ads
އަބްދުﷲ ސާދިގު (ސޯދުބެ) އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާޅިހް މިދިޔަ އަހަރުގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި--- ފޮޓޯ: ވީނިއުސް
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލަނީ
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މި މޭ މަހުގެ 30 ވާ އާދިއްތަ ދުވަހު ހުޅުއްވާލާނެކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ފުރުސަތު ހުޅުއްވައިލާނީ މެއި މަހުގެ 30 ވާ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެއެެވެ. އެ މުއްދަތުގެ ތެރޭގައި އިނާމަށް ފޯމް ހުށަހެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވައެވެ.

ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އިއްޒަތް ދީފައިވާ މީހުންނާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ނުވަތަ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދީފައިވާ މީހުންގެ ތެރެއިން، އެ މީހަކު އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މައިގަނޑު މަސައްކަތާ ގުޅިގެން އިނާމު ދީފައިވާ މީހުން މި އިނާމަށް ހުށަހެޅުމުން އިސްތިސްނާވާނެއެވެ. 

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ރައީސް އޮފީހުން ބުނީ އާދިއްތަ ދުވަހު އިނާމު ދިނުމުގެ އުސޫލުވެސް ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާނެ ކަމަށެވެ. 

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރުފު ކުރާ އިނާމެކެވެ. މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސް ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

އެއިނާމު ދެއްވުމުގެ މައިގަނޑު މަގްސަދަކީ، ތެދުވެރިކަމާއި، އިހްލާސްތެރިކަމާއެކު ދައުލަތަށް ހިދުމަތްކޮށްފައިވާ ނުވަތަ މިހާރުވެސް ހިދުމަތުގައި ދެމިތިބި މުވައްޒަފުންގެ ތެރެއިން، އެ އިދާރާއެއްގެ މައިގަނޑު ލަނޑުދަނޑިތައް ހާސިލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްފައިވާ މުވައްޒަފުންނާއި، އެ އިދާރާއެއްގެ ކުރިއެރުމަށް ހާއްސަ މަސައްކަތެއް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރެއްވުމެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހިދުމަތްކުރި، ނުވަތަ ހިދުމަތްކުރަމުންގެންދާ މީހަކަށް ވާންވާނެއެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ގައުމީ އިނާމާބެހޭ ކޮމިޓީން ބަލާނެ ކަމަށާއި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބަލާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަގީން ކުރާނެއެވެ.

އިނާމު ދެއްވުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުޠުތަކުގެ ތެރޭގައި، އިނާމަށް ހުށަހެޅިފައިވާ މީހަކީ، އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަންޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެއެވެ.

އިނާމަށް ހުށަހެޅިފައިވާ މީހަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއްކަމުގައިވާންޖެހޭނެ ކަމަށް ކޮމިޓީން ވިދާޅުވެއެެވެ. އަދި އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހެއްކަމުގައި ވެގެން ނުވާނެކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި "ޖިނާއީ ބޮޑު ކުށެއް" ގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހްގީގެއް ހިންގަމުންދާ މީހެއްކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑު (ކޯޑް އޮފް ކޮންޑަކްޓް) އާ ހިލާފުވެފައިވާ މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް