَإِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ (٤٨) وَإِن يَكُن لَّهُمُ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ (٤٩) أَفِي قُلُوبِهِم مَّرَضٌ أَمِ ارْتَابُوا أَمْ يَخَافُونَ أَن يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ ۚ بَلْ أُولَٰئِكَ هُمُ الظَّالِمُونَ(٥٠)﴾ (النور: ٤٨ – ٥٠) މާނައީ: "(48)އަދި އެއުރެންގެ މެދުގައި حكم ކުރެއްވުމަށް، اللَّه އާއި އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ. (49)އަދި حق ލިބެންވަނީ، އެއުރެންނަށް ކަމަށްވާނަމަ، ރުހުމާއެކު، ކިޔަމަންތެރިކަމުގައި، އެކަލޭގެފާނުގެ އަރިހަށް އެއުރެން އާދެތެވެ. (50)އެއުރެންގެ ހިތްތަކުގައި ބައްޔެއް ވަނީހެއްޔެވެ؟ ނުވަތަ އެއުރެން (އެކަލޭގެފާނުގެ ނަބީކަމާމެދު) شك ކުރީ ހެއްޔެވެ؟ ނުވަތަ اللَّه އާއި، އެކަލާނގެ رسول އާ، އެއުރެންނަށް ބޭއިންސާފު ކުރައްވައިފާނެކަމަށް، އެއުރެން ބިރުގަންނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ."
ހަމަކަށަވަރުން ފުރިހަމަ އީމާން ކަމަކީ، ހިތުގެ ކަށަވަރުކަމާ އެކު ﷲގެ ކޮންމެ އަމުރެއް، ބަލައިގަތުމެވެ. އެ އިލާހު މީސްތަކުންނަށް ފޮނުއްވެވި ނަމޫނާއާ އެއްގޮތަށް އެ މީހެއްގެ ހުރިހާ ކަމެއް ބަދަލުކުރަން ރުހޭ ރުހުމެވެ. އޭނާގެ ބުއްދި އަށް ވިސްނޭ މާރަނގަޅުގޮތެއް ވަކިކަމެއްގައި އޮތަތީވެ، އެގޮތާ ޚިލާފަށް އިލާހީ އޮރުޝާދު އަންނަ ހިންދު ތިމާގެ އަމިއްލަ ގޮތް ދޫކޮށް، ހިތުގެ ރުހުން ﷲއާއި އެކަލާނގެ ރަސޫލާ އެންގެވިގޮތަށް ބަދަލު ކުރަން އުނދަގޫވާ މީހުންނަކީ، އެ މީހެއްގެ ހިތުގައި ބަލިމަޑުކަމެއް ވާ މީހެކެވެ. ހުރިހާކަމެއްގެ އަމުރު ނިމެނީ ﷲ އަށް ކަމަށް ބުނަމުން އަދި އެހެންމީހުންނަށް ވެސް އެ ގޮތުގެ މައްޗަށް އިރުޝާދުކުރަމުން ދާއިރު، ތިމާގެ އަމިއްލަ ޒާތީ މައްސަލަ އޮންނަ ކަންކަމުގައި އެގޮތް ބަލައި ނުގަނެވެއެވެ. މިއަށްވުރެވަކިން ބޮޑު ބަލިމަޑުކަމެއް އޮންނާނެހެއްޔެވެ. އެފަދަ ބަލިމީހުން ގެ ނޭދެވޭ އަސަރު މުޅި މުޖުޖަމަޢަށް ކުރެއެވެ.
އަޅަމެންނަކީ ހިތުގެ ބަލިމަޑުކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައި ވުމަށް އަބަދާ އަބަދު ﷲއަށް ދުޢާ ކުރަންވާނެއެވެ. ރަސޫލު ﷲ ވަރަށް ގިނައިން ހިތިގެ ޘާބިތުކަމަށް އެދި ދުޢާކުރައްވާކަމަށް ހަދީޘްގައި ވެއެވެ. عن أَنَسٍ رضى الله عنه قَالَ: ((كَانَ رَسُولُ اللَّهِ صلى الله عليه وسلم يُكْثِرُ أَنْ يَقُولَ: ((يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)) މާނައީ: އަނަސްގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صلى الله عليه وسلم އަންނަނިވި ދުޢާ ވަރަށް ގިނައިން ކުރައްވައެވެ. "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ. މި އަޅާގެ ހިތް އިބައިލާހުގެ ދީނުގައި ޘާބިތު ކުރައްވާނދޭވެ!"
ނޯޓު: މިއީ އައްޝައިޚް މުޙައްމަދު އަފްޟަލް ދީނުގެ މަގަށް ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުމަށް އެއްވެސް އުނިއިތުރެއް ގެނެސްފައެއް ނުވާނެއެވެ.