އިޖްތިމާއީ ކޮމިޓީގައި ޖުމްލަ ނުވަ މެންބަރުން ހިމެނޭއިރު، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު ފިރުޝާނާއެކު ތިއްބެވީ ހަތަރު މެންބަރުންނެވެ.
މެންބަރު އީސަ އަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކުއްލި ކޮމިޓީ ބައްދަލުވުމެއް ބޭއްވި ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އީސަގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެހޭގޮތެއް ނުވިއެވެ.
އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު ފިރުޝާން ވިދާޅުވީ ކޮމިޓީގެ ޗެއާ އާ ނުލައި ކޮމިޓީގައި ވޯޓިން ކޯރަމަށް ޖުމްލަ ފަސް މެންބަރުން ބޭނުންވާނެ ކަމަށާއި އެހެންކަމުން މިއަދުގެ ވޯޓިން ކޯރަމް ހަމަނުވި ކަމަށެވެ.
މިއަދުގެ ކޮމިޓީއަށް ހާޒިރުވީ މެންބަރުން
- މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
- މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
- މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދް
- ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް
ވޯޓިން ކޯރަމް ހަމަކުރުމަށްޓަކައި، ކޮމިޓީއަށް ހާޒިރު ނުވެ ބާކީ ތިބި ތިން މެންބަރުންނަށް ގުޅައިގެން ކޮމިޓީގައި ބައިވެރި ކުރެވޭތޯ ގިނަ މަސައްކަތް ކުރެވުނު ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން ނުވުމުގެ ސަބަބުން ކޮމިޓީ ވަނީ ނިންމާލާފައެވެ.
މިއަދުގެ ކޮމިޓީއަށް ހާޒިރު ނުވާ މެންބަރުން
- އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު
- ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު
- ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ
މައުލޫމާތު ލިބޭ ގޮތުގައިި ހާޒިރުނުވާ މެމްބަރުންގެ ތެރެއިން އެއް މެމްބަރު ހުރީީ ކަރަންޓިނުގައެވެ. އަދި އެއް މެމްބަރު މިވަގުތު އުޅެނީ މާލެއިން ބޭރުގައެވެ.
އީސަގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގި ކޮމިޓީ ނިންމާލަން ޖެހުނު ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން އީސަ ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ބަޔާން ނެރުއްވާފައެވެ.
މެންބަރު އީސަ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް ވަރަށް ބޮޑަށް އަނިޔާކޮށް ދަރިފުޅު ނުވަވަނަ ފްލޯގެ ބެލްކަނީ އިން ވައްޓާލަން އުޅުންކަމުގެ ތުހުމަތުގައި އޭނާ މަޖިލީހުގެ މެންބަރު ކަމުންވެސް އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.