ދިރާގުން ބުނީ ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮޕާ ތަކެއް ދިރާގު ކަސްޓަމަރުންނަށް ހަމަޖައްސާފައިވަނީ ކޮވިޑް 19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ގޭގައި ތިބެން ޖެހިފައިވާތީ ކަމަށެވެ.
އެގޮތުން މިއަދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންގެ ޕެކޭޖްތަކަށް ލިބިގެންދާ ޑޭޓާގެ އިތުރަށް އެއްވެސް ހަރަދަކާނުލައި ހިލޭ ޑޭޓާ މި ޖޫންމަހަށް ދީފައިވާކަމަށް ދިރާގުން ބުންޏެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 އިންސައްތަ ހިލޭ އިތުރު ޑޭޓް ލިބޭއިރު، ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 އިންސައްތަ އާއި 200 އިންސައްތަ އާއި ދެމެދުގެ ހިލޭ ޑޭޓާ ވަނީ ފޯރުކޮށްދީފައިކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 އިންސައްތަ ހިލޭ އިތުރު އެލަވަންސް ލިބޭއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 300 އިންސައްތަ ހިލޭ އިތުރު އެލަވަންސް ވަނީ މި ޖޫން މަހު ފޯރުކޮށްދީފައެވެ.
ދިރާގުން ބުނީ މިދުވަސްވަރަކީ ގޭގައި ތިބެގެން ގިނަބަޔަކު އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ޖެހިފައިވާ ދުވަސްވަރެއްކަމުން އިތުރަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތޮން 27 މޭ އިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ނަންގަވާ ބޫސްޓަރ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ވެސް އިތުރު ހިލޭ ޑޭޓާ ދޭންފަށާފައިވާ ކަމަށެވެ.
ބޫސްޓާ ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ
ދިރާގުން ބުނީ އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓްގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.