ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު އާއްމު ކުރި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކުގެ ތެރޭގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު ޑޭވްގެ ނަންވެސް އޮތެވެ. މަޖިލީހުން އާއްމު ކުރި ރިޕޯޓުގެ ކުރިން ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ޓީސީ ޑޭވްއަށް ތިން ލައްކަ ރުފިޔާވަނީ ދީފައެވެ.
މިކަމާ ގުޅޭ ގޮތުން ޓުވިޓާގައި ޑޭވް ވިދާޅުވެފައިވަނީ އޭނާއަށް އެ ފައިސާ ލިބުނު ވާހަކައަކީ ތެދެއް ކަމަށެވެ. އަދި އެ ފައިސާއަކީ ޓީސީއަށް ލިބުނު ފައިސާއެއް ކަމަށް ޑޭވްވަނީ ވިދާޅުވެފައެވެ. އަދި ޓީސީގެ އޮޑިޓް ރިޕޯޓުން އެ ހަރަދުތައް ފެންނަން ހުންނާނެ ކަމަށްވެސް ޑޭވް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރ ޑޭވްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފު ހިމެނިވަޑައިގަންނަވައެވެ. އަދި އޭގެ އިތުރުން ކުރީގެ ކުޅިވަރު ވަޒީރު މުހައްމަދު ހުސެއިން ޝަރީފާ މަލީހުވެސް ހިމެނިވަޑައިގަންނަވައެވެ.