ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން މޮނީޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ މި ރަށްރަށުގައި އަޅާނެ 10 ފިޔަވަޅެއް އާންމު ކޮށްފައެވެ. އެގޮތުން ރޭގަނޑު 09:00 އިން ފެށިގެން ފަތިހު 04:00 އަށް އެއްގަމު އުޅަނދު ދުއްވުމުގެ އިތުރުން، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކުރަން ނިންމާފައިވެއެވެ. ނަމަވެސް ރަށުގައި ބަލި ފެތުރުމުގެ ހާލަތަށްބަލާ، ކާފިއު ވަގުތަށް ބަދަލު ގެންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުނިކުތުމަށާއި، ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ. އަދި އެއްގެއިން އަނެއްގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައިވެއެވެ.
ހަމައެއާއެކު ސެލޫންތަކާއި، ޖިމްތަކާއި ބޯކޮށާތަންތަން ބަންދުކުރުމަށް ނިންމުމުގެ އިތުރުން، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓާލުމަށް އަންގާފައިވެއެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށް އަންގާފައިވެއެވެ.
މީގެ އިތުރުން ފިހާރަތަކުން ހިދުމަތްދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނުތަކާއި އެއްގޮތަށް ހިދުމަތްތައް ދިނުމަށް އަންގާފައިވެއެވެ. އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓު އަދި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދޭ ހިދުމަތްތައް ހުއްޓާލުމަށް އަންގާފައިވެއެވެ. ނަމަވެސް މި ތަންތަނުން ޓޭކްއަވޭ އަދި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.
މިއާއެކު ފ. ފީއަލި، ގއ. ވިލިނގިލި، އައްޑޫ ސިޓީ، ލ. ގަން، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ފ. ނިލަންދޫ، އދ. މާމިގިލި ގައި ފިޔަވަޅު އެޅުމަށް މީގެ ކުރިން ކޮށްފައިވާ އިއުލާނު ތަކާއި، މިމަހު ހައެއްގައި އަތޮޅުތެރޭގެ ރަށްރަށުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުން ބާތިލު ވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، ހޯމަ ދުވަހުގެ ހަވީރު 04:20 އާއި ހަމައަށް ރާއްޖޭގެ 74 ރަށެއް ވަނީ މޮނީޓަރިންގެ ހާލަތުގައެވެ.