މި ގެނެސްދެނީ، ދެކުނު އޭޝިއާ ސަރަހައްދު ނުވަތަ ސާފު ޗެމްޕިއަންޝިޕުގައި ރާއްޖެއާ އެކު ވާދަކުރާ ގައުމުތަކުން ވޯލްޑް ކަޕް ކޮލިފައިންގައި ބާކީ ހުރި މެޗުތަކާ އަދި ގްރޫޕް ތަކުގެ މިހާރުގެ ނަތީޖާތައް ހުރި ގޮތުގެ ކުރު ޚުލާސާއެކެވެ.
އިންޑިޔާ
އަވައްޓެރި އިންޑިޔާ ހިމެނިފައި އޮތީ، ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ދެހާސް ބާވީސްވަނަ އަހަރުގެ ވޯލްޑްކަޕް ހޯސްޓް ކުރާ ގަތަރުގެ އިތުރުން، އޮމާން އަފްޣާނީސްތާނު އަދި ބަންގްލަދޭޝްއެވެ. މިހާތަނަށް މި ގްރޫޕުން އިންޑިޔާ ފަސް މެޗު ކުޅެފައިވާއިރު، ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެއީ ތިން މެޗުން އެއްވަރުވެގެން ލިބިފައިވާ ތިން ޕޮއިންޓެވެ. އެންމެ މެޗަކުންވެސް އިންޑިޔާ އަދި މޮޅެއް ނުވެއެވެ. ބާކީ ހުރިހާ މެޗެއް ކާމިޔާބުކުރި ނަމަވެސް އިންޑިޔާއަކަށް ގްރޫޕުގެ އެއްވަނައެއް ނުލިބޭނެއެވެ.
މި ގްރޫޕްގެ މެޗުތައް ގަތަރުގައި ކުޅޭއިރު، އިންޑިޔާ އިން ބުރާސްފަތި ދުވަހު ނުކުންނާނީވެސް ގަތަރާ ދެކޮޅަށެވެ.
ބަންގްލަދޭޝް
ބަންގްލްދޭޝް އޮތީ އިންޑިޔާ ހިމެނޭ ގްރޫޕުގެ އެންމެ ފުލުގައެވެ. ފަސް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެއެވެ. އެއީ އިންޑިޔާއާ އެއްވަރުކޮށްގެން ލިބުނު ޕޮއިންޓެވެ. އަނެއް ހަތަރު މެޗުން ބަލިވެފައިވާއިރު، ބުރާސްފަތި ދުވަހު ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
ނޭޕާލް
ނޭޕާލް އޮތީ ގްރޫޕް ބީގައެވެ. ގްރޫޕް ބީގައި ނޭޕާލާ އެކު ދެން ހިމެނެނީ އޮސްޓްރޭލިއާ، ކުވައިތު، ޖޯޑަން އަދި ޗައިނީޒް ތައިޕޭއެވެ. މި ގްރޫޕުގެ ބާކީ މެޗުތައް ކުވައިތުގައި ކުޅެން ހަމަ ޖެހިފައިވާއިރު، ބުރާސްފަތި ދުވަހު ނޭޕާލް ނުކުންނާނީ ޗައިނީޒް ތައިޕޭއާ ދެކޮޅަށެވެ. ގްރޫޕުގައި މިހާތަނަށް ކުޅެފައިވާ މެޗުތަކުގެ ތެރެއިން ނޭޕާލް މޮޅުވެފައިވާ ހަމައެކަނި މެޗަކީވެސް ޗައިނީޒް ތައިޕޭއާ ދެކޮޅަށް ކުޅުނު މެޗެވެ. ފަސް މެޗުން ތިން ޕޮއިންޓާ އެކު ނޭޕާލް އޮތީ ފަހަތުން ދެވަނައިގައެވެ.
ސްރީ ލަންކާ
ގްރޫޕް އެޗްގައި އޮތް ސްރީލަންކާއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ގްރޫޕުގައި ދެން ހިމެނެނީ ސައުތު ކޮރެއާ، ލެބަނަން، ތުރުކުމަނިސްތާނު އަދި އުތުރު ކޮރެއާއެވެ. އެހެންނަމަވެސް އުތުރު ކޮރެއާ މިހާރު މުބާރާތުން ވަކިވެފައިވާތީ ލަންކާ އޮތީ ފުލުގައެވެ. ލަންކާ އަދި އެންމެ މެޗަކުންވެސް މޮޅުނުވެއެވެ.
މި ގްރޫޕުގެ ބާކީ މެޗުތައް ކުރިއަށްދަނީ ދެކުނު ކޮރެއާގައެވެ. އުތުރު ކޮރެއާ މުބާރާތުން ވަކިވުމުން ބުރާސްފަތި ދުވަހު ލަންކާއިން އެ ގައުމާ ދެކޮޅަށް ކުޅެން އޮތް މެޗުވަނީ ކެންސަލްވެފައެވެ. ލަންކާގެ މެޗެއް އޮންނާނީ ހޮނިހިރު ދުވަހުއެވެ. ހޮނިހިރު ދުވަހު ލަންކާ ނުކުންނާނީ ލެބަނާނާ ދެކޮޅަށެވެ.
ޕާކިސްތާނު އަދި ބޫޓާން
ފީފާއިން މިހާރު ސަސްޕެންޑްކޮށްފައިވާ ޕާކިސްތާނު އަދި ބޫޓާނަށް ކޮލިފައިންގ ދެވަނަ ބުރާ ހިސާބަށް އާދެވޭ ގޮތެއް ނުވިއެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތް ގުއާމް އަތްދަށުވެ ބޫޓާން ފުރަތަމަ ބުރުން ކަޓާފައިވާއިރު ޕާކިސްތާނު ކެޓީ ކެމްބޯޑިއާ އަތުންނެވެ. މި މެޗު ކުޅުނީ ޕާކިސްތާނު ސަސްޕެންޑް ކުރުމުގެ ކުރިންނެވެ.