ads
މާލެ ލޮކްޑައުން
ހުޅުމާލެއަށް އެރުން މަނާކުރިގޮތަށް މާލޭގެ ސަރަހައްދުތައް ވެސް ބަންދުކުރަމާ!
ކޮވިޑުގެ ބަލިމަޑުކަން އިންތިހާއަށް ބޮޑުވެ ކޮންޓްރޯލުން ނެއްޓުމާގުޅިގެން ސަރުކާރުންދަނީ ހާއްސަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކާފިއު އިއުލާނުކުރުމަށްފަހު މާދަމާއިން ފެށިގެން ފާހާ ނުލާ ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.

ފާޑުކިޔުންތައް ގިނަވި ނަމަވެސް ސަރުކާރުގެ އަމާޒަކީ ކޮންޓްރޯލުން ނެއްޓިފައިވާ ކޮވިޑުގެ ބަލި މަޑުކަން ކޮންޓޯލް ކުރުމެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ގޮސް އެންމެ ފަހުން ފުލް ލޮކްޑައުންއެއްގައި ހުރި ހުރިހާ ސިފަތަކެއް ޖައްސައިގެން ފިޔަވަޅުތައް ހަރުކަށި ކުރަމުންދަނީ އިތުރުގޮތްތަކެއް ނެތިގެންނެވެ.

ސަރުކާރަށް އެއްބަޔަކު ފާޑުކިޔާ ހިތްހަމަނުޖެހުންފާޅުކުރި ނަމަވެސް އަނެއް ބަޔަކު ދަނީ ސަރުކާރުގެ ފިޔަވަޅުތައް ލަސްވެގެން ފާޑުކިޔަމުންނެވެ. ފިޔަވަޅުތައް އަޅާލެއް ލަސްވުމާއި އަޅާ ފިޔަވަޅުތަކުން ނަތީޖާ ނުނެރެވުމާ އެފަދަ ފިޔަވަޅުތައް އަޅަމުންދާތީ ކިޔާ ފާޑުކިޔުންތައް ވެސް ގިނަ އެވެ.

މާލެ ނުވަތަ ރާއްޖެ ފުލް ލޮކްޑައުންނަކަށް ހިނގައްޖެ ނަމަ އިގުތިސާދީގޮތުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާނެތީ އެކަން ނުކޮށްެ މީހުން ގޭގައި މަޑުކުރެވޭނެގޮތްތަކެއް ވަނީ ހަދަން ޖެހިފަ އެވެ. ނަަމަވެސް ކިރިޔާ ވެސް އިގުތިސާދީ މަސައްކަތްތައް ހިންގައިގަނެވޭނެވަރުގެ ހާލަތެއް އޮތް ނަމަ އެހާލަތެއްގައި އިގުތިސާދީ ހަރަކާތްތައް ހިންގުމަށް ފުރުސަތު ވެސް ދޭން ޖެހެ އެވެ.

މާލޭ ސަރަހައްދުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާއިރު އެހިސާބުތަކަށް ބަަލައިގެން ހާއްސަ ފިޔަވަޅުތަކެއް އެޅިދާނެ އެވެ. އެގޮތުން އިއްޔެ އިއުލާނު ކުރިގޮތަށް ހުޅުމާލެއަކީ ވަކި ޒޯނެއްގޮތަށް ކަނޑައަޅައި އެ ޒޯނަށް ޒަރޫރީ ހާލަތުގައި ނޫން ގޮތަކަށް އެ ރަށަށް ނޭރޭނެގޮތް ހެދި ގޮތަށް މާލެ ވެސް ޒޯނުތަކަށް ބަހާލެވިދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ނިސްބަތްވާ ސަރަހައްދުތައް ފާހަގަކޮށް އެންމެ ބޮޑަށް ޕޮޒިޓިވްވާ ސަރަހައްދުތަކަށް މީހުން ވަނުން މަނާކުރަން ޖެހޭ ކަމަށެވެ.

"މާލެ ސަރަހައްދު މިވަނީ އަތްނުފޯރާފަށަށް ގޮސްފައި. ނަމަވެސް ލޮކްޑައުންނަކަށް ދިއުމަކީ ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމެއް. އެހެންކަމުން އެކަމުން ސަލާމާތްވުމަށްޓަކައި މާލެ ވެސް ޒޯންތަކަށް ބަހާލައިގެން އެންމެ ގިނައިން ޕޮޒިޓިވްވާ ސަރަހައްދުތައް ފާހަގަކޮށް އެ ސަރަހައްދުތައް ލޮކްޑައުން ކުރަންވީ. އޭރުން އެ ސަރަހައްދުތކުގައި އުޅޭ މީހުންނަށް އެހެން ދިމަދިމާލަށް ގޮސް ކޮވިޑް ފެތުރުމަށް ހުރި މަގުތައް ބަންދުވާނެ،": ބޮންޑޭ

މެމްބަރު ވިދާޅުވީ އެގޮތަށް އެކަން ކުރުމުން އެ ސަހަރައްދުތަކަށް އެހެން ބަޔަކަށް ވެސް ނޭރޭނެކަމަށާއި ނަތީޖާއަކަށްވާނީ ކޮވިޑް ފެތުރުން މަދުވުން ކަމަށެވެ.

"އެހީތެރިކަން ފޯރުކޮށް ދޭން ބެލި ނަމަވެސް މުޅި މާލެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބަދަލުގައި ވަކި ސަހަރައްދުތަކަށް ފޯރުކޮށްދޭން ފަސޭހަ ވެސް ވާނެ. އަދި އެ ސަރަހައްދުތައް މެނޭޖްކުރަން ވެސް ފަސޭހަވާނެ" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ތަފާސްހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައިވާ ނަމަ ކަމަށާއި ނަމަވެސް މާލެ ހުރިހާ ސަރަހައްދަކަށް ކޮވިޑުގެ ރާޅު އެއް ވަރަކަށް ބިންދާލާފައިވާ ނަމަ އެ ފިޔަވަޅަކީ ވެސް މިވަގުތު އެޅޭނެ ފިޔަވަޅެއް ނޫން ކަމަށެވެ. 

"މާލޭގެ ހުރިހާ ސަރަހައްދަކަށް އެއް ވަރަކަށް ކޮވިޑް ފެތުރިފައިވާ ނަމައެކަން ނުކުރެވިދާނެ ނަމަވެސް އެފިޔަވަޅު އަޅައިގެން ކޮވިޑް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާނެކަން ޔަގީން. ނަމަވެސް އެ ދުވަސްވަރު އެ ފިޔަވަޅު ނޭޅި ކީއްވެތޯ މިއީ މިހާރު ކުރަންޖެހޭ ސުވާލެއް،" ބޮންޑޭ އިތުރަށް ވިދާޅުވި އެވެ.

މެމްބަރު އެ ދައްކަވަނީ ރަނގަޅު ވާހަކައެއް ކަމަށް ފެނެ އެވެ. ނަމަވެސް އެ ވާހަކަ ރަނގަޅުވެފައި އެ ފާހަގަކުރާ ފިޔަވަޅު އަޅައިގެން ހައްލެއް އޮންނާނީ މުޅިމާލެއަށް އެއް ވަރަކަށް ކޮވިޑް ފެތުރިފައި ނެތް ހާލަތެއްގަ އެވެ. އެއް ފަހަރާ މުޅި މާލެއަށް އެއް ވަރަކަށް ހުރިހާ ހިސާބަކަށް ކޮވިޑް ފެރުތުމަކީ ވެސް ނާދިރުކަމަކަށްވެދާނެ އެވެ. ނަމަވެސް މާލޭގެ ކަންތައްތައް ހުންނަގޮތުން ވަރަށް އަވަހަށް މުޅި މާލެއަށް އެފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު އެބަ އޮތެވެ. 

އިގުތިސާދީގޮތުން އިނދަ ޖެހިފައިވާ ދަނޑިވަޅެއްގައި ވިސްނަންޖެހޭނީ މުޅި މާލެ ބަންދުނުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ގޮތެއްކަމަށް ފެނެ އެވެ. ނަމަވެސް އެކަންކަން ކުރެވޭނީ ދުރާލާ ވިސްނައި ހަ ފަރާތް ބަލައިގެން ފިޔަވަޅު އަޅާ ނަމަ އެވެ. މާދަމާއިން ފެށިގެން ހުޅުމާލެއަށް އަރާ ފޭބުން މަނާކުރާގޮތަށް މާލެ ވެސް ޒޯންތަކަކަށް ބަހާލައިގެން މެމްބަރު ބޮންޑޭ އެވިދާޅުވާގޮތަށް ދުރާލާ ފިޔަވަޅު އެޅި ނަމަ މިހާލަތަށް ނުގޮސް ހައްލެއް ލިބުމުގެ ފުރުސަތު އޮވެދާނެތާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް