ނިދުމުގެ މައްސަލަތަކަކީ ދުނިޔޭގެ 45 އިންސައްތަ މީހުންނަށް ކުރިމަތިވާ މައްސަލައެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހަމަ ނިދި ލިބުން ބިނާވެފައި އޮންނަނީ ނިދުމަށް ހޭދަވާ ވަގުތަށް ވުރެ ބޮޑަށް "ޑީޕް ސްލީޕް" ނުވަތަ ގަދަޔަށް ނިދުމުގެ މައްޗަށެވެ.
ހަމަނިދި ހޯދުމަށް ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
ނިދާ ކޮޓަރީގެ ފިނިހޫނުމިން
ނިދާ ކޮޓަރީގެ ފިނިހޫނުމިން 15 ނުވަތަ 20 ޑިގްރީގައި ބެހެއްޓުމަކީ ވެސް ނިދި ފުރިހަމަ ކޮށް ހަމަނިދި ލިބުމަށް އެހީވެދޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެެވެ. އަދި ނިދާ ގޮދަނޑި އަކީވެސް ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓާ ހަމަނިދި ފުރިހަމަ ކުރުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ފަސޭހަ އަރާމު ގޮދަނޑި އެއްވެސް ހޯދިދާނެއެވެ.
ނިދުމުގެ ކުރިން އެއް އާދަތަކެއް ގެންގުޅުން
ނިދުމުގެ ކުރިން ހޫނުކޮށް ފެންވަރާލުން، ފޮތެއް ކިޔާލުން ނުވަތަ ޔޯގާ އަކީވެސް މަޑުމަޑުން ނިދުމަށް ސިކުނޑި ތައްޔާރު ކޮށްލުމަށް އެހީވެދޭނެ ކަމެކެވެ.
އަދި ކޮންމެ ދުވަހަކު ނިދަން ގަޑިއެއް ކަނޑައަޅާ މިޝެޑިއުލް އަށް މަސައްކަތް ކުރުމަކީ ވެސް ނިދި ފުރިހަމަ ކުރަން ވަރަށް މުހިއްމު ކަމެކެވެ.
ނިދާ ކޮޓަރީގެ އަލި މަޑުކުރުން
އަނދިރިވާން ފެށުމުން ސްލީޕް ހޯމޯން ކަމަށްވާ މެލަޓޮނިން ހަށިގަނޑުގައި އުފައްދަން ސިގްނަލް ދޭން ފަށައެވެ. އަދި އަލިގަދަ ނަމަ މި ހޯމޯން އުފެއްދުން މަޑުޖައްސާލައެވެ.
ނިދުމުގެ ކުރިން ސްމާޓް ފޯން ބޭނުން ކުރުމަކީވެސް މިހެންވެ ހަމަ ނިދި ލިބުމަށް އަސަރުކުރުވާ ކަމެކެވެ. ސްކްރީންގެ ލައިޓާއި އެޕްލިކޭޝަންތައް ފަރުމާކޮށްފައި ހުންނަ ގޮތުން ސިކުނޑި ހޭލައްވާލާ ނިދި ފިލުވާލައެވެ. މިކަމަށް ނިދުމުގެ 2 ގަޑިއިރު ކުރިން ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސް ތަކާ ދުރުވެވިދާނެއެވެ. އަދި ކޮޓަރީގެ އަލި މަޑުކޮށްލެވިދާނެއެވެ. އަދި ސްލީޕް މާސްކްއެއް ބޭނުން ކުރެވިދާނެއެވެ.
ނިދާ ވަގުތު ނިދިން ހޭލެވޭ ފަދަ އަޑުތައް މަޑުކުރުން
ފޯނަށް އަންނަ ނޯޓިފިކޭޝަން ފަދަ އަޑުތަކަކީ ނިިދޭ ވަގުތު ނުވަތަ "ޑްރީމް ސްލީޕް" ގެ ވަގުތުގައި ނިދި ހަލާކުކޮށްލާ ކަމަކެވެ. އެހެންކަމުން ނިދަމުން ފޯނު ސައިލެންޓް މޯޑްގައި ބޭއްވުން ނުވަތަ ސްމާޓްފޯން ފަދަ ތަކެތި ދުރުގައި ބޭއްވުމަކީވެސް މިކަމަށް އޮތް ހައްލެކެވެ.
ކެފެއިން ބޭނުން ކުރާވަރު މަދުކުރުން
ކެފެއިންގެ ސަބަބުން ނިދި ހަމަވެގެން ހޭލެވުމުގެ މާކުރިން ހޭލެވުން ފަދަ ކަންތައް ކުރިމަތިވެ ނިދަން އުނދަގޫ ވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ކެފެއިން ހިމެނޭ ބުއިންތައް ނިދުމުގެ ހަ ގަޑިއިރު ކުރިން ހުއްޓާލުމަކީ މިކަން ހައްލުކުރަން ކުރެވިދާނެ ކަމެކެވެ.
ގަދަޔަށް ނުވަތަ ކުޅިކޮށް ނުކެއުން
ނިދުމުގެ ކުރިން މާގިނައިން ކެއުން ނުވަތަ މާ ކުޅިކޮށް ކެއުމުގެ ސަބަބުން ހަޖަމު ކުރުމަށް އުނދަގޫވެ ގޭސްޓްރިކް މައްސަލަތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ނިދި ހަލާކު ކޮށްލައެވެ. ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުމާއި ރޭގަނޑު މަދުން ކެއުމަކީ މިކަމަށް އޮތް ހައްލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މަތީގައިވާ ކަންތައްތަކުން ހަމަ ނިދި ހޯދެނީ ކިހާވަރަކަށްތޯ ބަލާލެވިދާނެއެވެ. އަދި މި ކަންކަމުން ނިދުމަށް އެހީތެރިކަމެއް ނުލިބޭނަމަ ކަމާގުޅޭ މާހިރެއްގެ އިރުޝާދު ހޯދިދާނެއެވެ.