ads
މީދޫ ބަނދަރު--ފޮޓޯ:އެމްޓީސީސީ
މީދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެ
އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މީދޫ ބަނދަރު ހެދުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރުގެ ޖޫން މަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 36.5 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ.

އެގޮތުން ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި ލުމާއި، އެއްގަމު ތޮށި ވަށައިގެން 3,125 އަކަމީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރުގައި 11 މީޓަރު 11 މީޓަރުގެ ރޭމްޕް އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިން ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރަކީ އާންމުކޮށް ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިން އާއި ތަފާތު ހިތްގައިމު ބަނދަރެއް ކަމަށެވެ. އެގޮތުން ވާ އައްސާ ކުޅި ތަކުގެ އިތުރުން ވާ އައްސާނެ ބޮލާޑް ވެސް ވަނީ ހަރުކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ބަނދަރުގެ ޑިޒައިން ކުރެވިފައިވަނީ ކުރިން މީދޫ ގައި ދިމާވި ބޮޑު ދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް ހުސްކޮށް ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން އައްޑޫ ސިޓީގެ ތަރައްގީއަށް ގިނަ މަޝްރޫއު ތަކެއްގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން ހުޅުދޫ ބަނދަރު ތަރައްގީ ކުރުމާއި، ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަސައްކަތާއި، ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން ހިތަދޫގެ ކުރީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އެމްޓީސީސީ އިން ބުނީ އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 237 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. 

އޭގެ އިތުރުންވެސް އައްޑޫ ސިޓީގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ކައިރި މުސްތަގުބަލެއްގައި ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް