ads
ރައްޔިތުންގެ މަޖިލިސް ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަންދޫބުން އެތައް ބައެއްގެ އަބުރު ކަތިލީތަ!؟
ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލަމުންދާ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުން ފޮނުވީ މަޖިލީހުގެ އެންގުމަށެވެ. ލިސްޓް ފޮނުވުމާއެކު މަޖިލީހުން ބެލިގޮތަކަށް ބަލައި އެލިސްޓް އާއްމު ކުރުމާ އެކު އެތައް ބައެއްގެ ހިތްހަމަނުޖެހުމާއި ކަން ބޮޑުފުޅުން ފާޅު ކުރަން ފެށި އެވެ.
Advertisement

ގިނަ ބައެއްގެ ހިތްހަމަނުޖެހުން މަޖިލީހަށް އަމާޒުވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުން އެކުލަވާލައިފައިވާ ހާއްސަ ކޮމެޓީއަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް އެއްވެސް އުނި އިތުރެއް ނެތި އާއްމު ކުރި އިރު، ލިސްޓުގައި ނަން އޮތް 281 މީހުންގެ ތެރެއިން 176 މީހުންނަކީ އެރިޕޯޓް އާއްމު ކުރުމާއި ހަމައަށް ސުވާލެއްވެސް ކޮށްލާފައިވާ ބައެއް ކަން އެރިޕޯޓުން ޔަގީންވާއިރު އެވަރުގެ ރިޕޯޓެއް ހާމަކުރުމުންނެވެ.

މަޖިލީހުން ހާމަކުރި ލިސްޓްގެ 63 އިންސައްތައް މީހުންގެ ތަހުގީގު ވެސް ނުފަށާކަން އެ ރިޕޯޓުން ހާމަވާއިރު، އެފަދަ ރިޕޯޓެއް ހާމަކުރުމަކީ ބަލައިގަނެވޭވަރުގެކަމެއް ކަމަށް ގަބޫލުނުކުރެވޭތީ މަޖިލީހަށް އަމާޒުވާ ފާޑުކިޔުންތަކާއި ހިތްހަމަނުޖެހުންތައް ގިނަވާނެ އެވެ. ސަބަބަކީ މަޖިލީހަކީ ނަޒާހަތްތެރި ތަނެއްގެގޮތައި ގާނޫނު އަސާސީން ތަސައްވަރު ކުރާތީ އެވެ. އަދި ރައްޔިތުންގެ ގެ އަކީ  އެހާ ޒިންމާދާރުކަން ކުޑަ ތަނެއްގެ ގޮތުގައި ރައްޔިތުމީހާއަށް ބަލައިގަންނަށް ފަސޭހަނުވާތީ އެވެ. 

ލިސްޓް އާއްމުކުރުމާ އެކު، ލިސްޓްގައި ހިމެނޭ ވިޔަފާރި ކުންފުނިތަކާއި އާއްމު ފަރުދުން އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވެފައި ނުވާނެ ކަމަށް ބުނެ، އިންޓަވިއު ދީ ބަޔާންތައް ނެރެ، އިހްސާސްތައް ހާމަ ކުރަން ފެށިއެވެ. 

ލިސްޓް އާއްމު ކުރުމާ އެކު އާއްމުންގެ ފާޑު ކިޔުން ބޮޑުވެ، އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދު ވަނީ ޖަވާބުދާރީވެފަ އެވެ. އަސްއަދު ވިދާޅުވީ އެލިސްޓްގައި ނަން އޮތް އެންމެންނަކީ ކުށްވެރިން ނޫން ކަމެވެ.

" ލިސްޓްގައި ނަން އޮތް އެންމެންނަކީ ތުހުމަތު ކުރެވޭ ބައެއް ކަމަށް ވެސް ނުނިންމަން." ރާއްޖޭގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އަސްއަދު ވިދާޅުވި އެވެ.

ސުވާލަކީ ލިސްޓްގައި ނަން އޮތް މީހުންނަށް ތުހުމަތު ވެސް ނުކުރެވޭ ކަމަށް ލިސްޓް އެކުލަވާލި ކޮމިޝަނުގެ ރައީސް ވިދާޅުވަމުންގެންދަވާ އިރު، އެ ވާހަކަތައް އެ ކޮމިޝަނުން މަޖިލީހަށް ހިއްސާކޮށްފައިނުވާނެތޯ އެވެ. އެ ކޮމިޝަނުން އެ މައުލޫމާތު ހިއްސާކުރިޔަސް އަދި ނުކުރިޔަސް މަޖިލީހަށް ލިބުނު ލިސްޓުންވެސް އެކަން މަޖިލީހަށް އެނގޭ އިރު އެވަރުގެ ކަމެއް މަޖިލީހުން ކުރީ ކީއްވެތޯ ކުރެވޭ ސުވާލަކީ ހަމަކޮށްލަން ރަނގަޅު ސުވާލެކެވެ. 

ދެން އޮތް އަނެއް ސުވާލަކީ ލިސްޓްގައި ނަން އޮތް މީހުންނާ މެދު ތުހުމަތު ވެސް ނުކުރެވޭ ކަމަށް ލިސްޓް އެކުލަވާލި ކޮމިޝަނުގެ ރައީސް ވިދާޅުވަމުންގެންދަވާ އިރު، އެ ލިސްޓެއްގެ މައްޗައް އެތައް ބައެއްގެ އަބުރު ކަތިލެވި، މުޖުތަމައުގެ ކުރިމަތީގައި އެތައް ބައެއް ފަލީހަތް ކުރުމުގެ ޒިންމާ ނަނގާނީ ކާކުބާ އެވެ؟ ދައުލަތުގެ ދެ އިދާރަކުން ގުޅިގެން ހިންގި މި ބޮޑު ޖަރީމާގެ ޒިންމާ ނަގަން ޖެހޭނީ ކޮން އިދާރާއަކުން ހެއްޔެވެ؟

ލިސްޓް އެކުލަވާލި ކޮމިޝަނުން ލިސްޓްގައި ހިމެނޭ އެންމެންގެ މައްޗައް ތުހުމަތު ނުކުރެވޭ ކަމަށް ބުނަމުންދާ އިރު، އެތައް ބައެއްގެ ބޮލިގައި ވަގު ބަދުނާމު އެޅި، މުޅި މުޖުތަމައުގައި އެ ފަރާތްތައް މިވަނީ ގަން ހިންގާފަ އެވެ. އެތައް ބައެއް މިވަނީ "ވަގުން"ނަށް ހަދާފަ އެވެ. އެތައް އަހަރެއްގެ މަސައްކަތު ހޯދި އިތުބާރު މިވަނީ ހިނދުކޮޅެއްގެ ތެރޭގައި ގެއްލި މުޅި އުމުރުގައި ނުފިލާވަރުގެ ލައްގަނޑެއް ޖެހިފަ އެވެ.

ބޮޑު ޖަރީމާއެއްގެގޮތުގައި ބެލުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމެއްގައި، މަޖިލީހުން ލިސްޓްހާމަކުރި ފަހުން އެ ލިސްޓާ ބެހޭ ގޮތުން އެސެޓް ރިކަވީ ކޮމިޝަނުން އެ ދައްކާ ވާހަކަ ލިސްޓް ހާމަނުކުރަނީސް މަޖިލީހަށް އެ ވާހަކަތައް ހިއްސާނުކުރާނެތޯ މިއީ ސުވާލެކެވެ. ހިއްސާނުކުރި ނަމަވެސް އެލިސްޓުން އެނގެން ހުރި މައުލޫމާތަށް ބަލާއިރު އެލިސްޓުގައި ހިމެނޭ ވަރަށް ގިނަ މީހުންނާ މެދު އެސެޓް ރިކަވަރީ ކޮމިޝަނުން ވަކި ގޮތެއް ނިންމާފައިނުވާކަން އެނގެ އެވެ. އަދި އެންމެ ކުޑަ މިނުން ތަހުގީގަށް ހޭ ވެސް އަހާނުލާކަން އެ ލިސްޓުން އެނގެ އެވެ. މި ހިސާބުން އުފެދޭ ސުވާލަކީ އެވަރުގެ ލިސްޓެއް ގާނޫނު ހަދާ މަޖިލީހުން ހާމަކުރީ ކީއްވެ ބާއްވަ އެވެ.

ގާނޫނު ހަދާ މަޖިލީހަށް މަތިކޮށްފައިވާ އަދި އަމަލުކުރަންޖެހޭ އުސޫލުތަކަށް ބަލާއިރު މަޖިލީހުން ކުރި ކަމެއްގެ ސަބަބުން ގިނަ ބައެއްގެ ބޮލުގައި އެޅިގެންދިޔަ އިލްޒާމާއި ގެއްލުނު އަބުރަކީ ތަހުޒީބު މުޖުތަމައެއް ބިނާކުރަން ކުރާ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅަކަށް ނޫނީ ނުވާނެ އެވެ. ސަބަބަކީ މަޖިލީހުގައި އެންމެ ކުޑަމިނުން ވާހަކަ ވެސް ދައްކަން ޖެހޭނީ ގާނޫނު އަސާސީ ބުނާގޮތުން އިސްލާމް ދީނުގެ އަސްލަކާއި އަދި ގާނޫނު އަސާސީއާ ހިލާފުނުވާ ގޮތަށެވެ.

މާނައަކީ ދޮގުހަދައިގެން މަޖިލީހުގައި ވާހަކަ ދެއްކުމަކީ ކުރިވެގެންވާނެކަމެއް ނޫނެވެ، އެއީ މަނާކަމެކެވެ. އެހެންކަމުން މަޖިލީހުގައި ސާބިތުނުުުހިފޭ ވާހަކަ ދެއްކުމަކީ މަނާކަމެއްކަމަށްވާއިރު މަޖިލީހުން ބައެއްގެ ބޮލުގައި މިވަރު ބޮޑު އިލްޒާމެއް އެޅި، އެތައް ބައެއްގެ އަބުރު ކަތިލެވޭ ޒާތު އަމަލެއް ހިންގުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ރައްޔިތުންގެ އަބުރު ކަތިލުން ނޫން ދެން ކޮން ކަމެއްތޯ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް