ads
ވީޑިއޯ ރިޕޯޓް-
އިންޓެނުގެ އަގުތައް؛ ރައްޔިތުން އުއްމީދާ ކައިރިއެއް ނުކުރި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުންގެ ތާއީދު ހޯދުމަށް އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކަށް ވެގެންދިޔައީ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވާހަކަފުޅެވެ. އިންޓަނެޓުގެ އަގުހެޔޮ ކުރުމަކީ ރައީސް ސާލިހުގެ ކޯލިޝަން ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އެ ވައުދު ފުއްދެވުމަށްޓަކައި މިނިސްޓްރީ އެއް ރައީސް އުފެއްދެވި އެވެ. އަދި މިނިސްޓަރެއްވެސް އައްޔަން ކުރެއްވި އެވެ. ނަމަވެސް މިހާރު އެ މިނިސްޓަރު މަގާމުން ވަކިކޮށް މިނިސްޓްރީ ވެސް ވަނީ އުވާލާފަ އެވެ. އަދި އިންޓަނެޓް އަގުހެޔޮކުރުމަށް އިތުރު މިނިސްޓަރެއް ވަނީ އައްޔަން ކޮށްފަ އެވެ.

މިނިސްޓަރު އޮފް އެންވަރަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އުފައްދަވާ އައިޝަތު ޝައުނާ އެ މިނިސްޓްރީގެ މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް ސޯލިހްވީ ވައުދު، އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދު ވަނީ ފުއްދާފަ އެވެ.

އިންޓަނެޓުގެ އެންމެ ހެެޔޮ އަގެއްގެ ގޮތުން ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްގެ އަގު 30 އިންސައްތައަށް މިނިސްޓަރު ވަނީ ދަށްކޮށްފަ އެވެ. އިންޓަނެޓުގެ އަަގަށް ގެެނެވުނު މިބަދަލާ އެކު ޑޭޓާ އެލަވަންސާއި ސްޕީޑް އަދި ތްރޮޓަލް ސްޕީޑް ދަށް ނުވާނެ ގޮތަށް ތިން ޕެކޭޖެއް ތައާރަފް ކުރާނެ އެވެ. 

ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ އަގަށް ގެނައި ހެޔޮ ބަދަލުތަކަށް ބަލާއިރުގައި 250 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 5 އެމްބީޕީއެސްގެ ސްޕީޑްލިބޭ 30 ޖީބީ ޕެކޭޖެއް، 500 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 15 އެމްބީޕީއެސްގެ ސްޕީޑްލިބޭ 100 ޖީބީ ޕެކޭޖެއް، 700 ރުފިޔާއަށް ވުރެ ބޮޑުނޫން އަގެއްގައި 25 އެމްބީޕީއެސްގެ ސްޕީޑް ލިބޭ 200 ޖީބީ ޕެކޭޖެއް ލިބޭނޭ ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

މީގެ އިތުރުން މޯބައިލް ޑޭޓާ ޕެކޭޖްތަކުގައި ލިބޭ ޑޭޓާ އެލަވަންސްގެ މިންވަރަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެންނަން ކަނޑައަޅާފައެވެ. އެގޮތުން ޕްރިޕެއިޑް ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ހަޔާ ޑޭޓާ އެލަވަންސްގެ އިތުރުން މޯބައިލް ބްރޯޑްބޭންޑް ޕެކޭޖްތަކުގައި ލިބޭ އެލަވަންސް އެންމެ މަދުވެގެން 20އިންސައްތައިގެ ނިސްބަތުން ވަނީ އިތުރުކުރަންވެސް ކަނޑައަޅާފައެވެ. 

"ނެޓު ހެޔޮ" ގެ ދަށުން ކަނޑައެޅި އެންމެ މުހިންމު އެއް މިންގަނޑަކީ 1 ޖުލައި 2021 އިން ފެށިގެން ރާއްޖޭގެ ނެޝަނަލް ބްރޯޑްބޭންޑް ހިދުމަތުގެ އެންމެދަށް ސްޕީޑަކީ 2 އެމްބީޕީއެސް އަށް ކަނޑައެޅުމެވެ. މިއާއެކު ރާއްޖޭގައި ވިއްކާ އެންމެ އަސާސީ އިންޓަނެޓު ޕެކޭޖްތަކުގައިވެސް ތްރޮޓަލް ސްޕީޑް 2 އެމްބީޕީއެސްއަށް ވުރެ ދަށްވެގެން ނުދާނެކަމަށް ވަނީ ބުނެފައެވެ. 

އަދި 300 އަށްވުރެ ބޮޑު އަގެއްގައި ވިއްކާ ފިކްސްޑް ބްރޯޑްބޭންޑް ގޭބިސީތަކުގެ ޕެކޭޖްތަކުގައިވެސް ތްރޮޓްލް ސްޕީޑް އެންމެ ދަށް ކުރެވޭނީ 5 އެމްބީޕީއެސް އާ ހަމަޔަށް ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެންކަމުން މި ބަދަލާ އެކު ދެގުނަ އާއި ފަސްގުނަ އާއި މެދުގެ އަދަދަކަށް ތްރޮޓަލް ސްޕީޑް މިހާރު މިވަނީ ދަށްކުރެވިފައެވެ. 

އިންޓަނެޓްގެ އަގުތަކާއި ސިޕީޑަށް ބަދަލުތަކެއް ގެނެސްފައިވާއިރުގައި ރައްޔިތުން އަދިވެސް ބުނަމުން ދަނީ އެދެވޭ ވަރުގެ ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ. އިންޓަނެޓަށް ހޭދަކުރާ ފައިސާގެ ތެރެއިން ހަމައެކަނި 100 ރުފިޔާ ނުވަތަ 200 ރުފިޔާ އުނިވުމަކީ އެއީ މާބޮޑު ލުޔެއް ނޫން ކަމަށް ވެސް ބުނެ އެވެ.

މީގެ އިތުރުން އިންޓަނެޓަށް ގެނައި ބަދަލުތަކަކީ މިނިސްޓަރު މަހީލު މަގާމުން ވަކިކުރުމާ ގުޅިގެން އަލަށް އައްޔަނު ކުރި މިނިސްޓަރުގެ ގާބިލިއްޔަތުކަން ހުރިކަން ދެއްކުމަށް ކުރި ކަމެއް ކަމުގައި ވެސް ރައްޔިތުން ބުނެ އެވެ.

އަގުހެޔޮ ކުރިއެއް ކަމަކު އިންޓަނެޓްގެ ސްޕީޑް މިއަދަށްވުރެ މާދަމާ ހަލުވި ވާނެތޯ އެއީ ވެސް ގިނަ ރަށްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. އިންޓަނެޓްގެ އަގުތައް މިއަދު ކުޑަ މިންވަރަަކަށް ނަމަވެސް ދަށްކޮށްފައި ވާއިރުގައި އަދި މި އަގުތަކަށް އަމަލު ކުރަން ފަށާނީ ޖުލައި މަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް