މިއަހަރު އިންތިހާބު ކުރެވުނު ހަތަރުވަނަ ދައުރުގެ މޭޔަރު އަދި ކައުންސިލަރުން ހުވާ ކުރުމާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގްރާރުވުމުގެ ރަސްމީޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އޮންލައިންކޮށެެވެ. އެ ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބު ކުރެވުނު ހުރިހާ ފަރާތްތަކާއި މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ހުވާކުރައްވާފައެވެ.
ނަމަވެސް ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުން ވަނީ ފަސްކޮށްފައެވެ.
އެގޮތުން މިއަދުގެ ހުވާކުރުމުގެ ޖަލްސާ ފައްޓަވަމުން ޑރ.މުއިއްޒު ވިދާޅުވީ ޑެޕިއުޓީ މޭޔަރު އިންތިހާބުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގާފައިވަނީ ހުރިހާ ކައުންސިލަރުން އެއްތަނަކަށް އެއްވެ ސިއްރު ވޯޓަކުން ކަމަށެވެ. ނަމަވެސް ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް ކުރިއަށްދާތީ ޑެޕިއުޓީ މޭޔަރަކު ހޮވުން މިއަދު ކުރިއަށް ގެންދެވެން ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރުން ފަސްކޮށްފައިވާއިރު، ޑެޕިއުޓީ މޭޔަރަކު އިންތިހާބުކުރާނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުންނެވި ކަމަށް ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީ ގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން 400 ގޮނޑިއާ އެކު ކައުންސިލްތަކުގެ އަގުލަބިއްޔަތު ނެގިއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ 325 ގޮނޑި ކާމިޔާބުކޮށްފައެވެ.